25 އޯގަސްޓް 2016 - 06:26

މި އަހަރުގެ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ބަތަލާ އަކީ އޮސްކާ ހާސިލްކޮށްފައިވާ ހޮލީވުޑްގެ މަޝްހޫރު ޒުވާން ބަތަލާ ޖެނިފާ ލޯރަންސް ކަމަށް ފޯބްސް މަޖައްލާގެ އަހަރީ އާމްދަނީ ލިސްޓުން ދައްކައިފި އެވެ.

"ހަންގާ ގޭމްސް" ގެ ބަތަލާ އޮތީ 46 މިލިއަން ޑޮލަރުގެ އާމްދަނީއަކާ ލިސްޓްގެ އެއް ވަނައިގަ އެވެ.
މިދިޔަ އަހަރު ރިލީޒްކުރި "ހަންގާ ގޭމްސް: މޮކިންޖޭ ޕާޓް 2" ގެ އިތުރަށް އަންނަ ޑިސެމްބަރު މަހު ރިލީޒް ކުރާ "ޕެސެންޖާސް" ވެސް ޖެނިފާ، 26، ކުޅެފައި ވަނީ ބޮޑު އަގަކަށެވެ. އެހެންވެ ލިސްޓްގެ ކުރި އޭނާ އަށް ލިބުނީ މި ޕްރޮޖެކްޓްތަކުން ލިބުނު އާމްދަނީއާ އެކުގަ އެވެ.
ލިސްޓްގެ ގަދަ 10 އަށް ބަލާ އިރު، ބޮލީވުޑްގެ ބަތަލާ އަދި ދާދި ފަހުން ހޮލީވުޑްގެ ފިލްމެއް ވެސް ކުޅެފައިވާ ދީޕިކާ ޕަދްކޯން ވަނީ ލިސްޓްގެ 10 ވަނަ އިން ޖާގަ ހޯދައިފަ އެވެ.
އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމް "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ ޖެނުއަރީ 20، 2017 ގަ އެވެ.
މިދިޔަ އަހަރު ނިކުތް ސަންޖޭ ލީލާ ބަންސާލީގެ ޕީރިއަޑް ޑްރާމާ "ބަޖިރާއޯ މަސްތާނީ" ގެ އިތުރުން ގިނަ އިޝްތިހާރުތަކަކުން ދީޕިކާ އަށް ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ.
އޭނާ އަށް ލިސްޓުން ޖާގައެއް ލިބުނު އިރު، "ކްއަންޓިކޯ"އާ އެކު ހޮލީވުޑްގައި މިހާރު ވިދަމުން އަންނަ ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އަށް ގަދަ 10 އިން ފުރުސަތެއް ލިބޭ ގޮތެއް ނުވި އެވެ. އަންނަ އަހަރު ރިލީޒް ކުރާ "ބޭވޮޗް" އިން ވެސް ޕްރިޔަންކާ ފެނިގެން ދާނެ އެވެ.
ފޯބްސްގެ ލިސްޓަށް ބަލާ އިރު އެންމެ ބޮޑު އާމްދަނީއެއް މި އަހަރު ހޯދި ދެވަނަ ބަތަލާ އަކީ ކޮމެޑީ ފިލްމުތައް ކުޅެން މަޝްހޫރު މެލީސާ މެކާތީ އެވެ. މި އަހަރު "ގޯސްޓްބަސްޓާޒް" އިން ފެނިގެން ދިޔަ 45 އަހަރުގެ ބަތަލާގެ އާމްދަނީ އަކީ 33 މިލިއަން ޑޮލަރެވެ.
ލިސްޓްގެ ތިން ވަނާގައި އޮތީ ސްކާލެޓް ޖޮހަންސަން އެވެ. އެއީ 25 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކުގަ އެވެ.
އެކާވީސް މިލިއަން ޑޮލަރުގެ އާމްދަނީ އަކާ އެކު ލިސްޓްގެ ހަތަރު ވަނާގައި އޮތީ ޖެނިފާ އެނިސްޓަން އެވެ.
ޗައިނާގެ ބަތަލާ ފޭން ބިންގްބިންގް ލިސްޓްގެ ފަސް ވަނާގައި 17 މިލިއަން ޑޮލަރާ އެކު އޮތް އިރު، ހަ ވަނާގައި އޮތީ 16.5 މިލިއަން ޑޮލަރާ އެކު ޗާލީޒް ތެރަން އެވެ. އޭނާ ވަނީ މިދިޔަ ހަފުތާގައި "ފާސްޓް އެންޑް ފިއުރިއަސް 8" ގެ މަސައްކަތް ނިންމާލައިފަ އެވެ.
ލިސްޓްގެ ހަތް ވަނަ 13.5 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކު އެމީ އެޑަމްސް އަށް ލިބުނު އިރު، 12 މިލިއަން ޑޮލަރާ އެކު އަށް ވަނާގައި އޮތީ ތަޖުރިބާކާރު ބަތަލާ ޖޫލިއާ ރޮބަޓްސް އެވެ. އޭނާ މި އަހަރު ދެ ފިލްމުން ފެނިފައިވެ އެވެ. އެއީ "މަނީ މޯންސްޓާ" އާއި "މަދާސް ޑޭ" އިންނެވެ.
ނުވަ ވަނާގައި އޮތީ މަޝްހޫރު ޒުވާން އެކްޓަރު އެޝްޓަން ކުޗާގެ އަންހެނުން އަދި މި އަހަރު "ބޭޑް މޮމްސް" އިން ފެނިގެން ދިޔަ ބަތަލާ މިލާ ކޫނިސް އެވެ. އޭނާގެ އާމްދަނީއަކީ 11 މިލިއަން ޑޮލަރެވެ.