މަރުވެފައިވާ މަންމަ އާއި ބައްޕަ ކައިރީ ދަރިފުޅު ކުޅެން
މަރުވެފައިވާ މަންމަ އާއި ބައްޕަ ކައިރީ ދަރިފުޅު ކުޅެން

އިންޑިއާގެ ކޯޕަލް ޑިސްޓްރިކްޓްގެ މުނީރްއާބާދު ރެއިލްވޭ ސްޓޭޝަން ކައިރީގައި މިދިޔަ ހަފުތާގެ ހޯމަ ދުވަހު ހެނދުނު މީހުންނަށް ފެނުނީ އުމުރުން އެންމެ ތިން އަހަރުގެ ކުއްޖަކު އޭނާގެ މަރުވެފައިވާ މަންމަ އާއި ބައްޕަ ކައިރީގައި ކުޅެން އިންދަ އެވެ. އެ ކުއްޖާ ހީކޮށްގެން އިނީ މަންމަ އާއި ބައްޕަ އޮތީ ނިދާފައި ކަމަށެވެ.

ރޭލުން ދަތުރުކުރި ފަސިންޖަރަކަށް މި މަންޒަރު ފެނި، ޝައްކުވެގެން އައިސް އެ ކުއްޖާއާ ސުވާލުކުރުމުން އެ ކުއްޖާ ބުނީ މަންމަ އާއި ބައްޕަ ހޭލުމުން އެހެން ތަނަކަށް ދާނެ ކަމަށެވެ. އެ ކުއްޖާ މަންމަ އާއި ބައްޕަ ހޭލައްވަން ވަރަށް މަސައްކަތްކުރަމުން ދިޔަތަން ފެނުނެވެ. މަންމަ އާއި ބައްޕަ ހޭލާނެ އިރެއްގެ އިންތިޒާރުގައި އެ ކުއްޖާ ދެކޮޅަށް ހިނގަނިކޮށް ވެސް ފެނިފައިވެ އެވެ.

ރޭލުން ދަތުރުކުރި ބައެއް ދަތުރުވެރިން އެ ދެ މީހުންނަށް ގޮވައި ބެލި އިރު އެމީހުން ތިބީ މަރުވެފަ އެވެ.

ކުޑަކުއްޖާ ދިޔައީ މަންމަ އާއި ބައްޕަ ނިދާފައިވާ ކަމަށް ބުނާ ވާހަކަ ތަކުރާރު ކުރަމުންނެވެ. މި ކުއްޖާގެ ވާހަކަތައް އަޑުއެހި އެންމެން ތިބީ ފެންކަޅިވެފަ އެވެ.

ފުލުހުން ފަހުން ބުނީ މަރުވެފައި އޮތް ދެ މީހުންނަކީ ކޮން ބައެއްކަން ހޯދައި އެ ދެ މީހުންގެ ތިމާގެ މީހުންނަށް އަންގާފައިވާ ކަމަށެވެ. ކުޑަ ކުއްޖާއާ އެއްވެސް އާއިލާއަކުން ހަވާލު ނުވެއްޖެ ނަމަ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާނެ އެވެ.

ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވާ ގޮތުގައި ތިން އަހަރުގެ ކުއްޖާ ގޮވައިގެން ދެމަފިރިން ގަޑަކް އިން ކޮއްޕަލް އަށް ދާން އޮތް ރޭލަކަށް އެރީ އެ ހާދިސާ ހިނގި ދުވަހުގެ ކުރީ ރޭގަ އެވެ.

އާދިއްތަ ދުވަހުގެރޭ މުނީރްއާބާދު ސްޓޭޝަނަށް ރޭލު އައުމުން އެ ދެމަފިރިން ދަރިފުޅު ގޮވައިގެން ފައިބައި ފްލެޓްފޯމް މަތީގައި އޮށޯވެ ނިދީ އެވެ. އެ ދެ މީހުން މަރުވި ސަބަބެއް އަދި ނޭނގެ އެވެ.

ފުލުހުން ލަފާކުރަނީ މި ދެ މީހުން އަމިއްލަ އަށް މަރުވީ ކަމަށެވެ. ނަމަވެސް އެކަން ޔަގީންވާނީ ޕޯސްޓްމާޓަމް ރިޕޯޓު އައުމުން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.