އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓް ފީފާ އިން މޮނިޓާކުރާނެ: ސާންތީ
އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓް ފީފާ އިން މޮނިޓާކުރާނެ: ސާންތީ

ރާއްޖޭގެ އަށް ޒޯނެއްގައި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް އޮފީސްތަކެއް ގާއިމްކޮށް ފުޓްބޯޅަ ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ފީފާއިން މި ޕްރޮޖެކްޓްގެ ކަންތައްތައް ކުރިއަށްދާ ގޮތް މޮނިޓާކުރާނެ ކަމަށް އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑައިރެކްޓަރު އިހުސާން އަބްދުލް ގަނީ (ސާންތީ) ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު އޮކްޓޫބަރު މަހު ތެރޭގައި އެފްއޭއެމުން އިއުލާނުކުރި އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓަކީ އަތޮޅުތަކުގައި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމުގެ ގޮތުން އެފްއޭއެމުން ފީފާގެ އެހީގައި ފެށި ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ތެރެއިން އަށް ސަރަހައްދެއްގައި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް އޮފީސްތައް ގާއިމްކުރާއިރު، މިހާތަނަށް ވަނީ ދެ ސަރަހައްދެއްގައި މަސައްކަތް ފަށައިފަ އެވެ.

އެ ގޮތުން މަސައްކަތް ފަށާފައިވަނީ ލ. ފޮނަދޫ އާއި ބ. އޭދަފުށީގަ އެވެ. އެފްއޭއެމުން ވަނީ ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ބާކީ އޮފީސްތަކުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ބުނެފަ އެވެ. ބާކީ ނުފެށި އޮތީ ހދ. ކުޅުދުއްފުށި، ނ. ކެނދިކުޅުދޫ، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ގދ. ތިނަދޫ އަދި ފުވައްމުލަކުގަ އެވެ. ސ. ހިތަދޫގައި ކުރީއްސުރެ ކުރިއަށްގެންދާ ވައިޑީޕީ އާއި އެހެނިހެން ޑިވެލޮޕްމަންޓް މަސައްކަތް ވަކިން ކުރިއަށް ގެންދާނެ އެވެ.

"ވަރަށް ގިނަ ބަޔަކު އެފްއޭއެމާ ދެމެދު އޮތް އިތުބާރު އޮތުން މުހިއްމު. އަޅުގަނޑުމެން މި ޕްރޮޖެކްޓް ފަށަން އުޅުނުއިރު ވެސް އައި ސުވާލެއް އައި މިކަން ވާނެ ހެއްޔޭ ބުނެ. އިރާދަކުރެއްވިއްޔާ މި މަސް ތެރޭ އޭދަފުށީގެ ރައްޔިތުންނަށް ފެނިގެންދާނެ ކުދިން ޓްރެއިން ކުރަން ފެށޭ މަންޒަރު. މިއީ ހަމައެކަނި ތިބި ކޯޗުންގެ ކަމެއް ނޫން. އެންމެންގެ ބައިވެރިވުން ބޭނުން،" އޭދަފުށީގައި މި ޕްރޮޖެކްޓް ފެށުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސާންތީ ވިދާޅުވި އެވެ.

"މި ތަންތަނަށް މާޗް މަހު އަންނާނެ ފީފާގެ ބޭފުޅުން އައިސް ހުރި ދަތިތަކާ އެއްޗެހި އޮޅުން ފިލުވާނީ މި ބޭފުޅުން މެދުވެރިކޮށް. މިހާރު ހުރި ވަރުން ކޯޗުން ނުވަންޏާ އެ ބޭފުޅުން އިތުރު ގޮތްތަކެއް ހޯދައިދޭނެ. ފީފާއިން މީގެ މަސައްކަތް ވެސް މޮނިޓާކުރާނެ. މިކަމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާނެ. އެއީ ބޭނުންވާ ސްޕީޑުގައި ކަންތައްތައް ނުދަންޏާ އެހެން ދިމާލަކަށް މީތި ބަދަލުކުރަން ޖެހިދާނެ،"

ކޮންމެ ސަރަހައްދަކުން ވެސް އެފްއޭއެމުން ނަގާނީ ފަސް ކޯޗަކާއި އެއް ޑިވެލޮޕްމެންޓް އޮފިސަރެކެވެ. ކޯޗުންނާއި ކޮންޓްރެކްޓް އެންމެ ފުރަތަމަ ހެދޭނީ ތިން މަސް ދުވަހަށެވެ. އެ ކޮންޓްރެކްޓް ދާއިމީ ކުރާނީ މަސައްކަތްތަކަށް ބެލުމަށް ފަހު އެވެ. މި އޮފީސް މެދުވެރިކޮށް ގްރާސްރޫޓުން ފެށިގެން އިންޓަ ސްކޫލް ލެވެލްގެ ފުޓްބޯޅައިގެ ތަމްރީންތަކާއި މުބާރާތްތައް ކުރިއަށް ގެންދާނެ އެވެ.

"ހަގީގަތުގައި މި ޕްރޮގްރާމް ފަށައިގަތީމަ. އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލް ދެން މި ކްލަބް އޭދަފުށި. ދެއްވާ އެއްބާރުލުން މުހިއްމު. ދެން މި ޕްރޮގްރާމް ފަށައިގަތީމަ ސްކޫލުތަކުންނާއި ބެލެނިވެރިންގެ ސަޕޯޓް ވެސް ވަރަށް މުހިއްމު. ޔަގީން ލިބޭނެ. މި ހުރިހާ ބަޔަކާ ގުޅިގެން މަސައްކަތް ކުރަން ތިބީ މި ފަސް ކޯޗުން. އެ ބޭފުޅުންގެ ޒިންމާ ވަރަށް ބޮޑު،" ސާންތީ ވިދާޅުވި އެވެ.

ކޮންމެ ޑިވެލޮޕްމެންޓް އޮފީހަކަށް ވެސް ފީފާ އިން ކަނޑައަޅާފައިވާ ބަޖެޓެއްގެ ތެރެއިން ހަރަދުތައް ކުރެވޭނެ ކަމަށާއި ޕްރޮގްރާމްތައް ހިންގާނީ ހަމައެކަނި ޑިވެލޮޕްމަންޓް އޮފީސް ހުންނަ ރަށުގައެއް ނޫނެވެ. މަސައްކަތްތައް ކުރިއަށްދާ ވަރަކަށް މުޅި އަތޮޅުގެ ރަށްތަކަށް ކޯޗުން ގޮސް އިތުރު ޕްރޮގްރާމްތަކެއް ހިންގާނެ އެވެ.

އަތޮޅު ފުޓްބޯޅައިގެ ތެރެއިން ހާސިލްކުރަން ބޭނުންވާ އަނެއް ކަމަކީ އަންހެން ފުޓްބޯޅަ ތަރައްގީކުރުން ކަމަށް ސާންތީ ވަނީ ވިދާޅުވެފަ އެވެ.

"މި އަހަރު ތެރޭގައި އަޅުގަނޑުމެން ކޮންމެވެސް ފެންވަރެއްގައި އަތޮޅު ތެރޭގައި އަންހެން ފުޓްބޯޅަ މުބާރާތެއް ބޭއްވޭތޯ މަސައްކަތް އެބަކުރަން. ކޮންމެހެން ނުޖެހޭ 11 ކުޅުންތެރިންގެ މުބާރާތަކަށް ވާން. ފުޓްސަލް ވިޔަސް ނޫނީ ކޮޅަކަށް އަށެއް ލައިގެން ވިޔަސް މުބާރާތެއް ކުޅޭނަން. އެފްއޭއެމްގެ ރައީސްގެ ވަރަށް ބޮޑު ތަސައްވަރެއް ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި އަންހެން ކުދިންގެ ތެރޭގައި އެންމެ މަގުބޫލު ކުޅިވަރަކީ ފުޓްބޯޅަ އަށް ހެދުން،" އޭނާ ވިދާޅުވި އެވެ.

ޑިވެލޮޕްމަންޓް އޮފީސްތައް ގާއިމްކުރާނެ ރަށްތައް ކަނޑައެޅީ ފީފާއާ މަޝްވަރާ ކުރުމަށް ފަހު އެކި ކަންތައްތަކަށް ވެސް ބެލުމަށް ފަހު ކަމަށާއި މި ގޮތުން އޭދަފުށި މި ޒޯނުގައި ނެގުމަކީ އެންމެ ފުރިހަމަ ނިންމުން ކަމުގައި ދެކޭ ކަމަށް ބުންޏެވެ.

"އޭދަފުށި ނުނަގާންވި ސަބަބެއް ނެތް. އެއީ އަމިއްލަ ފަރާތަކުން ހަރަދުކޮށްގެން ރާއްޖޭގައި އެޅޭ އެންމެ ފެންވަރު ރަނގަޅު ޓާފް ދަނޑު މި ރަށުގައި މި އެޅެނީ. އަމިއްލަ ފަރާތަކުން މި ވަރުގެ ބޮޑު އިންވެސްޓްމަންޓެއް ކޮށްފައި ދޫކޮށްލާއިރު އަޅުގަނޑުމެން އެފްއޭއެމުން ވެސް އެބަޖެހޭ މި ތަންތަނުގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނެ އިންތިޒާމްތަކެއް ހަމަޖައްސަައިދޭން. އެ މަސައްކަތް މި ފެށީ މި ރަށުގައި،" ސާންތީ ވިދާޅުވި އެވެ.

ޑިވެލޮޕްމަންޓް އޮފިސަރުގެ ޒިންމާ އަކީ އެހެން ރަށްތަކަށް ދަތުރުކޮށް ފުޓްބޯޅައިގެ ގައުމީ ޓީމުތަކަށް ބޭނުންވާނެ ކުޅުންތެރިން ހޯދުމާއި މި ޓްރެއިނިންގެ ކަންތައްތައްތަކާ ފުޓްބޯޅައިގެ އެހެނިހެން ކަންތައްތައް ކުރިއަށްދާ ގޮތް ބެލުމެވެ.

އޭދަފުށީގައި ހުޅުވި ޑިވެލޮޕްމަންޓް އޮފީހުގެ އޮފިސަރަކީ ކުރީގެ ކުޅުންތެރިއާ މުހައްމަދު ޒާހިދު (ބައްޓޭ) އެވެ. ކޯޗުންގެ ގޮތުގައި ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ކުރީގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އަބްދުލްމަޖީދު އާއި އަބްދުލްވާހިދު ހުސެއިން ހިމެނެ އެވެ. އަދި އޭގެ އިތުރުން މި ރަށުގައި ފުޓްބޯޅަ ކުރިއެރުވުމަށް ހަރަކާތްތެރިވާ ޒުވާން ކޯޗުން ވެސް ހިމެނެ އެވެ.

"އަޅުގަނޑާ ހަވާލުވެފައި މީނީ ރ، ބ އަދި ޅ ގެ ފުޓްބޯޅައިގެ އިސް ވެރިއެއްގެ ޒިންމާ އަދާކުރަން. އެފްއޭއެމްގެ ފަރާތުން ދެން ހަމަ މިކަމުގައި އަޅުގަނޑަށް ވެވުނު ހުރިހާ ކަމެއް ކުރެވޭތޯ ބަލާނަން. އެފްއޭއެމުން ބޭނުންވާ ފެންވަރަށް އަޅުގަނޑުގެ ހުރިހާ ވަގުތެއް ބޭނުންކުރާނަން. އަދި މީގެ އެންމެންގެ އެހީތެރިކަން އަޅުގަނޑު ބޭނުންވާނެ،" ބައްޓޭ ބުންޏެވެ.

ސާންތީ ބުނީ އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓް ކާމިޔާބު އެއްޗަކަށް ހެދުމަށް ފުޓްބޯޅަ އަށް ލޯބިކުރާ ހުރިހާ ފަރާތްތަކުން ވެސް އޭގެ ތެރޭގައި ވީ ވަރަކުން ޝާމިލުވެ، ފުޓްބޯޅައިގެ އާ ޖީލުތަކެއް ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދޭ ކަމަށެވެ.