01 ފެބުރުއަރީ 2019 - 14:59

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ފަސް އަހަރު ދިގުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ގާނޫނާ ބެހޭގޮތުން އާއްމުންގެ ހިޔާލު ހޯދުމަށް ބޭއްވި "ޖަޒީރާ ހޮޅުއަށި" ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަގާމުގައި ގިނަ ދުވަހު ތިބުމަށްވުރެ އިންތިޚާބު ކުރާ މީހުން އަވަސް އަވަހަށް ރައްޔިތުން ކައިރިއަށް ދިއުން މާ ރަނގަޅު ކަމަށެވެ. އެގޮތުން އެމަނިކުފާނަށް ރައީސްކަމުގައި ހުންނަވަން ފަސް އަހަރު ވެސް ދިގުކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް ފަސް އަހަރު ދިގު އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަން. އަޅުގަނޑަށް ރައްޔިތުންގެ މަޖިލީހުގެ ދައުރު ވެސް ދިގު ފަސް އަހަރަށް. އެއަށްވުރެ އަވަހަށް ރައްޔިތުން ކައިރިއަށް ދާންޖެހޭނެހެން އަޅުގަނޑަށް ހީވަނީ،" ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގައި 25 އަހަރު ހޭދަކުރައްވައި ރައީސް ކަމަށް ވަޑައިގެންނެވި ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު އެހެން ވިދާޅުވީ ލާމަރުކަޒީ ގާނޫނާ ބެހޭގޮތުން އާއްމުން ހުށަހެޅި ހިޔާލުތަކަށްފަހު ވާހަކަފުޅުދައްކަވަމުންނެވެ. ރޭގެ ބައްދަލުވުމުގައި ބައެއް ފަރާތްތަކުން ވަނީ ކައުންސިލަރުންގެ ދައުރު، ތިން އަހަރުން ފަސް އަހަރަށް ބަދަލުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވައިފަ އެވެ.
ރައީސް ވިދާޅުވީ އާ ގާނޫނުއަސާސީ އެކުލަވާލިއިރު ކައުންސިލަރުންގެ ދައުރާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ. ދުނިޔޭގެ އެކި ހިސާބުތަކުން މައުލޫމާތު ހޯދިއިރު އެކި ގައުމުތަކުގައި ސިޓީތަކުގެ ކައުންސިލްތައް އިންތިޚާބުކޮށްފައިވަނީ ކުރު މުއްދަތަކަށް ކަމަށާއި އެއީ ރައްޔިތުންނާ ކައިރިން ހިދުމަތްދޭ ބަޔަކަށް ވާތީ އަބަދު ވެސް ރައްޔިތުން ކައިރިއަށް ދިއުމަށް ކަމަށް ވިދާޅުވި އެވެ.
ގާނޫނުއަސާސީގައި ބުނެފައިވާގޮތުން ރައީސާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ދައުރަކީ ފަސް އަހަރެވެ. އެންމެ ފުރަތަމަ ކައުންސިލަރުން ވެސް އިންތިޚާބުކުރީ ތިން އަހަރަށެވެ. ނަމަވެސް ލޯކަލް ކައުންސިލްގެ ގާނޫނަށް ގެނައި އިސްލާހާއެކު ކައުންސިލަރުންގެ މުއްދަތު ތިން އަހަރަށް ވަނީ ކުރުކޮށްފަ އެވެ.