31 ޖެނުއަރީ 2019 - 21:45

އުމުރުން 104 އަހަރުގެ އަންހެނެއްގެ ގޯލްބްލެޑާ ނުވަތަ ފިތް ނެގުމުގެ އޮޕަރޭޝަނެއް (އޯޕަން ކޮލެސިސްޓެކްޓޮމީ) ޓްރީ ޓޮޕް އިން ކާމިޔާބުކަމާ އެކު ކޮށްފި އެވެ.
ރާއްޖޭގައި އަމިއްލަ ފަރާތަކުން ހިންގާ އެންމެ ބޮޑު ހޮސްޕިޓަލުން ބުނީ، އެއީ އެ ހޮސްޕިޓަލުން ވެސް މިހާތަނަށް ފަރުވާ ހޯދި އެންމެ ދޮށީ މީހާ އެވެ.
އާއްމުކޮށް، ގޯލްބްލެޑާ ނަގަން ޖެހެނީ އެ ގުނަވަނުގައި ހިލަ އުފެދި އެކަމުގެ ސަބަބުން ޖަރާސީމު ހެދި، ތަދުވުމުން ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ.
އެ އޮޕަރޭޝަން ކުރީ، ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލުގެ އާއްމު އޮޕަރޭޝަންތަކުގެ ހާއްސަ ޑޮކްޓަރު އަބްދުﷲ އުބައިދު އިސްކޮށް ހުންނަވައިގެން ގާބިލް ޓީމަކުންނެވެ. އޭގެ ތެރޭގައި މެޑިކަލް އޮފިސަރުންނާއި އައްސިކުރާ ޑޮކްޓަރުންނާއި ތިއޭޓަ ނަރުހުން ހިމެނެ އެވެ.
ޑރ. އުބައިދުއާ ހަވާލާ ދެއްވައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނިގޮތުގައި، އެ އޮޕަރޭޝަންގެ ހުރިހާ ކަމެއް ވެސް ކުރިއަށް ދިޔައީ ވަރަށް ކާމިޔާބު ކޮށެވެ. އެ އޮޕަރޭޝަނުން ބަލިމީހާގެ ދިރިއުޅުމަށް އިތުރު ފަސޭހަތަކެއް ގެނެސްދޭނެ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.
އޮޕަރޭޝަން ކުރަން ޖެހުނީ އުމުރުން ދުވަސްވީ މީހެއްގެ ކަމަށް ވާތީ، ދުރާލައި ވަރަށް ފުރިހަމަ އަށް ތައްޔާރުވި އެވެ. އާއްމު އޮޕަރޭޝަންތަކުގެ ހާއްސަ ޓީމަކީ ތަޖުރިބާކާރު ގާބިލް ޓީމެއް ކަން ޓްރީ ޓޮޕް ހޮސްޕިޓަލުން ވެސް ފާހަގަކުރެ އެވެ.
އެ ހޮސްޕިޓަލުން ބުނިގޮތުގައި އަމާޒަކީ ސިއްހީ ޚިދުމަތްތައް އެންމެ ފުރިހަމަ އަށް ދިނުމެވެ. އެތަނުގެ އަގުތަކަށް ހެޔޮބަދަލުތަކެއް ގެނެސްފައިވާއިރު އާސަންދަ އާއި އެހެނިހެން އިންޝުއަރެންސް މެދުވެރިކޮށް ފަރުވާ ހޯދޭނެ ނިޒާމް ވެސް ވަނީ ގާއިމްކޮށްފަ އެވެ.