ހުޅުމާލޭ ބާސްކެޓްބޯޅަ ކޯޓް ފެބްރުއަރީ 15 ގައި ހުޅުވާނެ
ހުޅުމާލޭ ބާސްކެޓްބޯޅަ ކޯޓް ފެބްރުއަރީ 15 ގައި ހުޅުވާނެ

މަރާމާތުކުރަން ބަންދުކޮށް، ނުހުޅުވައި ދިގުލައިގެން ގޮސްފައިވާ ހުޅުމާލޭ ބާސްކެޓްބޯޅަ ކޯޓުގެ މަސައްކަތް ނިމި ކުރިއަށް އޮތް ފެބްރުއަރީ 15 ވަނަ ދުވަހު ބޭނުންކުރަން ފެށޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ދެ ވަނަ އަށް އެންމެ ގިނަ މީހުން ދިރިއުޅޭ ރަށުގައި ހުރި ހަމައެކަނި ކޯޓް މީގެ ހަތް މަސް ދުވަސް ކުރިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބަންދުކުރީ ދެ ހަފުތާއެއްހާ ދުވަސް ތެރޭ ނިންމާނެ ކަމަށް ބުނެ އެވެ. އެކަމަކު ހަތް މަސް ދުވަސްވީ އިރު ވެސް ނުހުޅުވުމުން، ސްކޫލްތަކާއި އެކަޑަމީތަކާއި ޓީމުތަކަށް އިންތިހާ އަށް ވަނީ ދަތިވެފަ އެވެ.

އެ މައްސަލަ އަށް މި ހަފުތާގައި ބޮޑު ސަމާލުކަމެއް އައިސްފައިވަނިކޮށް، މިނިސްޓަރު މަހުލޫފު ވަނީ އިއްޔެ އެޗްޑީސީއާ ބައްދަލުކުރައްވައިފަ އެވެ. އަދި ކުރެއްވި މަޝްވަރާތަކަށް ފަހު ވިދާޅުވީ "ހުޅުމާލޭ ބާސްކެޓްބޯލް ކޯޓުގައި ކުޅުމަށް ދިމާވެފައިވާ މައްސަލަ 15 ފެބްރުއަރީ އަށް އިރާދަކުރެއްވިއްޔާ ހައްލުކުރެވޭނެ" ކަމަށެވެ.

ކޮންމެ ދުވަހަކު ސަތޭކައެއްހާ ކުދިން ތަމްރީން ހަދަން ބޭނުންކުރާ އެ ކޯޓް ނެގުމުން، މިހާރު ހުޅުމާލޭގައި ބާސްކެޓްބޯޅަ ކުޅެން އޮތް ހަމައެކަނި ތަނަކީ، ޕާކެއްގެ ތެރޭގައި އަޅާފައި އޮންނަ ހާފް ކޯޓެވެ. ދެ އެކަޑަމީއަކާއި ހަތަރު ސްކޫލަކާއި ތިން ޓީމެއްގެ ކުދިންނާއި އަމިއްލަ ގޮތުން ކުޅޭ މީހުންނަށް ވެސް އޮތީ ހަމައެކަނި އެތަނެވެ. އެކަމަކު ރޭގަނޑު 10 ޖަހާލާއިރު އެތަނުގެ ބޮކިތައް ނިއްވާލާތީ އާއި އެއީ އާއްމުން ދިރިއުޅޭ ފްލެޓެއްގެ މެދުގައި އޮތް ތަނަކަށް ވާތީ އެކަށީގެންވާ ގޮތަކަށް އެތަން ވެސް ބޭނުމެއް ނުކުރެވެ އެވެ.

ބައިލައްކައަށް ވުރެ ގިނަ މީހުން ދިރިއުޅޭ އަދި މާލެ ނަގާފައި ރާއްޖޭގައި އެންމެ އާބާދީ ބޮޑު ރަށުގައި، ކުރީގެ ކޯޓް އޮތުމާ އެކު ބާސްކެޓްބޯޅައިގެ ފޯރި ގަދަ އެވެ. ގާތްގަނޑަކަށް ހަތް ސަތޭކައެއްހާ ކުދިން ސްކޫލާއި އެކަޑަމީ އަދި ޓީމުތަކުގެ ތެރެއިން ބާސްކެޓްބޯޅަ ކުޅެ އެވެ. ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ބާސްކެޓްބޯޅަ ކުޅުންތެރިޔާ އިބްރާހިމް ރަޝްވާން (ޗިކު) އަކީ ވެސް އެތަނުން އުފެދުނު ކުޅުންތެރިއެކެވެ. ކޯޓް އަވަހަށް ހުޅުވަން އެންމެ ބޮޑަށް ބާރު އެޅި އެކަކީ ވެސް އޭނާ އެވެ.