ރޯހިތު ޝެޓީގެ "ސޫރިޔަވަންޝީ" އަކީ ތަމަޅަ ފިލްމެއްގެ ރިމޭކެއް ނޫން
ރޯހިތު ޝެޓީގެ "ސޫރިޔަވަންޝީ" އަކީ ތަމަޅަ ފިލްމެއްގެ ރިމޭކެއް ނޫން

އަކްޝޭ ކުމާރު ފުލުހެއްގެ ރޯލް ކުޅޭ، ރޯހިތު ޝެޓީގެ ފިލްމު "ސޫރިޔަވަންޝީ" އަކީ ތަމަޅަ ފިލްމުގެ ރިމޭކެއް ނޫން ކަމަށް ބުނެފި އެވެ.

އެ ފިލްމާ ބެހޭ ގޮތުން ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން، މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް، ރޯހިތާ ހަވާލާދީ ބުނީ "ސޫރިޔަވަންޝީ" އަކީ އޮރިޖިނަލް ސްކްރީންޕްލޭއަކަށް ހަދާ ފިލްމެއް ކަމަށެވެ.

ތަރަންގެ ޓްވީޓްގައި ބުނީ "ސޫރިޔަވަންޝީ" އަކީ ތަމަޅަ ފިލްމެއްގެ ރިމޭކެއް ކަމަށް ބުނާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ ރޯހިތު ކުރިން ވެސް ގެނެސް ދިން ފިލްމުތަކެއްގެ ސްކްރީންޕްލޭ ލިޔެފައިވާ ސާޖިދު-ފަރްހާދެވެ.

"ސޫރިޔާވަންޝީ" ގެ ޝޫޓިން ފެށުމަށް ތައްޔާރީތައް ވަމުން އަންނަ އިރު، މި ފިލްމަކީ ރޯހިތު ޑައިރެކްޓްކޮށް، ޕްރޮޑިއުސް ވެސް ކުރާ ފިލްމެކެވެ.

ކުރިން އަޑު އަރާފައިވާ ގޮތުން މި ފިލްމުގެ ބަތަލާގެ ރޯލް ކެޓްރީނާ ކެއިފާއި ޕޫޖާ ހެގްޅޭ އަށް ހުށަހަޅާފައިވެ އެވެ.

ނަމަވެސް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި "ސޫރިޔަވަންޝީ" ގެ ބަތަލާގެ ރޯލް މިހާރު ވަނީ ސޯނަމް ކަޕޫރަށް ހުށަހަޅައިފަ އެވެ. އަކްޝޭއާ އެކު ސޯނަމް ވަނީ މީގެ ކުރިން ދެ ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ މިދިޔަ އަހަރު ރިލީޒް ކުރި "ޕެޑްމޭން" އާއި 2011 ގެ "ތޭންކް ޔޫ" އެވެ.

ބެލެވޭ ގޮތުން "ސޫރިޔަވަންޝީ" މި އަހަރުގެ ޑިސެމްބަރު މަހުގެ 27 ގައި ސިނަމާތަކަށް ގެންނާނެ އެވެ.

ރޯހިތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ޑިސެމްބަރު މަހު ރިލީޒް ކުރި "ސިމްބާ" އެވެ. ރަންވޫރު ސިމްގް ފުލުހެއްގެ ރޯލުން ފެނިފައިވާ އެ ފިލްމަކީ 2015 ގައި ރިލީޒް ކުރި ތެލެގޫ ފިލްމު "ޓެމްޕާ" އަސްލަކަށް ބަލައިެގން ހަދާފައިވާ ފިލްމެކެވެ.

ބޮކްސް އޮފީހުގައި 399.27 ކްރޯޑްގެ އާމްދަނީއެއް ހޯދި "ސިމްބާ" އަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. ރޯހިތު ބުނި ގޮތުގައި އެއީ މިހާތަނަށް އޭނާ ހެދި އެންމެ މޮޅު ފިލްމެވެ.