23 އޯގަސްޓް 2016 - 18:10

އަގޯރާ އެކްސްޕްރެސް ފިހާރަ ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަސީލް އަހުމަދުގެ މަރާ ގުޅިގެން ދެ ކުއްޖަކު 13 އަހަރަށް ޖަލަށްލާން ޖުވެނައިލް ކޯޓުން ހުކުމްކޮށްފި އެވެ.
އިސްކަންދަރު ސްކޫލް ކުރިމަތީގައި އޮންނަ ދިދި ގޯޅި ތެރޭގައި ހުންނަ އެ ފިހާރަ ކައިރިން އޮގަސްޓް، 2014 ގައި ގްރޫޕަކުން ތޫނު އެއްޗެހިން ހަމަލާ ދިނުމުގެ ސަބަބުން އަސީލް މަރުވި މައްސަލާގައި ޖުވެނައިލް ކޯޓުގައި ދައުވާލިބުނު ދެ ކުދިން ޖަލަށްލާން ހުކުމްކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ.
އެ ދެ ކުދިން ވެސް ކުށްކުރީ ކުޑަކުދިންގެ ގޮތުގައި ތިބެ ކަމަށް ވިޔަސް މިހާރު އެ މީހުންނަށް ވަނީ 18 އަހަރު ފުރިފަ އެވެ.
އެ ހުކުމް ކުރިކަން ޖުވެނައިލް ކޯޓުން ކަށަވަރުކޮށް ދިނަސް އެ ހުކުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ. އެ ކޯޓުގައި ހިންގާ ހުރިހާ ޝަރީއަތްތަކަކީ ސިއްރު ޝަރީއަތްތަކެކެވެ. އަދި އެ ކޯޓުގައި ހިނގާ މައްސަލަތަކުގައި ހިމެނޭ ކުދިންގެ މައުލޫމާތު އާންމު ކުރުމަކީ ވެސް ގާނޫނީ ގޮތުން މަނާ ކަމެކެވެ.
އެ ކުދިންނަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ އެ މީހުންގެ މައްޗަށް ކުރީ ޓެރަރިޒަމްގެ ދައުވާ ކަމަށްވެފައި، ކުޑަކުދިންގެ ގޮތުގައި ތިބެ ކުށެއް ކޮށްފި ނަމަ އެ މީހަކަށް ދެވޭނީ އެ ކުށަކަށް ގާނޫނުގައި ބުނާ އެންމެ ލުއި އަދަބެއްގެ ތިން ބައި ކުޅަ ދެ ބައި ކަމަށްވާތީ އެވެ.
އެ މައްސަލާގައި އިތުރު ހަ މީހެއްގެ މައްޗަށް ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގައި ވެސް ދައުވާ އުފުލައިފަ އެވެ. އެ މައްސަލަ ނިމުމަކާ ގާތަށް އަދި ނުދެ އެވެ.