01 ފެބުރުއަރީ 2019 - 21:04

ވޮޝިންޓަން (ފެބްރުއަރީ 1) - އެމެރިކާގެ މިޑްވެސްޓަށް މިހާރު ކުރިމަތިވެފައިވާ ގަދަފިނީގައި ޖެހި 21 މީހުން މަރުވެއްޖެ އެވެ.
އެމެރިކާގެ އާބާދީގެ ތިންބައިކުޅަ އެއްބައި ނުވަތަ ގާތްގަނޑަށް 90 ވަރަކަށް މިލިއަން މީހުންނަށް މި ދުވަސްވަރު ވަނީ މައިނަސް 17 ޑިގްރީ ސެލްސިއަސް ނުވަތަ އެއަށް ވުރެ ގަދަ ފިނީގައި އުޅެން ޖެހިފަ އެވެ. "ޕޯލާ ވޯޓެކްސް" ގެ ގަދަ ފިނި ވަނީ ގާތްގަނޑަކަށް 250 މިލިއަން މީހުންނަށް ތަޖްރިބާ ކުރަން ޖެހިފަ އެވެ.
ގަދަ ފިނީގައި ގައުމުގެ ބޮޑުބައި ހުއްޓިފައިވާ އިރު ފްރޮސްޓްބައިޓް (ގަދަފިނީގައި ޓިޝޫތައް ގަނޑުވެ މަރުވުން)ގެ ސަބަބުން ހޮސްޕިޓަލްތަކުން ދަނީ އެތައް ބަޔަކަށް ފަރުވާ ދެމުންނެވެ. ޝިކާގޯގެ ހޮސްޕިޓަލަކުން ވަނީ ފްރޮސްޓްބައިޓަށް 50 މީހުންނަށް ފަރުވާ ދީފަ އެވެ. ފިނީގައި އެންމެ ބޮޑު ގެއްލުމެއް ލިބެމުން ދަނީ ގެދޮރު ނެތް މީހުންނަށެވެ. ބައެއް ހިސާބުތަކުގެ ފިނިހޫނުމިން ވަނީ މައިނަސް 50 ޑިގްރީ ސެލްސިއަސް ވެސް ވެއްޓިފަ އެވެ.
އެމެރިކާ އަށް 2014 ވަނަ އަހަރު މިގޮތަށް ދިމާވި ކޯލްޑް ސްނެޕެއްގައި ވަނީ އެ ގައުމަށް ވަނީ ފަސް ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފަ އެވެ.