23 އޯގަސްޓް 2016 - 19:42

ފޮޓޯ އާއި ވީޑިއޯ ނަގައި އަދި ނޫސްވެރިކަމާ ގުޅުން ހުރި މަސައްކަތްތައް ކުރުމަށް ރާއްޖެ އަންނަ ބިދޭސީން މީގެ ފަހުން ސެކިއުރިޓީ ސްކްރީން ކުރުމަށް ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އެތަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެ ފަދަ ބިދޭސީން ސެކިއުރިޓީ ސްކްރީން ކުރާނީ އެ މީހުންނަށް ވިސާ ދޫކުރުމުގެ ކުރިން ކަމަށެވެ. އެހެންވެ، އެ މީހުން ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ އަށް ނުވަތަ ބިޒްނަސް ވިސާ އަށް އެދޭ އިރު، ސެކިއުރިޓީ ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މި ފޯމު އިމިގްރޭޝަނުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެ އެވެ.
ރާއްޖެ އަންނަ ބިދޭސީ ފޮޓޯ/ ވީޑިއޯގްރާފަރުންނާއި ނޫސްވެރިންނަށް ހާއްސަ ސަމާލު ކަމެއް ދޭން ނިންމީ ކީއްވެ ކަމެއް، އަދި ސާފެއް ނުވި އެވެ. އެހެންނަމަވެސް، މާލޭގައި ފޮޓޯ ނަގަން އުޅުނު ދެ ބިދޭސީއަކު މިދިޔަ މަހުގެ ތެރޭގައި ވެސް ޑީޕޯޓް ކޮށްލައިފައި ވެ އެވެ.
ރާއްޖޭގައި މަސައްކަތް ކުރުމަށް ބިދޭސީންނަށް އެތެރެ ވެވޭނީ އެކަމަށް ދީފައިވާ ހާއްސަ ހުއްދައާާ އެކުގަ އެވެ.
ޑޮކިއުމަންޓްރީ ފަދަ އެއްޗެހި ހަދައި، ނުވަތަ ނޫސްވެރިކަމާ ގުޅުން ހުރި މަސައްކަތް ކުރުމަށް ދޭތެރެ ދޭތެރެއިން ބިދޭސީން ރާއްޖެ އާދެ އެވެ.