02 ފެބުރުއަރީ 2019 - 07:10

މާ ލަސްތަކެއް ނުވެ ވެބް ސީރީޒަކުން ބެލުންތެރިންނާ ބައްދަލުކުރާނެ ކަމަށް، މިހާރު ބޮލީވުޑުން ގެއްލިފައިވާ އެކްޓަރު ޑީނޯ މޯރިއޯ ބުނެފި އެވެ.
އުމުރުން 43 އަހަރުގެ އެކްޓަރު އެންމެ ފަހުން ފިލްމެއްގައި ބޮޑު ރޯލެއް ކުޅުނީ 2010 ގައި ރިލީޒް ކުރި "ޕިޔާރް އިމްޕޮސިބަލް" ގަ އެވެ. އެ ފިލްމުގައި އޭނާ ފެނުނީ ޕްރިޔަންކާ ޗޯޕްޅާ އާއި އުދޭ ޗޯޕްޅާއާ އެކީގަ އެވެ.
މިދިޔަ އަހަރު ރިލީޒްކުރި ތަމަޅަ ފިލްމު "ސޯލޯ" ގެ ހާއްސަ ފެނިލުމަކުން ފެނިފައިވާ ޑީނޯ ބުނި ގޮތުގައި އޭނާ އަށް މިހާރު ދެ ވެބް ސީރީޒަކުން ފުރުސަތު ލިބިފައިވާ އިރު، އަމިއްލަ އަށް ދެ ފިލްމެއް ޕްރޮޑިއުސް ކުރަން ވެސް ވަނީ ނިންމައިފަ އެވެ.
"ލިބިފައި އޮތް ދެ ވެބް ސީރިޒްގެ ސްކްރިޕްޓް ވެސް ވަރަށް ޝައުގުވެރިވެފައި ކުޅެން ލިބުނު ކެރެކްޓާތައް ވަރަށް ތަފާތު. އަހަރެން ޕްރޮޑިއުސްކުރާ ދެ ފިލްމުގެ ތެރެއިން އެކައްޗަކީ ތުރިލާއެއް. ތުރިލާގައި އެކްޓް ވެސް ކުރާނަން،" 1999 ގައި ފިލްމު "ޕިޔާރް މޭ ކަބީ ކަބީ" އިން ބޮލީވުޑަށް ނުކުތް އެކްޓަރު ހިންދުސްތާން ޓައިމްސް އަށް ބުންޏެވެ
އޭނާ ބުނި ގޮތުގައި މި ފަހުން ފިލްމުތަކުން ނުފެނި ގެއްލިފައި ވަނީ ހިތްހަމަޖެހޭ ކަހަލަ ރޯލްތަކެއް ފިލްމުތަކުން ނުލިބޭތީ އެވެ. އެކަމަކު މިހާރު ޑިޖިޓަލް ޕްލެޓްފޯމް ވަރަށް ބޮޑަށް ވައިގައިގައި، ވަރަށް ވަރުގަދަ ކޮންޓެންޓްތައް ހިމެނޭ އުފެއްދުންތައް ގެނެސްދޭތީ އެ ދިމާއަށް ޝައުގުވެރިކަން ބޮޑު ކަމަށް ބުންޏެވެ.
ޑީނޯގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ ކުރީގެ ލޯބިވެރިޔާ ބިޕާޝާ ބާސޫއާ އެކު ކުޅުނު ލޯބީގެ ބިރުވެރި ފިލްމު ރާޒް (2002) އެވެ. އޭނާ ކުޅެފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި "އަކްސަރު"، "ޓޮމް، ޑިކް އެންޑް ހެރީ" އަދި "އާޕްކީ ހާތިރު" ހިމެނެ އެވެ.
ޑީނޯއަކީ އޭނާގެ ފިލްމެއްގެ ލަވައެއް ރާއްޖޭގައި ވެސް ޝޫޓްކޮށްފައިވާ އެކްޓަރެކެވެ. ސޮހައިލް ހާން 2006 ގައި ޑައިރެކްޓް ކުރި ފިލްމު "ފައިޓް ކުލަބް" ހިމެނޭ ލަވަ "ޗޯރޭ ކެ ބާތޭ" އަކީ ރާއްޖޭގެ ރިސޯޓެއްގައި މަންޒަރުތައް ނަގާފައިވާ ލަވައެކެވެ. އެ ލަވައިން ޑީނޯއާ އެކު ފެނިގެން ދަނީ އަރްޖުން ކަޕޫރާ މިހާރު ރައްޓެހިވެގެން އުޅޭ، މަލައިކާ އަރޯރާގެ ކޮއްކޮ އަމްރިތާ އަރޯރާ އެވެ.