01 ފެބުރުއަރީ 2019 - 07:24

ދީޕިކާ ޕަދްކޯންއަކީ މިހާތަނަށް އެކުގައި މަސައްކަތްކުރި އެންމެ ހުނަރުވެރި ބަތަލާ ކަމަށް ބުނެ، ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އަށް އޭނާ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.
ބަންސާލީގެ އެންމެ ފަހުގެ ތިން ފިލްމު ކަމަށްވާ ރާމް-ލީލާ (2013) އާއި ބަޖިރާއޯ މަސްތާނީ (2015) އަދި ޕަދުމާވަތީ (2018) ގެ ބަތަލާގެ ރޯލް ކުޅުނު ދީޕިއާ ބެހޭ ގޮތުން ބަންސާލީ ބުނީ އެއީ އަދިވެސް އޭނާ އެކުގައި މަސައްކަތްކުރަން އެންމެ ބޭނުންވާ ބަތަލާ ކަމަށެވެ.
"އަދިވެސް އަހަރެން ހިތެއް ނުފުރޭ ތިން ފިލްމެއްގައި ދީޕިކާއާ އެކު މަސައްކަތްކޮށްގެން. އަދިވެސް އަހަންނަށް އޭނާގެ ފަރާތުން ނެރެވޭނެ ކިތަންމެ ހުނަރެއް އެބަހުރި،" އައިޝްވާރިޔާ ރާއީއާ އެކު ވެސް ތިން ފިލްމެއްގައި މަސައްކަތްކުރި ބަންސާލީ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ދީޕިކާއަކީ މަސައްކަތުގެ އަހުލާގު ވަރަށް ރަނގަޅު، ފިލްމުގެ ސެޓްގައި މާ ގޮތްގަނޑު ބޮޑުވެގެން އުޅޭ ބަތަލާއެއް ނޫނެވެ. އަދި އެއީ ކަންކަމާ ޝަކުވާކުރާ މީހެއް ނޫން ކަމަށާއި ޑައިރެކްޓަރު ދޭ އިރުޝާދުތަކާ އެއްގޮތަށް، އޭނާގެ އެންމެ މެކްސިމަމް ދޭން ދީޕިކާ އަބަދު ވެސް މަސައްކަތް ކުރާ ކަމަށް ބުންޏެވެ.
ދީޕިކާ އަށް ތައުރީފު ކުރަމުން ބަންސާލީ ވަނީ ކުރީގެ ކުޅަދާނަ ތިން ތަރިއަކާ އެކްޓަރު ރަންވީރު ސިންގްގެ އަންހެނުން އެއްގޮތް ވެސް ކޮށްފަ އެވެ. އެގޮތުން އެއީ ވިޖަންތިމާލާ އާއި ވަހީދާ ރަހްމާން އަދި ހެމާ މާލިނީ ފަދަ ބަތަލާއެއް ކަމަށް ބުންޏެވެ.
"ދީޕިކާއަކީ އެ ބަތަލާއިންނާ އެއް ހިސާބެއްގައި ރޭންކް ކުރެވޭނެ ބަތަލާއެއް ކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް،" ބަންސާލީ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ހުނަރުވެރި ބަތަލާ މަންޒަރުތަކަށް އެޕްރޯޗް ކުރާ ގޮތުން އެ ތިން ބަތަލާއިންގެ މަތިން ވަރަށް ހަނދާންވެ އެވެ.
މެގްނާ ގުލްޒާރާ އެކު "ޗަޕާކް" ކިޔާ ބައޮގްރަފިކަލް ޑްރާމާއެއްގެ މަސައްކަތް ފަށަން ދީޕިކާ މިހާރު ތައްޔާރުވަމުން އަންނަ އިރު، މުމްބާއި އެކެޑެމީ އޮފް ދަ މޫވިން އިމޭޖް (މާމީ) ގެ ޗެއާޕާސަންއަކަށް ވެސް އޭނާ މިހާރު ވަނީ ހަމަޖައްސައިފަ އެވެ. ކުރިން އެ މަގާމު ފުރި މީހުންގެ ތެރޭގައި އާމިރު ހާންގެ އަންހެނުން ކިރަން ރާއޯ ހިމެނެ އެވެ.
މާމީން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ވަރުގަދަ ފިލްމު ފެސްޓިވަލެއް ވެސް ބާއްވަ އެވެ.