02 ފެބުރުއަރީ 2019 - 11:43

ނ. މާފަރުގައި މަސް ހިފުމަށްޓަކައި މޫދަށް އެރި އުޅުނު ދިވެއްސަކު މިއަދު މަރުވެއްޖެ އެވެ.
މާފަރު ކައުންސިލްގެ މެމްބަރު މުސްތަފާ އާދަމް "މިހާރު" އަށް ވިދާޅުވީ ކަށިމަސް ހިފަން މޫދަށް އެރި އުޅެނިކޮށް މަރުވީ، އެ ރަށު އަލީ ރަޝީދު އުމަރު 50، ކަމަށެވެ. އޭނާ މަރުވީ އިތުރު ބަޔަކާ އެކު، މަސް ހިފުމަށް ރަށުގެ ފަޅުތެރޭގައި އުޅެނިކޮށް ކަމަށް މުސްތަފާ ވިދާޅުވި އެވެ.
މަސް ހިފަން އުޅެނިކޮށް އަލީ ރަޝީދުގެ މެޔަށް ތަދެއް އަރައިގެން، މަސް ހިފަން އުޅުނު އެހެން ބައެއްގެ ކައިރީ އެ ވާހަކަ ބުނެފައި އެއް ގަމަށް އައި މަގުމަތީ މަރުވީ،" މުސްތަފާ ވިދާޅުވި އެވެ.
"އޭރު އަލީ ރަޝީދު ހުރީ ފައި ޖެހޭ ހިސާބުގައި."
މިއަދު ހެނދުނު 9:30 ހާއިރު ހިނގި މި ހާދިސާގައި އަލީ ރަޝީދު ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ މާފަރު ކައުންސިލުން ބުނެ އެވެ.
ބެލެވޭ ގޮތުގައި އަލީ ރަޝީދު މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ.