04 މާޗް 2019 - 07:32

އެންސީއައިޓީގެ އޮފީހަށް ވަދެވަޑައިގަތުމުގެ ކުރިން މުހައްމަދު މަލީހު ޖަމާލްގެ ސިކުނޑީގައި ކުރެހިފައި އޮތީ، ޓެކްނޮލޮޖީ ދާއިރާގެ ބޮޑު ކުރިއެރުމުގެ ހިތްގައިމު މާހައުލެކެވެ. ނަމަވެސް އޭނާއަށް ފެނިވަޑައިގަތީ، މަލީހުގެ އަމިއްލަ ބަހުން ނަމަ، "ގޮނޑެކެ"ވެ.

"ސަރުކާރުގެ މުވައްޒަފުން މަސައްކަތްކުރަން ވަންނަން ހެޔޮވާ ވަރުގެ ތަނެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އާ ސަރުކާރުގެ ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހުގެ ފުރަތަމަ މަސައްކަތަކަށް ވެސް ވީ، ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގެ މުވައްޒަފުންނަށް އެކަށީގެންވާ މާހައުލެއް ހޯއްދަވައިދެއްވުމެވެ. އައިޓީގެ ކުރިއެރުމުގެ މައްޗަށް ހުރިހާ ހިދުމަތްތަކެއް ބިނާވެފައިވާ ޒަމާނެއްގައި، ސަރުކާރުގެ ހުރިހާ އޮފީހަކަށް އެ ދާއިރާ އިން އެހީވުމުގެ ޒިންމާ އޮތް މައި މަރުކަޒު އެހާ ދަށް ފެންވަރަކަށް ދޫކޮށްލާފައި އޮތުމަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ހިތްދަތި މަންޒަރެކެވެ.

"ޓެކްނޮލޮޖީގެ ދާއިރާ އަކީ އެންމެ ރީތި އޮފީސްތައް ހުންނަ ދާއިރާ، ޒުވާނުންނާ ގުޅޭ އަދި ހައިޓެކްކަން އެނގޭނެ ފަދަ ގޮތެއް ހުންނަން ޖެހޭނެ،" މަލީހު ވިދާޅުވި އެވެ.
"އެންމެ އާދައިގެ އޮފީހެއް ވެސް ނުހުންނާނެ މި ފެންވަރުގައި."
ޓެކްނޮލޮޖީގެ ދާއިރާ ހިމަނައިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެއްދި މިނިސްޓްރީގެ މައި އޮފީސް ގާއިމްކުރީ، އެންސީއައިޓީގަ އެވެ. ދެ އިމާރާތަކަށް ހަދާފައި ހުރި ތަނަށް ޒަމާނީ ފެންވަރުގެ ރީތި ކަމެއް ގެނެސްދީ، އައިޓީގެ ތަޖުރިބާކާރު ޒުވާން ޓީމުގެ މަސައްކަތަށް އެކަށީގެންވާ މާހައުލެއް އުފައްދައިދިނުމުގެ ދަތުރު މަލީހު ވަނީ ފައްޓަވައިފަ އެވެ.
މީގެ 15 އަހަރު ކުރިން އެންސީއައިޓީ އުފެއްދީ އައިޓީގެ ދާއިރާ އިން ސަރުކާރުގެ އޮފީސްތަކަށް ކުރިއެރުން ގެނެސްދިނުމުގެ މައި ވިސްނުން ނެރޭ ތަނެއްގެ ގޮތުގަ އެވެ. ޒިންމާ އަކީ ހަމައެކަނި ސަރުކާރުގެ ހިދުމަތަށް އައިޓީގެ ފަސޭހަ އާއި ތަރައްގީ ގެނެސްދިނުމެއް ނޫނެވެ. ރާއްޖޭގައި އައިޓީގެ ދާއިރާއާ ބެހޭ ސިޔާސަތެއް ކަނޑައެޅިޔަސް، އެންސީއައިޓީގެ ބަހެއް އޮންނަން ޖެހެ އެވެ.
އެކަމަކު އެންސީއައިޓީއަށް ބޭނުންވާ ފަދަ އެހީތެރިކަމެއް، ބަޖެޓެއް، އިންސާނީ ވަސީލަތެއް ނެތެވެ. ކޮންމެ ސަރުކާރެއްގައި ވެސް އެތަން އޮތީ، ސަރުކާރުގެ މައި ސިޔާސަތުގެ ފަހަތުގަ އެވެ. އޮފީސް މާހައުލު ގޮނޑަކަށް ވުމުގެ ސަބަބަކީ އެއީ ކަމަށް، މަލީހު ގަބޫލުކުރައްވަ އެވެ.
އާ ސަރުކާރުގެ މިނިސްޓަރުންގެ ތެރެއިން ސޯޝަލް މީޑިއާގައި އެންމެ ބޮޑު ފާޑުކިއުމަކާއި މަލާމާތެއް ރައްދުވީ މަލީހަށެވެ. މެލޭޝިއާ އާއި އެމެރިކާގައި ޓޫރިޒަމްގެ ދާއިރާ އިން ފުރަތަމަ ޑިގްރީ އަދި މާސްޓާޒް ހައްދަވާފައިވާ ބޭފުޅަކަށް ސައިންސާއި ޓެކްނޮލޮޖީ މިނިސްޓްރީއެއް ހިންގެވޭނީ ކިހިނެއްތޯ، ބައެއް މީހުން ސުވާލުކުރި އެވެ. އަދި ސޯޝަލް މީޑިއާގައި މަލީހަށް ހާއްސަކޮށްގެން ޖޯކް ވެސް ޖަހަން ފެށި އެވެ.
ނަމަވެސް އޭނާ ދެއްކެވީ މުޅިން ތަފާތު މޫނެކެވެ. މަލީހު ގަބޫލުކުރެއްވީ ސަރުކާރުގެ އެންމެ އާދައިގެ ވަޒީފާ އިން ފެށިގެން މިނިސްޓަރުކަން ވެސް ކުރައްވާފައި ވާތީ އޭނާގެ އެ ތަޖުރިބާ ހުރި ކަމެވެ. އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ މީހުންނަށް ފާޑުކިޔާނެ އެވެ. އަދި އިސްލާހުކުރަން ޖެހޭ ކަމެއް ނަމަ އެކަން ވެސް ކުރަން ޖެހޭނެ އެވެ.
"މެނޭޖްކުރުމުގެ ސްކިލް ހުރި ކަމަށް ވާ ނަމަ ކުރިއަށް ގެންދެވޭނެ،" ކުރީ ސަރުކާރުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަން ކުރެއްވި މަލީހު، 40، ވިދާޅުވި އެވެ.
"ވީހާވެސް ގިނަ ބަޔަކާ ގުޅިގެން، މަޝްވަރާ އާއި އެހީ ހޯދައިގެން ކުރިއަށް ދިއުން."
މަލީހު ވަނީ، ފުރަތަމަ ދުވަހުން ފެށިގެން އެކަން ފައްޓަވައިފަ އެވެ. އެގޮތުން ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގެ ތަޖުރިބާކާރުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވަ އެވެ. އަދި އައިޓީ ދާއިރާގެ ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދޭން ވެސް އާ މިނިސްޓްރީން އަންނަނީ ތައްޔާރުވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި އައިޓީ ދާއިރާގައި ދިވެހި ޒުވާނުން ވަރަށް ކުޅަދާނެ އެވެ. އެ މީހުންނަށް ބޭނުންވަނީ އަޅާލުމާއި އެހީތެރިކަމެވެ.
އެކަމަކު މަލީހު ވިދާޅުވި ގޮތުގައި އެންސީއައިޓީގެ ހަތަރު ފާރުގެ އެތެރެއަށް ވަދެފައި ހުންނާނީ، ތަނުގެ މުވައްޒަފުން ފިޔަވައި، ޓެކްނޮލޮޖީ ދާއިރާގެ ވަރަށް މަދު މީހެކެވެ. އެހެންކަމުން އައިޓީ ދާއިރާ ފަދަ މިއަދު ރާއްޖޭގައި ވެސް ގިނަ އަދަދެއްގެ ޒުވާނުން ހާއްސަވަމުން އަންނަ ކަމެއްގެ ތެރޭގައި އުޅޭ މީހުންނާ ވަރަށް ރަހުމަތްތެރި ތަނަކަށް އެންސީއައިޓީ ވާން ޖެހޭ ކަމަށް މިނިސްޓަރު ގަބޫލުކުރައްވަ އެވެ.
"މީޑިއާއާ ވެސް ވަރަށް ބީރައްޓެހި ތަނެއް މިއީ،" މަލީހު ވިދާޅުވި އެވެ.
"އެ ހުރިހާ ކަމެއް ބަދަލުކުރަން ބޭނުންވަނީ."
އާ ސަރުކާރުގެ އެއް ސިޔާސަތަކީ ޓެކްނޮލޮޖީގެ ދާއިރާ އިން ކުރިއެރުން ހޯދައި، އޭގެ ފަސޭހަ ސަރުކާރުގެ އިދާރާތަކުގެ މަސައްކަތަށާއި އާންމުންނަށް ވެސް ލިބުމެވެ. މަލީހުގެ މިނިސްޓްރީން ގެންދަނީ އެ ސިޔާސަތުގައި ހަގީގީ ކުލަ ޖައްސަން މަސައްކަތްކުރަމުންނެވެ.
އެންސީއައިޓީގެ ލައިބްރަރީ ކުރިން ހުރި ބަޔަށް ވަނުމުން އޭގެ ކުޑަ އެކަމަކު މުހިންމު މަންޒަރެއް ފެނުނެވެ. ސަރުކާރުގެ އެކި ހިދުމަތްތަކަށް ބޭނުންވާ ގިނަ އެޕްލިކޭޝަންތަކެއް ތަރައްގީކުރުމުގެ މަސައްކަތުގައި އޭގެ ހުނަރުވެރި މުވައްޒަފުން ދިޔައީ ހަރަކާތްތެރިވަމުންނެވެ.
"މިހާރު"ގެ ނޫސްވެރިންނާ އެކު މަލީހު އެތަނަށް ވަޑައިގެން މުވައްޒަފުންނާ ވާހަކަ ދެއްކެވި އެވެ. އަދި މިހާރު ކުރިއަށް ދާ މަސައްކަތްތައް އޮޅުންފިލުވި އެވެ.
މަލީހު ވިދާޅުވި ގޮތުގައި ސަރުކާރުގެ ހިދުމަތްތައް ޒަމާނީކުރުމުގެ މައިގަނޑު މަސައްކަތް އޮތީ އެތަނުގަ އެވެ. އެކަމަކު މީގެ ކުރިން އެންސީއައިޓީއާ މެދު އާންމުންގެ އިތުބާރު އޮތީ ގެއްލިފަ އެވެ. ހާއްސަކޮށް ކުރީގެ ރިޔާސީ ދެ އިންތިހާބަކާ ދިމާކޮށް، އެންސީއައިޓީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމުގެ ނުރަނގަޅު އަސަރު އާންމުންގެ ތެރޭގައި އޮތެވެ.
ނަމަވެސް ހަގީގަތުގައި އެއީ ގާބިލް ބަޔަކު ތިބި، އެ މީހުން ލައްވާ އެތައް މަސައްކަތެއް ކުރެވޭނެ އޮފީހެކެވެ. އެކަމަށް ބޭނުންވަނީ ސަރުކާރުގެ އެހެން އިދާރާތަކުގެ އަޅާލުމާއި އެހީތެރިކަމެވެ.
"އެންސީއައިޓީއަކީ ޓެކްނޮލޮޖީގެ ދާއިރާގައި ސަރުކާރުގެ މޫނުމަތި،" މަލީހު ވިދާޅުވި އެވެ.
"އެންމެ މުހިންމު ކަމަކީ މިތަނަކީ މުވައްޒަފުން މަސައްކަތްކުރާ ހިތްވާ، ރަނގަޅު މާހައުލެއް ގާއިމްކޮށްފައިވާ ތަނަކަށް ހެދުން."
ޑިޖިޓަލް ފަސްޓް ސިޔާސަތު ކާމިޔާބުކުރެވޭނެކަމާ މެދު އޭނާގެ އެއްވެސް ޝައްކެއް ނެތެވެ. މިދިއަ ތިން މަސް ދުވަހުގެ ތެރޭގައި ވެސް އޭގެ ހެކި ފެންނަން އެބަ އޮތެވެ. ތަފާތު އެޕްލިކޭޝަންތައް ތައާރަފުކޮށް، މިހާރަށް ވުރެ ފަސޭހަކަމާ އެކު ޚިދުމަތް ފޯރުކޮށްދިނުމުގެ ބައެއް ކަންކަން ވަނީ އާންމުންނާ ހަމައަށް ގެނެސްދީފަ އެވެ. ކުރިއަށް އޮތް ތަނުގައި، އެފަދަ އެތައް ފަސޭހައެއް ސަރުކާރުގެ ތެރެއިން ފަހިވާނެ ކަމަށް މަލީހު ވިދާޅުވި އެވެ.
ފުރަތަމަ ދުވަހު ގޮނޑެއްގެ ގޮތުގައި ސިފަވި އޮފީސް އިމާރާތުގެ މާހައުލަށް ޒަމާނީ ބަދަލުތަކެއް ވަރަށް އަވަހަށް އަންނާނެ އެވެ. އެކަމަކު އެއީ، މަލީހު ވިދާޅުވި ގޮތުގައި، ކުރަން ހުރި މަސައްކަތުގެ ވަރަށް ކުޑަ މިންވަރެކެވެ.
"މި ތަނަކީ ރާއްޖޭގެ ސެކިއުރިޓީއާ ވެސް ގުޅުން ހުރި ކަންކަން ހިނގާ ތަނެއް،" މަލީހު ވިދާޅުވި އެވެ.
"ސިޔާސީ އެއްވެސް ވިސްނުމެއް ނެތި، ޕްރޮފެޝަނަލް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި މުވައްޒަފުން ބޭނުންކުރަން ޖެހޭނީ."
މިހާތަނަށް މަލީހު ދެއްކެވީ މަލާމަތް ރައްދުވި ފާޑުކިއުންތަކަށް އަޅާނުލައްވާނެ ކަމުގެ ރީތި މިސާލެވެ. އޭގެ ބަދަލުގައި ދާއިރާގެ ތަޖުރިބާކާރުންނާއި ޒުވާނުންގެ އެހީތެރިކަމާއި މަޝްވަރާ ހޯއްދެއްވުމުގެ އިސްނެންގެވުމެވެ.
"އެ ބޭފުޅުންގެ [ފާޑުކީ މީހުންގެ] ކަންބޮޑުވުންތަކަކީ އަޅުގަނޑާ ދޭތެރޭގައި ހުރި ކަންބޮޑުވުންތަކެއް ކަމަކަށް ނުދެކެން،" މަލީހު ވިދާޅުވި އެވެ.
"އެއީ [ކުރީ] ސަރުކާރުތަކުގެ ސިޔާސަތުތައް ކިޔަވައިގެން ތިބި މީހުންގެ އެކްސްޕެކްޓޭޝަނާ އެއްވަރަށް ނެތުން. ނޫނީ ސަރުކާރު ހިންގުމުގައި އޮތް ގެޕެއް އެއީ."
މިނިސްޓަރު ހުންނެވީ އެ ގެޕް ކުޑަކުރެއްވުމުގެ ވެސް އަޒުމުގަ އެވެ. އެކަން ވެސް ފުރިހަމަވާނީ، މަލީހު ވިދާޅުވި ގޮތުގައި، ޑިޖިޓަލް ފަސްޓް ސިޔާސަތު ކުރިއަށް ގެންގޮސްގެންނެވެ.