31 ޖެނުއަރީ 2019 - 11:04

މިދިޔަ އަހަރުގެ ފަހު ކުއާޓާގެ އާމްދަނީ 277 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓާއިން ޓެކްސް އަށް ކެނޑުމަށްފަހު ލިބުނު އާމްދަނީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ތިން ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.
އާމްދަނީ އިތުރުވެފައި ވަނީ ބޭންކުގެ ހުރިހާ ދާއިރާއަކުން ފައިދާ ލިބި، ލޯނު ދޫކުރެވުނު މިންވަރު އިތުރުވުމުގެ ސަބަބުންނެވެ. މީގެ އިތުރުން ބޭންކުން ވަނީ ހިދުމަތް ފުޅާ ކުރުމަށްޓަކައި މިދިޔަ ކުއާޓާގައި ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން ހިންގުމުގެ ހަރަދު އިތުރުކުރުމާއި އަލަށް ބޭނުން ކުރަން ފަށާފައިވާ އެކައުންޓިން ސްޓޭންޑަޑް އައިއެފްއާރުއެސް 9 ގެ ދަށުން ލޯނު ޕްރޮވިޝަންގެ ގޮތުގައި ބަހައްޓަންޖެހޭ މިންވަރު އިތުރުވެފައިވުމާއި "އަހަރެންގެ ބޭންކު" ޕްރޮގްރާމުގެ ދަށުން މުޖުތަމައުއަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ މާލީ އޮޑިޓްގެ މަސައްކަތް ކުރިއަށްދާތީ މުޅި އަހަރުގެ ނަތީޖާ ބޭންކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ބޭންކު ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނު ވިދާޅުވީ، ބޭންކުން ދަމަހައްޓަމުންދާ ކާމިޔާބީ މިދިޔަ އަހަރު ވެސް ލިބިގެން ދިޔައީ ރާއްޖޭގެ އެކި ހިސާބަށް ބޭންކުގެ ހިދުމަތް ފުޅާކުރެވުމުންނެވެ. މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމާއި ބޭންކިން ނެޓްވޯކް އިތުރަށް ފުޅާކުރުމަށް ކުރެވިގެންދިޔަ މަސައްކަތްތައް އެކުއެކީގައި ކާމިޔާބު ކަމާއެކީ ކުރިޔަށް ގެންދެވުނުކަމީ ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ބޭންކްގެ އާމްދަނީ އިތުރުވެފައިވާ އިރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބޭންކްގެ ސާވިސް ސެންޓަރުތަކާއި ޕީއޯއެސް މާޗަންޓުންނާއި ރިލޭޝަންޝިޕް މެނޭޖުން ހަރަކާތްތެރިވެ އެވެ. ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.