ފައިނަލުގައި ވެމްކޯ އާއި ޕޮލިހުގެ ކުރިމަތިލުމެއް
ފައިނަލުގައި ވެމްކޯ އާއި ޕޮލިހުގެ ކުރިމަތިލުމެއް

ވީއޭއެމް އެސޯސިއޭޝަން ކަޕް ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި އެންމެ ފަހުގެ ރަނަރަޕް ކްލަބް ވެމްކޯ އާއި ޕޮލިސް ކްލަބް ކުރިމަތިލާން ޖެހިއްޖެ އެވެ.

ވެމްކޯ އިން ފައިނަލުގެ ފުރުސަތު ހޯދީ ރޭ ކުޅުނު ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި ލޮރެންޒޯ ސްޕޯޓްސް ކްލަބް އަތުން ސީދާ ތިން ސެޓުން މޮޅުވެގެންނެވެ.

މިދިޔަ ހަފްތާގެ ތިން ދުވަހުގެ ތެރޭގައި ޕޮލިހުން ވަނީ ދެ ފަހަރެއްގެ މަތިން ވެމްކޯ ބަލިކޮށްފަ އެވެ. އެއީ ދެ ވަނަ ބުރުގެ ފަހު މެޗާއި ސެމީ ފައިނަލުގެ ފުރަތަމަ މެޗުގަ އެވެ. ދެ ފަހަރު ވެސް ވެމްކޯ އަތުން ޕޮލިސް މޮޅުވީ 3-1 ސެޓުންނެވެ. ޕޮލިސް މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދާފައިވަނީ މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި ވެމްކޯގެ ފަރާތުން ވަނީ ވަރުގަދަ ކުޅުމެއް ފެނިގެން ގޮސްފަ އެވެ. ރޭގެ މެޗުގައި ވެމްކޯ މޮޅުކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ޒުވާން އަންހެން ވޮލީބޯޅަ ކުޅުންތެރިއާގެ މަގާމު ހޯދި އައިމިނަތު އަރީޝާ އެވެ.

ރޭގެ ފޯރިގަދަ މެޗުން މެޗުން ލޮރެންޒޯގެ މައްޗަށް 24-26، 24-26 އަދި 25-16 އިން ވެމްކޯ ކުރިހޯދިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަރީޝާ އެވެ.

މި ފަހަރުގެ މުބާރާތުގެ ޕްރިލިމިނަރީ ބުރުން ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދެ ވަނަ ބުރުން ފުރުސަތު ހޯދި ލޮރެންޒޯ އަށް ދެ ވަނަ ބުރުން ފަށައިގެން އެންމެ ރަނގަޅު ނަތީޖާތަކެއް ނުނެރެވެ އެވެ. ދެ ވަނަ ބުރުން ފަށައިގެން އެ ޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ ދެ ވަނަ ބުރުގެ އެންމެ ފުލަށް ދިޔަ އަލްމާ ސްޕޯޓްސް ކްލަބް އަތުންނެވެ. އެހެން މެޗުތަކާ ހިލާފަށް ރޭގެ މެޗުގައި ލޮރެންޒޯ އިން ފުރަތަމަ ދެ ސެޓުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެކަމަކު ސެޓުގެ ފަހު ވަގުތުގައި ހެދުނު ގޯސްތަކެއްގެ ސަބަބުން މެޗުގައި ކުރިއަށްދިިއުމަށް އުނދަގޫވީ އެވެ.

މިދިޔަ އަހަރުގެ އެސޯސިއޭޝަން ކަޕް ކާމިޔާބުކުރީ މާފަންނު ޔޫތު ޑިވެލޮޕްމަންޓް އެސޯސިއޭޝަން (މައިޑާ) އެވެ. މި އަހަރު އެ ޓީމު މުބާރާތުގައި ނުކުޅެ އެވެ. ވެމްކޯ އާއި ޕޮލިސް ކުޅޭ ފައިނަލް މެޗު ފަށާނީ މާދަމާރޭ 20:30 ގަ އެވެ.