ގަތަރުން ފުރަތަމަ ފަހަރަށް އޭޝިއާގެ ޗެމްޕިއަންކަން ހޯދައިފި
ގަތަރުން ފުރަތަމަ ފަހަރަށް އޭޝިއާގެ ޗެމްޕިއަންކަން ހޯދައިފި

އަބޫ ދާބީ (ފެބްރުއަރީ 2) – ޖަޕާން 3-1 އިން ބަލިކޮށް ގަތަރުން އޭޝިއަން ކަޕުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ރޭ ހޯދައިފި އެވެ.

މިއީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާ ގައުމަށް ބައިނަލްއަގްވާމީ ފުޓްބޯޅައިގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. ވޯލްޑް ކަޕަކަށް ވެސް މީގެ ކުރިން ކޮލިފައިވެފައިނުވާ ގަތަރުން އައީ ވޯލްޑް ކަޕުގެ ފުރުސަތާ އެކު ދުރާލާ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

ފައިނަލް މެޗުގެ 12 ވަނަ މިނެޓުގައި ގަތަރުން ވަނީ ލީޑު ނަގައިފަ އެވެ. ލަނޑު ޖަހައިދިނީ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަލްމޯޒް އަލީ އެވެ. އަދި 27 ވަނަ މިނެޓުގައި އަބްދުލްއަޒީޒް ހަތެމް ވަނީ ދެ ވަނަ ގޯލް ޖަހައިފަ އެވެ. މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ ޖަޕާނުން މެޗުގެ ތެރެއަށް އަލުން ވަނުމަށް އުއްމީދު އާކުރީ 69 ވަނަ މިނެޓުގައި ޓަކުމީ މިނަމިނޯ ޖެހި ގޯލުންނެވެ. އެކަމަކު 83 ވަނަ މިނެޓުގައި ޕެނަލްޓީ އަކުން އަކްރަމް ހަސަން ޖެހި ގޯލާ އެކު ގަތަރަށް ތަށި ޔަގީންވި އެވެ.

"ޖެހިޖެހިގެން ހަތް މެޗުން މޮޅުވުން، އަހަރެމެންނަށް ޗެމްޕިއަންކަން ހައްގު،" ގަތަރުގެ ކޯޗު ފެލިކްސް ސަންޗޭޒް ބުންޏެވެ.

ބާސެލޯނާގެ ޔޫތު ޓީމުގެ ކުރީގެ ކޯޗު ވަނީ ގަތަރުގެ ސީނިއާ ޓީމާ ހަވާލުވުމުގެ ކުރިން ގަތަރުގެ 19، 20 އަދި 23 އަހަރުން ދަށުގެ ޓީމަށް ކޯޗުކޮށްދީފަ އެވެ. ވޯލްޑް ކަޕުގައި އޭނާ ހުންނާނެކަމެއް އަދި ނޭގެ އެވެ.

ޖަޕާނުން ތަފާތު ކުޑަކޮށްފައިވަނިކޮށް ގަތަރަށް ތަށި ޔަގީންވި ޕެނަލްޓީއަކީ ޖަޕާނުގެ ކެޕްޓަން މަޔާ ޔޮޝިޑާގެ އަތުގައި ބޯޅަ ޖެހުނުކަން ވީޑިއޯ އެސިސްޓަންޓް ރެފްރީ މެދުވެރިކޮށް ރެފްރީ ރަޝްވަން އިރްމަޓޯފް ޔަގީންކޮށްދިން ޕެނަލްޓީއެކެވެ.

"މިއީ ބަލިވާން އެންމެ އުނދަގޫވާނެ ގޮތް. ގަތަރުގެ ތިން ވަނަ ގޯލް ބަލައިގަންނަން އުނދަގޫ. އެއީ ޕެނަލްޓީއެއް ނަމަ އަހަރެން ފުންމަން ޖެހޭނީ އަތްނުނަގައި. އެކަމަކު އުޒުރެއް ނުދައްކަން. ގަތަރުން މޮޅަށް ކުޅުނު،" ޔޮޝީޑާ ބުންޏެވެ.