01 ފެބުރުއަރީ 2019 - 07:25

ޖިރޯނާ (ފެބްރުއަރީ 1) – ސްޕެނިޝް ކަޕުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި ރޭ ޖިރޯނާ އަތުން 3-1 އިން މޮޅުވެ ރެއާލް މެޑްރިޑުން މުބާރާތުގެ ސެމީ ފައިނަލުގެ އެންމެ ފަހު ޖާގަ ހޯދައިފި އެވެ.
ފުރަތަމަ ލެގުން 4-2 އިން މޮޅުވި މެޑްރިޑް ދެ ލެގުގެ ކުރި ހޯދީ 7-3 ގެ އެގްރިގޭޓަކުންނެވެ. ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި މެޑްރިޑުގެ ފުރަތަމަ ދެ ގޯލް ޖެހީ ފްރާންސް ފޯވާޑް ކަރިމް ބެންޒެމާ އެވެ. އޭގެ ފަހުން ޖިރޯނާ އިން ތަފާތު ކުޑަކޮށްފައިވަނިކޮށް މެޑްރިޑުގެ ތިން ވަނަ ގޯލް ޖެހީ މާކޮސް ލޮރެންޓޭ އެވެ.
މި މެޗުގައި ޖެހި ދެ ގޯލާ އެކު ބެންޒެމާ ވަނީ ރެއާލް މެޑްރިޑުގެ ތާރީހުގައި އެ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ ހަ ވަނަ އަށް އަރައިފަ އެވެ. ފްރާންސްގެ ލިޔޯން އިން 2009 ވަނަ އަހަރު މެޑްރިޑާ ގުޅުނު ބެންޒެމާގެ ޖުމްލަ އަކީ 446 މެޗުން 209 ގޯލެވެ. އެއް ވަނައިގައި އޮތީ 438 މެޗުން 450 ގޯލް ޖަހައިގެން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ އަނެއް ތިން ޖާގަ ހޯދާފައިވާ ބާސެލޯނާ އާއި ރެއާލް ބެޓިސް އަދި ވެލެންސިއާ އެވެ. ސެމީގެ ގުރުނެގުން މިއަދު އޮންނާނެ އެވެ. ފުރަތަމަ ލެގު މި މަހުގެ 6 ގައި އޮންނައިރު ފަހު ލެގު އޮންނާނީ 27 ގަ އެވެ. ފައިނަލް ކުޅޭނީ މޭ 25 ގަ އެވެ.