02 ފެބުރުއަރީ 2019 - 06:08

ލަންޑަން (ފެބްރުއަރީ 2) – ޖެނުއަރީ ޓްރާންސްފާގައި ތިން ކުޅުންތެރިއަކު ގެންނަން ބޭނުންވި ކަމަށާއި އެކަމަކު މިހާރު އޮތް ސްކޮޑާ މެދު ވެސް ހިތްހަމަޖެހޭ ކަމަށް އާސެނަލްގެ ކޯޗު އުނާއީ އެމެރީ ބުނެފި އެވެ.
އާސެނަލުން ގެނައި ހަމައެކަނި ކުޅުންތެރިޔަކީ ލޯނެއްގެ ދަށުން ގެނައި ބާސެލޯނާގެ މިޑްފީލްޑަރު ޑެނިސް ސުއަރޭޒެވެ. ޗައިނާގައި މިވަގުތު ކުޅެމުން އަންނަ ބެލްޖިއަމް ވިންގާ ޔަނިޗް ކަރަސްކޯ އާއި އިންޓަ މިލާނުގެ ވިންގާ އިވާން ޕެރިސިޗް އަދި ޕީއެސްޖީގެ މިޑްފީލްޑަރު ކްރިސްޓަފާ އެންކޫނޫ ގެންނަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.
ސުއަރޭޒްގެ ފުރަތަމަ މެޗަކަށް ވާނީ އޭނާގެ ކުރީގެ ކްލަބް މެންޗެސްޓާ ސިޓީއާ ދެކޮޅަށް މާދަމާރޭ އާސެނަލް ޕްރިމިއާ ލީގުގައި ކުޅޭ މެޗެވެ.
"އަހަރެމެން ވާހަކަދައްކަމުން އައީ ތިން ކުޅުންތެރިޔަކު ގެނައުމަށް އޮތް ފުރުސަތުތަކާ ބެހޭގޮތުން. އެކަމަކު އަހަރެމެންގެ ޝަރުތުތަކާ އެކު އެ ކުޅުންތެރިންނަށް މިތަނަށް އާދެވޭނެ ނަމަ. އަދި އެ ކުޅުންތެރިންނަށް އައިސް، މިތަނުގައި ތިބި ކުޅުންތެރިންނަށް ވުރެ، މޮޅު ކުޅެ އަހަރެމެންނަށް އެހީވެވޭނެ ނަމަ. ޑެނިސް ސުއަރޭޒް އެކަނި އައީ. ކްލަބުން ވަރަށް ރަނގަޅަށް މަސައްކަތްކުރި،" އެމެރީ ބުންޏެވެ.
އޭނާ ބުނީ އާސެނަލްގައި މިހާރު ތިބި ކުޅުންތެރިންނާ މެދު ވެސް ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި އަނިޔާ އަށް ފަހު އަލުން ޓީމާ ގުޅުމުގެ މަގުމަތީގައި ތިބި ކުޅުންތެރިންނަށް ވެސް އަނބުރާ އައިސް ޓީމަށް އެހީވެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް ބުންޏެވެ.
ޕްރިމިއާ ލީގުގައި އާސެނަލް އޮތީ 47 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. އެ އަދަދަށް ޕޮއިންޓް އެއްކޮށް ލަނޑުގެ ތަފާތުން ފަސް ވަނައިގައި އޮތީ ޗެލްސީ އެވެ. އެހެންވެ ގަދަ ހަތަރެއްގައި ދެމި އޮންނަން އާސެނަލަށް މިވަގުތު އެންމެ ތަންކޮޅެއް ވެސް ދޫދެވޭކަށް ނެތެވެ.
"ޕްރިމިއާ ލީގާއި ޔުރޮޕާ ލީގުގައި އަހަރެމެންގެ ވަރަށް ބޮޑު އަމާޒުތަކެއް އެބައޮތް. އާދީއްތަ ދުވަހު މިއޮތީ ވަރަށް ބޮޑު، އުނދަގޫ މެޗެއް. އެކަމަކު މިއީ ފެންވަރު ދައްކާލަން ވެސް ލިބޭ ރަނގަޅު ފުރުސަތެއް. ވަރަށް އުނދަގޫވާނެ އެކަމަކު އަހަރެން ކުޅުންތެރިންނަށް އިތުބާރުކުރަން،" އެމެރީ ބުންޏެވެ.
ސިޓީ ވަނީ އެންމެ ފަހުން ކުޅުނު މެޗުން ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވެ ދެ ވަނައިގައި ލީޑު ހަނިވެފަ އެވެ. އެހެންވެ އާސެނަލާ ދެކޮޅަށް ނުކުންނާނީ ކޮންމެހެން ވެސް މޮޅުވާށެވެ.
"އުނދަގޫވާނެ. ކޮންމެ ޓީމަކާ ދެކޮޅަށް ވެސް އަހަރެމެންގެ ޗެލެންޖް ބޮޑުވާނެ. އެކަމަކު އާދީއްތަ ދުވަހު މި ކުޅެނީ އެންމެ މޮޅު ޓީމާ ދެކޮޅަށް. އަހަރެން ދެކޭ ގޮތުގައި ލިވަޕޫލާ އެކު ސިޓީ އަކީ ޕްރިމިއާ ލީގުގެ އެންމެ ވަރުގަދަ ދެ ޓީމު،" އެމެރީ ބުންޏެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ކުޅޭ މި މެޗު ފަށާނީ މާދަމާރޭ ރާއްޖެ ގަޑިން 9:30 ގަ އެވެ.