03 ފެބުރުއަރީ 2019 - 07:23

ޑީސީ ކޮމިކްސްގެ މަޝްހޫރު ކެރެކްޓާ ބެޓްމޭންގެ ރޯލް އެކްޓަރު ބެން އެފްލެކް މި ފަހުން ކުޅެމުން ދިޔަ ނަމަވެސް 2021 ގައި ރިލީޒް ކުރާ "ބެޓްމޭން" ފިލްމުން އޭނާ ނުފެންނާނެކަން ޑައިރެކްޓަރު މެޓް ރީވްސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.
އެހެންވެ ސުވާލަކީ އެ ރޯލް ދެން ކުޅޭނީ ކޮން އެކްޓަރެއްތޯ އެވެ؟
ހޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބެޓްމޭންގެ ރޯލުން ދެން ފެނިދާނެ ކަމަށް ބެލެވޭ އެކްޓަރުންގެ ތެރޭގައި ޖޭކް ޖިލެންހާލް އާއި މައިކަލް ބީ ޖޯޑަން އާއި ޒެކް އެފްރޯން ފަދަ އޭ ލިސްޓް އެކްޓަރުން ހިމެނެ އެވެ.
މި ނަންތަކާ އެކު ސޯޝަލް މީޑިއާގައި މިހާރު ބަހުސަކަށްވެފައި ވަނީ އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ފިރިމީހާ ނިކް ޖޯނަސް ބެޓްމޭންގެ ރޯލަށް ޝައުގުވެރިކަން ފާޅު ކުރުމުންނެވެ.
އިންސްޓަގްރާމްގައި ބެޓްމޭންއަކަށް ދެން ވާނީ ކާކުތޯކޮށްފައިވާ ސުވާލަކަށް ޖަވާބު ދީ ނިކް ވަނީ އަމިއްލަ އަށް އެ ރޯލް ކުޅެން ޝައުގުވެރިކަން އޮތް ކަމަށް ބުނެފަ އެވެ. އޭނާ ބުނީ އެ މީހަކީ "ފުރަތަމަ ނަމަކަށް ނިކް ކިޔާ، ފަހު ނަމަކަށް ޖޯނަސް ކިޔާ މީހެއް" ކަމަށެވެ.
ނަމަވެސް ބެޓްމޭންގެ ނަމާ އެކު ނިކްގެ ނަން ތިލަވުމުން ބައެއް ފޭނުން އަންނަނީ އެއީ އެއްގޮތަކަށް ވެސް ރަނގަޅު ހޮވުމަކަށް ނުވާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރަމުންނެވެ. އެއް ބަޔަކު ދެކޭ ގޮތުގައި 26 އަހަރުގެ ނިކް ބެޓްމޭންގެ ރޯލް ކުޅޭ ވަރަށް ވުރެ އަދި ޅަ އެވެ. އަދި ބައެއް މީހުން ބުނެފައި ވަނީ ނިކް އެއްގޮތަކަށް ވެސް އެ ރޯލަށް ފިޓް ނުވާ ކަމަށާއި ޑީސީން މިކަމާ ދޭތެރޭ ސީރިއަސްކޮށް ވިސްނަން ޖެހޭނެ ކަމަށް ބުނެފަ އެވެ.
މަދުމަދުން ފިލްމުތައް ކުޅޭ ނިކް އާންމުންގެ ތެރޭގައި މަޝްހޫރީ ލަވަކިޔުންތެރިއެއްގެ ގޮތުގަ އެވެ. އެކަމަކު ސުވާލަކީ ވޮލަންޓިއާކޮށް، ބެޓްމޭންފެ ރޯލް ކުޅެން އޭނާ ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު، ޑައިރެކްޓަރު އޭނާ ފިލްމަށް ނަގައިފާނެތޯ އެވެ؟
"ޕްލެނެޓް އޮފް ދި އޭޕްސް" ފަދަ ފިލްމުތައް ގެނެސް ދިން، މެޓް "ބެޓްމޭން" ޑައިރެކްޓް ކުރާ އިރު، މީގެ ސްކްރީންޕްލޭގައި އޭނާއާ އެކު އެފްލެކް ވެސް ހިއްސާވެ އެވެ. އަދި ފިލްމުގެ އެއް ޕްރޮޑިއުސަރަކީ ވެސް އެފްލެކެވެ. އެހެންވެ ޔަގީނުން ވެސް ބެޓްމޭންގެ ރޯލް އެފްލެކް ދޫކޮށްލިޔަސް، އެ ރޯލަށް އެކްޓަރަކު ނެގުމުގައި އޭނާގެ ނުފޫޒު އޮންނާނެ އެވެ.
އެފްލެކް ބެޓްމޭންގެ ގޮތުގައި ފެންނާނެ ފަހު ފިލްމަކީ މި އަހަރުގެ ޖޫން 14 ގައި ރިލީޒް ކުރާ "ޖަސްޓިސް ލީގް ޕާޓް 2" އެވެ.
ދެހާސް ސަތާރައިގެ "ޖުމާންޖީ: ވެލްކަމް ޓް ޖަންގަލް" ގައި ޑްވޭން (ރޮކް) ޖޯންސަންއާ އެކު ރޯލެއް ކުޅުނު ނިކްގެ ދެ ފިލްމެއް މި އަހަރު ސިނަމާތަކަށް އަންނާނެ އެވެ. އެއީ ޑާގް ލިމަން ޑައިރެކްޓްކޮށް މާޗްގައި ރިލީޒް ކުރާ "ކެއޯސް ވޯކިން" އާއި ރޮލަންޑް އެމެރިކް ނޮވެމްބަރުގައި ގެނެސްދޭ "މިޑްވޭ" އެވެ.