27 މެއި 2016 - 18:21

އެލައިޑް އިންޝުއަރެންސް ކުންފުނިން މިއަދު ހަވީރު ރަސްފަންނުގައި ބާއްވަން ހަމަޖެއްސި "ލައިފް އެންޑް ހެލްތް ފެސްޓިވަލް"ގެ 3 ވަނަ ސީރީޒް މޫސުމް ގޯސްވުމުން މާދަމާއަށް ފަސްކޮށްފި އެވެ.
އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ މޫސުމް ގޯސްވުމުން ފަސްކުރި ފެސްޓިވަލް މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ފެށުމަށް ނިންމާފައިވާ ކަމަށެވެ.
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނިން ބުނީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމުގެ މުހިންމުކަން އަންގައިދިނުމުގެ މަގުސަދުގައި ކުރިޔަށްގެންދާ ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައި ވަނީ ސިއްހަތާ ގުޅުންހުރި ދާއިރާގައި މަސަތްކަތް ކުރާ ގިނަ ތަޖުރިބާކާރުންނާއި ގުޅިގެން ކަމަށެވެ.
މި ފެސްޓިވަލްގައި މާލޭގެ ބައެއް ފިޓްނަސް ސްޓޫޑިއޯތަކާ ގުޅިގެން ދެ ދުވަހަށް ހާއްސަ ޕްރޮގްރާމްތަކެއް ކުރިޔަށް ގެންދަން ނިންމާފައިވެ އެވެ. އަދި ފިޓް ސްޓޫޑިއޯ އާއި ގްލޯފިޓްގެ ސްޓޯލުން ތަފާތު ހަރަކާތްތައް ކުރިޔަށް ގެންދަން ރާވާފައިވާ ކަމަށް އެލައިޑުން ބުންޏެވެ.
އާންމުންނަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މި ފެސްޓިވަލްއަށް ޒިޔާރަތްކޮށްގެން ގިނަ އިނާމްތަކެއް ހޯއްދުމުގެ ފުރުސަތު ވަނީ ފަހި ކޮށްދީފަ އެވެ. އެގޮތުން ފެސްޓިވަލްގެ ގްރޭންޑް ޕްރައިޒްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޓާކިޝް އެއާލައިންސްއިން ޔޫރަޕަށް ކުރާ ދަތުރުތަކުގެ ތެރެއިން ބޭނުން މަންޒިލަކަށް، ދެ މީހަކަށް ބިޒްނަސް ކްލާސް ދެކޮޅު ޓިކެޓެވެ.
ދެ ދުވަހަށް ކުރިޔަށްދާ މިފެސްޓިވަލްގެ މީޑިޔާ ޕާޓްނަރަކީ "މިހާރު" އެވެ. އަދި ޓެލެކޮމް ޕާޓްނަރަކީ "އުރީދޫ" އެވެ.
އެ ކުންފުނިން އެންމެ ފަހުން މިފަދަ ފެސްޓިވަލެއް ބޭއްވީ 2010 ވަނަ އަހަރު އެވެ.