01 ފެބުރުއަރީ 2019 - 09:58

ބ. އަތޮޅުގެ އޭދަފުށްޓަކީ ފުޓްބޯޅައިގެ ރޮނގުން ބަލާއިރު ގިނަ ކަންތައްތަކެއް ހާސިލްކޮށްފައިވާ ރަށެކެވެ. ގައުމީ ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއް އުފައްދައި އަދިވެސް އެ މަސައްކަތުގައި ޝާމިލުވެ، އޮތް ރަށެކެވެ. އޭދަފުށީގެ ނަން ކުޅިވަރުގެ އެންމެ މަތީ ފަނޑީގައި ބޭއްވުމުގެ އަމާޒު އަބަދުވެސް އޮވެ އެވެ. އެކަން އިތުރަށް ވަރުގަދަ އަށް ކުރުމުގެ މަސައްކަތް ފެށިގެންދިޔައީ މީގެ ފަސް މަސް ކުރިން ވުޖޫދުވި ކްލަބް އޭދަފުށްޓާ އެކު އެވެ.

ކްލަބް އޭދަފުށީގެ ރައީސް އަދި ކައުންސިލްގެ ވެސް ރައީސް ތޮލާލް އަބްދުއްރަހުމާން ވިދާޅުވީ ކްލަބް އޭދަފުށްޓަކީ ވަރަށް ރަނގަޅު ވިސްނުމަަކާ އެކު ފެށިގެންދިޔަ މަސައްކަތެއް ކަމަށާއި މީގެ މަގުސަދަކީ ކުޅިވަރުގެ ތެރެއިން އޭދަފުށި އެހެން ހަރުފަތަކަށް ގެންދިއުން ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ރަނގަޅު ހިޔާލެއްގެ މައްޗަށް މީގެ ފަސް ވަރަކަށް މަސް ކުރިން ފެށި މަސައްކަތެއް ކްލަބް އޭދަފުށި މިއީ. ފުރަތަމަ އަޅުގަނޑުމެން ކުޅިވަރަށް ހާއްސަކޮށް ފުޓްބޯޅައިގައި ބައިވެރިވަމުން އައީ ކައުންސިލްގެ ތެރެއިން. މި ކްލަބާ އެކު އަޅުގަނޑުމެން ބޭނުންވީ ކައުންސިލް ހަރަދުގައި މިކަން ނުކޮށް ކްލަބެއްގެ ގޮތުގައި ކުރިއަށްދާން. ރައްޔިތުންގެ ފައިސާ އަށް ވުރެ ކްލަބުން ފައިސާ ހޯދައިގެން ކުރިއަށްދާން،" ރޭ އޭދަފުށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތޮލާލް ވިދާޅުވި އެވެ.
އޭދަފުށީ ކުޅިވަރުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާ ގުޅިގެން ކްލަބް އޭދަފުށީގެ މަސައްކަތް ކުރެވޭއިރު، މި ކްލަބްގެ ނައިބު ރައީސަކަށް ހުރީ އަބްދުލްމަޖީދު އެވެ. އަދި ކްލަބްގެ ބޯޑުގައި 1991 ވަަނަ އަހަރު ރާއްޖެ އަށް ރިހި މެޑަލް ހޯދައިދިން ޓީމުގެ އަބްދުލްވާހިދު ހުސެއިންގެ ދައުރު ވެސް ބޮޑެވެ. ކުރިން ރާއްޖޭގެ ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯދި މަޖިއްޓޭ ދެކޭގޮތުގައި މި ކްލަބުގެ ތެރެއިން އޭދަފުށީގެ ކުޅިވަރު މިހާރު އޮތް ހިސާބުން އެތައް ގުނައެއް ކުރިއަށް ގެންދެވިދާނެ އެވެ.
"މި ކްލަބް ފެށިގެންދާއިރު އަޅުގަނޑުމެންނަށް ނެތީ މާލީ ތަނަވަސްކަމެއް. އެކަމަކު އެ އަށް އަޅުގަނޑުމެން ނުބަލައި މަސައްކަތްތައް ކުރިއަށް މިގެންދަނީ ހުނަރުގެ ތަނަވަސްކަން އަޅުގަނޑުމެންނަށް އެބައޮތް. އެ ކުޅުންތެރިންގެ އެ ހިތްވަރު އެބަހުރި. އަޅުގަނޑުމެންގެ އަމާޒަކީ އޭދަފުށީގެ ކޮންމެ ކުޅިވަރެއްގައި ވެސް އަންނަ ކުޅުންތެރިއަކީ ގައުމީ ޓީމުގެ ކުޅުންތެރިއަކަށް ހެދުން،" ކްލަބްގެ ނައިބު ރައީސް އަދި 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ މެނޭޖަރު މަޖީދު ވިދާޅުވި އެވެ.
ސަރަހައްދީ ޗެމްޕިއަންކަން ފުޓްބޯޅައިން ރާއްޖެ އަށް ލިބުނު ދެ ފަަހަރުގައި ވެސް އޭދަފުށީގެ ދައުރު ބޮޑެވެ. އެންމެފުރަތަމަ 2008 ގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ ކާމިޔާބުކުރިއިރު، ހުރިހާ މެޗެއްގެ ފުރަތަމަ 11 ގައި އޭދަފުށީގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ޖަމީލާއި މުހައްމަދު ޝިފާން (ކުޑައްޓެ) ހިމެނުނެވެ. އަދި މިދިޔަ އަހަރުގެ މުބާރާތުގައި ހަމްޒާ މުހައްމަދު (ހަމްޕު) އާއި އަލީ ފާސިރު (ސެންޓޭ) ހިމެނުނެވެ.
ކްލަބް އޭދަފުށީގެ ނަމުގައި މަސައްކަތް ފެށި މިހާތަނަށް ވެސް ރަން އަކުރުން ފަވާލެވޭ ކާމިޔާބީތަކެއް ވަނީ ހޯދައިފަ އެވެ. ބެޑްމިންޓަން އަތޮޅު ލީގުގައި ދެ ރަން މެޑަލް ހޯދައި ދޮންފަނުގައި ޒުވާން ކުޅުންތެރިންނަށް އަމާޒުކޮށްގެން ބޭއްވި އިންވިޓޭޝަނަލް މުބާރާތް ވަނީ ކްލަބް އޭދަފުށީގެ ނަމުގައި ވާދަކޮށް ކާމިޔާބު ކޮށްފަ އެވެ.
ކުޅިވަރުގެ ވަސީލަތްތަކަށް ބަލާއިރު އޭދަފުށި މިހާރު އޮތީ ރަނގަޅު ޓްރެކުގަ އެވެ. ރާއްޖެ އަށް ބަލާއިރު އެންމެ ފެންވަރު ރަނގަޅުގެ ބެޑްމިންޓަން ކޯޓެއް އެބައޮތެވެ. އަދި މިހާރު ކްރައުން ނަޒީރުގެ ހަރަދުގައި އޭދަފުށީގައި މަސައްކަތް ކުރަމުން އަންނަ ފުޓްބޯޅަ ދަނޑަކީ ބައިނަލްއަގްވާމީ ފެންވަރުގެ ދަނޑެކެވެ. ފެންވަރު ރަނގަޅު ވަސީލަތްތައް ބޭނުންކޮށްގެން ފަސް ބެލުމެއްނެތި އޭދަފުށިން ކުޅިވަރުގެ ރޮނގުން ކުރިއަށްދާން މި ކްލަބްގެ ތެރެއިން މަސައްކަތްކުރާނީ ފުދުންތެރި ގޮތެއްގައި އެންމެ ފައިދާހުރި ގޮތަށެވެ.
"އަޅުގަނޑުމެންގެ އެބައޮތް ބެޑްމިންޓަން ކޯޓެއް ވަރަށް ރަނގަޅު. ދެން ކުރިން ވެލީގައި އަޅުގަނޑުމެން ކުޅެމުން އަައީ. އެކަމަކު މިހާރު މަސައްކަތް ކުރެވެމުން އެ އަންނަނީ ބައިނަލްއަގްވާމީ ދަނޑެއްގެ އެޅުމުގެ މަސައްކަތް. އެ ދަނޑާ އެކު ގިނަ މަސައްކަތްތަކެއް ކްލަބުން ކުރިއަށްގެންދާނެ،" ކްލަބްގެ ރައީސް ތޮލާލް ވިދާޅުވި އެވެ.
"ފުޓްބޯޅަ އަކީ އަޅުގަނޑުމެން އަދި އެންމެންގެ ވެސް އެއްވަރު ކުޅިވަރު. އެކަމަކު މީގެ މާނަ އަކީ އަޅުގަނޑުމެން އެހެން ކުޅިވަރުތަކަށްދޭ މުހިއްމުކަން ކުޑަވުމެއް ނޫން. އަޅުގަނޑުމެން ފުޓްބޯޅަ، ބެޑްމިންޓަން، ދެން ވޮލީން ވެސް ކުރިއަށް ދިއުމުގެ ވިސްނުން އެބަހުރި. އެހެން ކުޅިވަރުތަކުން ވެސް ފުރުސަތު ފަހިކޮށްދޭނަން. މީގެ މަޖަލަކަށް ކުރުމެއް ނޫން. ސީރިއަސްވެ ކަމަށް ޝައުގުވެރިކަން ހުރެގެން ކުރިއަށްދާން ތިބިއްޔާ މި ކްލަބްގެ އެހީ ލިބޭނެ."
ދިވެހި ކުޅިވަރުގައި އެންމެ ބޮޑަށް ދިމާވެފައިވާ މާލީ ދަތިކަމަކީ މި ކްލަބަށް ވެސް ބޭނުންވާ ދުވެލީގައި މަސައްކަތް ކުރުމަށް އޮތް އެންމެ ބޮޑު ހުރަހެވެ. އަމިއްލަ ފައި މައްޗަށް ތެދުވެ، ގިނަ ރަނގަޅު މަސައްކަތްތަކެއް ކުރުމަށް މި ކްލަބަށް އެހީތެރިކަން ވީ އެންމެ ގިނަ ފަރާތްތަކުން ކޮށްދިނުމަކީ ކްލަބްގެ އެންމެ ބޮޑު އެދުމެވެ.
"އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު ދަތިކަމަކީ މުޅި ގައުމުގައި ވެސް ކުޅިވަރު ޓީމުތަކަށް ދިމާވެފައިވާ މާލީ ދަތިކަން. ވަރަށް ކުޑަކުޑަ ބަޖެޓަކުން ވިޔަސް މި ވަގުތު ކަންތައްތައް ކޮންމެވެސް ވަރަކަށް ހަމަޖެހެމުން ދަނީ. އެކަމަކު މީގެ މަންފާ އެއް ބޮޑަށް ކުރެވޭނީ ރަނގަޅު ބަޖެޓަކާ އެކު މަސައްކަތްތަކެއް ކުރެވިގެން. އަޅުގަނޑުމެންގެ އެދުމަކީ ކްލަބް ހެޔޮއެދޭ އެންމެ ފަރާތްތަކުން ކްލަބްގެ މާލީ ތަނަވަސްކަން އިތުރުކުރަން އެހީވެދިނުން،" ތޮލާލް ވިދާލުވި އެވެ.
އޭދަފުށީ ރައްޔިތުންނަކީ ކުޅިވަރުގައި އަބަދުވެސް ނަމޫނާ ދައްކަމުން އަންނަ ބަޔެއް ކަަމަށާއި ކުޅިވަރުގައި އެ ރަށުން ހާސިލްކުރާ ކޮންމެ ކަމެއްގައި ވެސް އެންމެ ބޮޑު ހިއްސާއެއް އޮންނަ ފަރާތަކީ ސަޕޯޓަރުން/ ރައްޔިތުން ކަމުގައި މި ކްލަބުން ދެކެ އެވެ. އަދި މުސްތަގުބަލުގައި ވެސް އެކަން އެ ގޮތަށް އޮތުމަކީ މި ކްލަބުގެ އެންމެ ބޮޑު އެއް އެދުމެވެ.
އެފްއޭއެމުން މީގެ އަށް ވަރަކަށް އަހަރު ކުރިން ފެށި ޔޫތު ޗެމްޕިއަންޝިޕް 2015 ވަނަ އަހަރު ނޫން ހުރިހާ އަހަރެއްގައި ބޭއްވި އެވެ. އޭދަފުށީގެ ނަމުގައި މީގެ ކުރިން 2013 އަދި 2014 ވަނަ އަހަރު ވާދަކުރި އެވެ. އޭގެ ފަހުން މި މުބާރާތުން އޭދަފުށި ނުފެނި ވަނިކޮށް، އަލުން މި ފަހަރު ނުކުންނަން ނިންމީ ދުރާލާ ވިސްނައިގެން ކުރި މަސައްކަތުންނެވެ.
"މިއީ އަޅުގަނޑުމެން މި މުބާރާތުގައި ބައިވެރިވާ ތިން ވަނަ ފަހަރު. 2014 ވަނަ އަހަރަށް ފަހު މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބި އޮވެފައި މި ފަހަރު މި ލިބުނީ. މި ފަހަރު ކްލަބްގެ ބޯޑުން އަޅުގަނޑަށް ދީފައި އޮތް އަމާޒަކީ ކާމިޔާބަކަށް ވުރެން ބޮޑަށް ޒުވާން ކުޅުންތެރިންތަކަކަށް ފުރުސަތު ހޯދައިދިނުން. އެއީ އެންމެ ބޮޑު އެއް އަމާޒު. ދެ ވަނަ ކަމަކަށް އަޅުގަނޑުމެން ބޭނުން މި ލެވެލްގައި ވެސް އޭދަފުށްޓަށް ވާދަކުރެވޭނެކަން ސާބިތުކޮށްދޭން،" ކުރީގެ މަޝްހޫރު ކުޅުންތެރިއާ އަދި މި ފަަހަރު ކްލަބް އޭދަފުށީގެ ޒުވާން ޓީމުގެ ކޯޗު މުހައްމަދު ޒާހިދު (ބައްޓޭ) ބުންޏެވެ.
އަންނަ ހޯމަ ދުވަހު ފަށާ ޔޫތު މުބާރާތުގައި އޭދަފުށި ލައްވާލީ އީގަލްސް، މާޒިޔާ، ގްރީން ސްޓްރީޓްސް އަދި ޔުނައިޓެޑް ވިކްޓަރީއާ އެކު ދެ ވަނަ ގްރޫޕުގަ އެވެ. މި މުބާރާތުގެ ކުރީގެ ތިން ޗެމްޕިއަނުން އޮތް ގްރޫޕެއްގައި ކުޅެން ޖެހުނަސް އޭދަފުށި ފަހަތަށް ނުޖެހޭނެ ކަމަށް ޓީމުގެ ކޯޗު ބައްޓޭ ވަނީ ބުނެފަ އެވެ.
"ދޮންފަނުގައި އޮތް 23 އަހަރުން ދަށުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދިޔަސް އެއީ އަތޮޅު ލެވެލްގެ މުބާރާތެއް. މިހާރު މިދަނީ ރާއްޖޭގެ ޓޮޕް ލެވެލަށް. ވާދަކުރަން ޖެހޭ ގްރޫޕުގައި އެބައޮތް މި މުބާރާތުގެ ކުރީގެ ޗެމްޕިއަނުންތަކެއް. އެކަމަކު އެހެން އޮތަސް އަޅުގަނޑުމެންގެ ކުޅުންތެރިން ފަހަތަށް ނުޖެހޭނެ. އިރާދަކުރެއްވިއްޔާ ރަނގަޅު ފައިޓެއްދޭނެ،" ބައްޓޭ ބުންޏެވެ.
ރަށުގައި ފަރިތަކުރުންތައް ވެލި ދަނޑުގައި ގެންދިއުމަށް ފަހު މާލޭގައި މެޗަށް ގޮސް ގަލޮޅު ދަނޑުގައި ކުޅޭއިރު ވިނައިގައި ކުޅެން ޖެހުމުން އެ އަންނަ ތަފާތުގެ ސަަބަބުން އުނދަގޫތަކެއް ހުންނާނެ ކަމަށާއި މާހައުލުގެ ގޮތުން އަންނަ ބަދަލުގެ އަސަރު ވެސް ކުޅުންތެރިންނަށް ކޮންމެވެސް ވަރަކަށް ކުރާނެ ކަމަށް ބައްޓޭ ދެކެ އެވެ.
ހުރިހާ ކަމަކަށް ވުރެ ބޮޑަށް ކުޅުންތެރިން އަމާޒުހިފާފައިވަނީ ރަށަށް ރީތި ނަން ހޯދައިދިނުމަށް ކަމަށާއި މި މުބާރާތުގައި ވެސް ވީ އެންމެ ދުރަކަށް ދިއުމަކީ ޓީމުގެ އެންމެ ބޮޑު އަމާޒުކަމަށާއި މި މުބާރާތުގެ އަލީގައި ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުން ބޭނުންވާނެ ގިނަ ކުޅުންތެރިންތަކެއް އޭދަފުށީ ޓީމުން ފެނިގެންދާނެ ކަމަށް ބައްޓޭ ވަނީ ބުނެފަ އެވެ.
އެފްއޭއެމުން މިދިޔަ އަހަރު އިއުލާނުކުރި އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އަށް ސަރަހައްދެއްގައި ޑިވެލޮޕްމެންޓް އޮފީސްތަކެއް ވަނީ ގާއިމްކުރަން ނިންމައިފަ އެވެ. އޭގެ ތެރެއިން އެއް އޮފީސް އޭދަފުށީގައި ގާއިމުކުރަން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ފުޓްބޯޅަ ކުރިއަށް ގެންދިއުމުގައި މި ރަށަކީ ނަމޫނާ ރަށަކަށް ވާނެ ކަމުގެ ޔަގީންކަން އޮތުމެވެ.
ކްލަބެއްގެ ސިފައިގައި އޭދަފުށިން ރާއްޖޭގެ ކުޅިވަރުގެ މަތީ ފަނޑީގައި ފައިތިލަ ސާބިތު ކުރުމަށް ފެށި މި މަސައްކަތާ މެދު ގިނަ ބަޔެއް ބޮޑެތި އުއްމީދުތަކެއް ކުރެ އެވެ. އެއީ މި ކަމުގައި އިސްކޮށް ޝާމިލުވެ އުޅޭ ފަރާތްތަކަކީ ކަމަށް ގާބިލު ބަަޔަކަށްވެފައި ކުރިން ވެސް ކުޅިވަރުގެ އެކި ރޮނގުރޮނގުން މި ރަށަށް ރީތި ނަން ހޯދައިދީފައިވާ ބަަޔަކަށްވާތީ އެވެ. ކްލަބް އޭދަފުށި ވުޖޫދުކޮށް އަމާޒުހިފާފައިވަނީ ކުޅިވަރުގެ ރޮނގުން ދެވެން އޮތް އެންމެ އުހަށް ދިއުމެވެ. އަދި އެ މަސައްކަތުގައި ވަރުބަލިވުމެއްނެތި ކްލަބްގެ ހިންގުންތެރިން ދެމިތިބޭނެކަމުގެ ޔަގީންކަން އެ ފަރާތްތަކުން ދެ އެވެ.