އީޝާ ޑިއޯލްގެ ކުރު ފިލްމު "ކޭކްވޯކް" ވޫޓް އިން ސްޓްރީމް ކުރަނީ
އީޝާ ޑިއޯލްގެ ކުރު ފިލްމު "ކޭކްވޯކް" ވޫޓް އިން ސްޓްރީމް ކުރަނީ

ދެވަނަ ދަރިއަކަށް ބަލިވެ އިން ބޮލީވުޑްގެ ކުރީގެ ބަތަލާ އީޝާ ޑިއޯލް ކުޅެފައިވާ ކުރު ފިލްމު "ކޭކްވޯކް" ކަލާޒް ޗެނެލްގެ ޑިޖިޓަލް ޕްލެޓްފޯމް އިން ސްޓްރީމްކުރާ ގޮތަށް ނިންމައި އެވެ.

ހަތާވީސް މިނިޓްގެ މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ނޫސްވެރިޔާ ރާމް ކަމަލް މުކަރްޖީ އެވެ.

ކޭކް އަޅާ މީހެއްގެ ގޮތުގައި އީޝާ ފެނިގެންދާ ފިލްމު ވޫޓް އިން ސްޓްރީމް ކުރުމުގެ ކުރިން މި މަހުގެ 17 ވަނަ ދުވަހު ރިޝްތޭ ސިނެޕްލެކްސްގައި ޕްރިމިއާ ކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ.

"ކޭކްވޯކް" ގައި އީޝާއާ އެކު ބަތަލެއްގެ ގޮތުގައި ފެނިގެން ދާނީ ޒީޓީވީން ގެނެސް ދިން ސިލްސިލާ "ޖާންބާޒް ސިންދްބާދް" ގެ ވިލަންގެ ރޯލް ކުޅުނު ތަރުން މަލްއުތުރާ އެވެ. އޭނާއަކީ ވަރަށް ގިނަ ޓީވީ ކޮމާޝަލްތައް ވެސް ކުޅެފައިވާ އެކްޓަރެކެވެ.

"ކޮއި މެރޭ ދިލް ސޭ ޕޫޗޭ" އިން 2002 ގައި ބޮލީވުޑަށް ނުކުތް އީޝާ އެންމެ ފަހުން ކުޅުނު ފިލްމަކީ މަންމަ ހެމާ ޑައިރެކްޓް ކުރި ޓެލް މީ އޯ ޙުދާ (2011) އެވެ. އީޝާގެ ކެރިއަރުގައި ކުޅުނު ފިލްމްތަކުގެ ތެރެއިން ކިރިޔާ ވެސް ބެލުންތެރިން ހަނދާން ހުންނަ ފިލްމަކީ ދޫމް (2004) އެވެ.

ދެހާސް ބާރައިގައި ކައިވެނިކޮށް ދެހާސް ސަތާރަ ވަނަ އަހަރު އަލަތު ދަރިފުޅު ރާދިއާ ތަހްތާނީ ލިބުނު އީޝާ، 37، އަކީ ކުޅޭނެ ރަނގަޅު ފިލްމެއް ނުލިބިގެން ކެރިއަރު ހުއްޓުމަކަށް އައި ބަތަލާއެކެވެ. އީޝާއަކީ ކުރީގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ދަރުމެންދުރާ އާއި ހެމާ މާލިނީގެ ދޮށީ އަންހެން ދަރިފުޅެވެ.