އަރްބާޒް ހާން ކައްނާޑާ ފިލްމެއް ކުޅެން ސޮއިކޮށްފި
އަރްބާޒް ހާން ކައްނާޑާ ފިލްމެއް ކުޅެން ސޮއިކޮށްފި

ބޮލީވުޑްގެ ބައެއް ތަރިން މި ފަހަކަށް އައިސް އިންޑިއާގެ އެކި ބަހުރުވަތަކުގެ ފިލްމުތަކުގައި މަސައްކަތް ކުރަމުން ވަނީ އިތުރުވެފަ އެވެ. އެކްޓަރު އަރްބާޒް ހާން ވެސް އުޅެނީ ކަންނާޑާ ބަހުން ހަދާ ފިލްމަކަށް ސޮއިިކޮށްގެންނެވެ.

އައްބާސް-މަސްތާންގެ ފިލްމު "ދަރާރް" އިން 1996 ގައި ބޮލީވުޑަށް ނުކުތް ނަމަވެސް، ސަލްމާން ހާންގެ ކޮއްކޮ އަރްބާޒް، 51، އަކީ ބޮލީވުޑުން މާ ރަނގަޅު ފުރުސަތެއް ލިބޭ އެކްޓަރެއް ނޫނެވެ. އޭނާގެ އަލަތު ކަންނާޑާ ފިލްމުގެ ނަމަކީ "ވެއާ އިޒް މައި ކަންނާޑަކާ؟" އެވެ. މި ފިލްމުގެ ބަތަލާއަކީ ބޮލީވުޑްގައި މިހާރު ފިޔަ ޖަހަމުން އަންނަ ޒުވާން އެކްޓަރު ރާޖްކުމާރް ރާއޯގެ ލޯބިވެރިޔާ ޕަޓްރަލޭކާ އެވެ.

އަންނަ އެޕްރީލް މަހުގެ ތެރޭގައި އިނގިރޭސިވިލާތުގައި ޝޫޓިން ފަށާ "ވެއާ އިޒް މައި ކަންނާޑަކާ؟" ގެ ޑައިރެކްޓް ކުރަނީ ދެމަފިރިން ކަމަށްވާ ރާޖް އާއި ދާމިނީ އެވެ.

އައިޓަމް ގާލް އަދި ކުރީގެ މޮޑެލް މަލައިކާ އަރޯރާ ހާންގެ ކުރީގެ ފިރިމީހާ އަޒްބާޒް މިހާރު އިޓަލީގެ މޮޑެލްއަކާ ރައްޓެހިވެގެން އުޅޭ އިރު، އޭނާ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރިލީޒް ކުރި "ޖެކް އެންޑް ދިލް" އެވެ.

އަރްބާޒް ޕްރޮޑިއުސްކޮށް، މުހިއްމު ރޯލެއް ކުޅޭ ބޭބެ ސަލްމާންގެ ކާމިޔާބު ފްރެންޗައިޒް "ދަބަންގް" ގެ ތިން ވަ ނަ ބައިގެ ޝޫޓިން ވެސް އެޕްރީލް މަހުގެ ތެރޭގައި ފަށަން ތާވަލުކޮށްފައިވާ އިރު، އޭގެ ރޯލަކުން ވެސް އަރްބާޒް ފެނިގެން ދާނެ އެވެ. "ދަބަންގް" ގެ ފުރަތަމަ ދެ ފިލްމުގައި ވެސް އޭނާ މުހިއްމު ރޯލެއް ކުޅެފައިވެ އެވެ.