01 ފެބުރުއަރީ 2019 - 07:22

މި މަހުގެ 14 ވަނަ ދުވަހު ޕްރިޔަންކާ ޗޯޕްޅާގެ ހޮލިވުޑްގެ އައު ފިލްމު "އިޒިންޓް އިޓް ރޮމޭންޓިކް؟" ރިލީޒް ކުރަން ތައްޔާރުވަމުން އަންނަނިކޮށް، އޭނާ އަނެއްކާ ވެސް ހޮލީވުޑްގެ ފިލްމެއް އިއުލާންކޮށްފި އެވެ.
އެމެރިކާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަަސްގެ އަންހެނުން، އެލެން ޑިޖެނެރެސްގެ ޝޯގައި ބުނީ އޭނާ މި ފަހަރު ކުޅޭ ފިލްމަކީ އަމިއްލަ އަށް ޕްރޮޑިއުސް ވެސް ކުރާ ފިލްމެއް ކަމަށެވެ. ފިލްމުގެ ވާހަކަ ބިނާކުރަނީ އިންޑިއާގެ ކުރީގެ ސުޕްރިޗްއަލް ގްރޫ އޯޝޯގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތްކުރި މާ އާނަންދު ޝީލާގެ މައްޗަށެވެ.
ޕްރިޔަންކާ ބުނި ގޮތުގައި އެ ފިލްމު ޑައިރެކްޓް ކުރާނީ ރެއިން މޭން (1988) އާއި ސްލީޕާޒް (1996) ފަދަ ފިލްމުތައް ގެނެސް ދިން އަދި އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ ބެރީ ލެވިންސަން އެވެ.
"ބެރީ އާއި އަހަރެން މިހާރު މި އަންނަނީ ފިލްމުގެ ސްކްރިޕްޓް ޑިވެލޮޕް ކުރަމުން،" ދާދި ފަހުން "ދަ ސްކައި އިޒް ޕިންކް" ކިޔާ ހިންދީ ފިލްމެއްގެ ޝޫޓިން ވެސް ނިންމައިލި ބަތަލާ ބުންޏެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ފިލްމު "ކަޕޫރު އެންޑް ސަންސް" ގެނެސްދިން ޑައިރެކްޓަރު ޝަކުން ބަޓްރާ ވެސް އޯޝޯގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަން ނިންމާފައިވާ އިރު، އޯޝޯގެ ރޯލް ކުޅެން ވަނީ އާމިރު ހާނަށް ހުށަހަޅައިފަ އެވެ. އަދި މާ އާނަންދު ޝީލާގެ ރޯލް އާލިއާ ބަޓަށް ހުށަހަޅާފައިވެ އެވެ.
އޯޝޯ އާއި ޝީލާގެ ވާހަކަ ކިޔައި ދިން ޑޮކިއުމަންޓްރީއެއް ނެޓްފްލިކްސް އިން ވެސް ޓްރީމްކޮށްފައިވެ އެވެ.
ޕްރިޔަންކާގެ ހޮލީވުޑް ދެ ފިލްމެއް މިހާތަނަށް ވަނީ ސްކްރީނަށް އައިސްފަ އެވެ. އެއީ 2017 ގައި ކުޅުނު ފުރަތަމަ ހޮލީވުޑް ފިލްމު "ބޭވޮޗް" އާއި މިދިޔަ އަހަރު ރިލީޒް ކުރި "އަ ކިޑް ލައިކް ޖޭކް" އެވެ.
އޭނާގެ ތިން ވަނަ ހޮލީވުޑް ފިލްމު ސިނަމާތަކަށް އަންނަން ކުޑަތަންވެފައިވާ އިރު، ކްރިސް ޕެޓާ އެކު ފިލްމެއް ކުޅެން މިދިޔަ އަހަރު ޕްރިޔަންކާ ސޮއިކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެއީ "ކައުބޯއި ނިންޖާ ވައިކިން" އެވެ.