އެމެރިކާ ލީގުގެ އިޓަލީ ތަރި ސައުދީ ލީގަށް
އެމެރިކާ ލީގުގެ އިޓަލީ ތަރި ސައުދީ ލީގަށް

ޓޮރޮންޓޯ، ކެނަޑާ (ޖެނުއަރީ 31) - އެމެރިކާގެ މޭޖަ ލީގު ސޮކާ (އެމްއެލްއެސް) ގައި ވިދުންގަދަ އިޓަލީގެ ތަރި ސަބެސްޓިއަން ޖިއޮވިންކޯ ސައުދީ އަރަބިއާގެ އަލް ހިލާލަށް ބަދަލުވެއްޖެ އެވެ.

އުމުރުން 32 އަހަރު ޖިއޮވިންކޯ އަކީ އެމްއެލްއެސްގައި ވާދަކުރަމުން އަންނަ ޓޮރޮންޓޯ ޓީމުގެ ތާރީހުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއާ އެވެ. ޖިއޮވިންކޯ މިހާތަނަށް ޓޮރޮންޓޯ އަށް 120 އަށް ވުރެ ގިނަ މެޗު ކުޅެދީފައިވާއިރު، އެ ޓީމަށް 83 ގޯލު ވަނީ ކާމިޔާބު ކޮށްދީފަ އެވެ.

"ސަބެސްޓިއަން (ޖިއޮވިންކޯ) ކަހަލަ ކުޅުންތެރިއަކު ނެތްތަން ފޫބެއްދުމަކީ ފަސޭހަކަމެއް ނޫން. އަހަރެމެން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން މިދަނީ އެހެން ކުޅުންތެރިއަކު ހޯދަން. ފެންވަރު ރަނގަޅު ކުޅުންތެރިއަކު ލިބޭނެކަމުގެ ވަރަށް އުއްމީދު އެބައޮތް،" ޓޮރޮންޓޯ އެފްސީގެ ޖެނެރަލް މެނޭޖަރު އަލީ ކާޓިސް ވިދާޅުވި އެވެ.

ކެނެޑާ އަދި އެމެރިކާގެ މިޑިއާ ރިޕޯޓްތައް ބުނާގޮތުން ޖިއޮވިންކޯ އަލް-ހިލާލަށް ބަދަލުވީ ތިން މިިލިއަން ޑޮލަރަށެވެ.

އުމުރުން 32 އަހަރުގެ ޖިއޮވިންކޯ އަކީ ގޯލާ ރަށްޓެހި ހިލޭ ޖެހުން ޖެހުމުގައި ވެސް ތަފާތު ކުޅުންތެރިއެކެވެ. ޖިއޮވިންކޯ، ޓޮރޮންޓޯ އަށް ބަދަލުވީ 2015 ވަނަ އަހަރު އިޓަލީގެ ޔުވެންޓަސް ދޫކޮށްފަ އެވެ. އެމެރިކާ ލީގުގައި ކުޅުނު ފުރަތަމަ އަހަރު އޭނާ ވަނީ ލީގުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމާއި އަލަށް އައިސް އެންމެ ތަފާތެއް ދެއްކި ކުޅުންތެރިއާ އަށް ދޭ އެވޯޑް ހޯދައިފަ އެވެ.

"އަހަރެން ބޭނުން ޓޮރޮންޓޯގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން. ހާއްސަކޮށް މި ކްލަބަށް އަހަރެން ބޭނުން ޝުކުރު އަދާކުރަން. އަހަރެންގެ ކެރިއަރުގައި އާ ހަރުފަތަކަށް އާދެވުނީ މި ޓީމާ ގުޅުނު ފަހުން،" ޖިއޮވިންކޯ ބުންޏެވެ.

އިޓަލީ ގައުމީ ޓީމަށް އެންމެ ފުރަތަމަ 2011 ވަނަ އަހަރު ކުޅުނު ޖިއޮވިންކޯ ވަނީ މިހާތަނަށް އެ ޓީމަށް 22 މެޗު ކުޅެދީފަ އެވެ. އިޓަލީގެ ކޯޗުކަމާ ރޮބާޓޯ މަންޗިނީ ހަވާލުވެ، ތިން އަހަރަށް ފަހު ޖިއޮވިންކޯ އަށް ފުރަތަމަ ފަހަރަށް އިޓަލީން ފުރުސަތު ލިބުނީ ދާދި ފަހުން ޔުއެފާ ނޭޝަންސް ލީގުގައި ޕޮލެންޑާއި ޔޫކްރޭނާ ދެކޮޅަށް ކުޅޭ މެޗުތަކަށް ނެގި ސްކޮޑުންނެވެ. ދެ މެޗުގައި ވެސް އޭނާ އިނީ ބެންޗުގަ އެވެ.