ތަޖުރިބާކާރު ފޯވާޑް އައްމަޑޭ އަލުން ގްރީން ސްޓްރީޓްސް އަށް
ތަޖުރިބާކާރު ފޯވާޑް އައްމަޑޭ އަލުން ގްރީން ސްޓްރީޓްސް އަށް

މިދިޔަ ސީޒަނުގައި ވިކްޓަރީ ސްޕޯޓްސް ކްލަބަށް ކުޅުނު ތަޖުރިބާކާރު ފޯވާޑް އަހުމަދު ރަޝީދު (އައްމަޑޭ) އަލުން އޭނާގެ ކުރީގެ ކްލަބް ގްރީން ސްޓްރީޓްސް އަށް ބަދަލުވެއްޖެ އެވެ.

ދެ ވަނަަ ޑިވިޝަން ކާމިޔާބުކޮށް ގްރީން ސްޓްރީޓްސް 2017 ވަނަ އަހަރު އަލަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅުނު އަހަރު އައްމަޑޭ ވަނީ އެ ޓީމުގައި ހުރެ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ކޯޗު ސޮބާހު މުހައްމަދު (ސޮބާ)ގެ އިރުޝާދުގެ ދަށުން އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ގްރީން ސްޓްރީޓްސް އިން ހޯދިއިރު، އައްމަޑޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ގްރީން ސްޓްރީޓްސްގައި އެ ފަހަރު އައްމަޑޭ ދެއްކި މޮޅު ކުޅުމުގެ ސަބަބުން އަހަރުތަކަަކަށް ފަހު އަލުން އޭނާ އަށް ގައުމީ ފުޓްބޯޅަ ޓީމުން ފުރުސަތު ލިބުނެވެ.

މިހާރު އުމުރުން 32 އަހަރުގެ އައްމަޑޭ ގައުމީ ޓީމުން ފެނުނީ 2009 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުންނެވެ. އޭގެ ފަހުން އޭނާ ދެން ފެނުނީ 2012 ވަނަ އަހަރުގެ ނެހްރޫ ކަޕުންނެވެ. ނެހްރޫ ކަޕުގައި ސީރިއާ އަތުން 2-1 އިން ރާއްޖެ މޮޅުކޮށްދިން ލަނޑު ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގައި ޖެހީ އައްމަޑޭ އެވެ. އެންމެ ފަހުން އޭނާ އަށް ގައުމީ ޓީމުން ފުރުސަތު ލިބުނީ 2017 ވަނަ އަހަރު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗަށް ނެގި ސްކޮޑުންނެވެ.

ގްރީން ސްޓްރީޓްސްގެ މެނޭޖަރު އިލްޔާސް އުމަރު ބުނީ އައްމަޑޭ އަލުން ޓީމަށް ގެންނަން ނިންމީ ގްރީން ސްޓްރީޓްސްގެ މިހާރުގެ ކޯޗު އަލީ ސުޒޭން ބޭނުންވާ ކުޅުންތެރިއެއް ކަމަށްވާތީ ކަމަށެވެ.

"ފުރަތަމަ ޑިވިޝަނުގައި ކްލަބްގެ ފުރަތަމަ އަހަރު މޮޅު ކުޅުމެއް ދައްކައި ކްލަބަށް ރީތި ނަން ހޯދައިދިން އައްމަޑޭ އެނބުރި ކަލަބަށް ގެނައީ މިހާރު ހުރި ފޯމު ރަނގަޅުވެފައި އައްމަޑޭ އަކީ ކޯޗު (ސުޒޭން) ބޭނުންވާ ޕްލޭޔަރަކަށްވީމަ." އިލްޔާސް އުމަރު ބުންޏެވެ.

ފުރަތަމަ ޑިވިޝަނުގައި މާޒިޔާ އިން އެންމެ ފުރަތަމަ ފާހަގަވި އައްމަޑޭ ވަނީ އެ ޓީމުގައި ގިނަ އަހަރުތަކެއް ހޭދަކޮށްފަ އެވެ. އޭގެ ފަހުން އެހެން ޓީމުތަކުން ފެނުނުއިރު، މިދިޔަ އަހަރު ލާޒްލޯ ކިސްގެ ކޯޗުކަމުގައި ވިކްޓަރީގައި ވެސް އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.