31 ޖެނުއަރީ 2019 - 11:09

އޭޕްރިލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށް، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އޭޕްރީލް ހަ ވަނަ ދުވަހު އޮންނަ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިއުކޮށްފަ އެވެ.
އީސީގެ އިއުލާންގައިވާ ގޮތުން މާލޭގައި ނަމަ ޝަކުވާ ހުށަހަޅަން ޖެހޭނީ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ. މާލެ ފިޔަވައި، މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެ ރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުން ޝަކުވާ ބަލައިގަންނާނެ އެވެ.
މަޖިލީހުގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވެ އެވެ. ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު އޮތީ 262,135 މީހުންނަށެވެ.
އިންތިޚާބަށް ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ މަސައްކަތް ސިޔާސީ ޕާޓީތަކުން މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން، ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ޕްރައިމަރީ ބާއްވައިގެން ގިނަ ބަޔަކަށް ޓިކެޓު ދިން އިރު، ޖުމްހޫރީ ޕާޓީން މިހާތަނަށް ވަނީ 36 މީހަކަށް ޓިކެޓު ދީފަ އެވެ.
މަޖިލިސް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލައިފަ އެވެ. އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.
މަޖިލިސް އިންތިޚާބުގައި މަޖިލީހުގެ 87 ދާއިރާއަކަށް މެމްބަރުން އިންތިޚާބު ކުރާނެ އެވެ.