31 ޖެނުއަރީ 2019 - 09:12

ބާސެލޯނާ (ޖެނުއަރީ 31) – ފުރަތަމަ ލެގުން ބަލިވި ބާސެލޯނާ އިން ދެ ވަނަ ލެގުގައި ރޭ ސެވިއްޔާ އަތުން ތަފާތު ބޮޑުކޮށް 6-1 އިން މޮޅުވެ ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ސެވިއްޔާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 2-0 އިން އެ ޓީމު ކާމިޔާބުކޮށްފައިވުން ސެމީގެ ފުރުސަތު އޮތީ ބޮޑުކޮށެވެ. އެކަމަކު ރޭގެ ތަފާތު ބޮޑު ނަތީޖާއާ އެކު ބާސެލޯނާ އިން ސެވިއްޔާ އަށް އެއްވެސް ފުރުސަތެއް ނުދިނެވެ. އެ ޓީމު ސެމީ އަށް ދިޔައީ ދެ ލެގުގެ އެގްރިގޭޓުން 6-3 އިން ކުރި ހޯދައިގެންނެވެ.
ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ފުރަތަމަ ހާފުގައި ދެ ގޯލް ޖަހައި ޕްރެޝަރު ކަނޑުވާލި އެވެ. ފުރަތަމަ ގޯލް 13 ވަނަ މިނެޓުގައި ފިލިއްޕެ ކުޓީނިއޯ ޖެހިއިރު ދެ ވަނަ ގޯލް 31 ވަނަ މިނެޓުގައި ކާމިޔާބުކުރީ އިވާން ރަކިޓިޗެވެ. ދެ ވަނަ ހާފުގައި، 53 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކުޓީނިއޯ އަދި 54 ވަނަ މިނެޓުގައި ސާޖި ރޮބާޓޯ ލަނޑު ޖަހައި ބާސެލޯނާ އަށް ތަފާތު ބޮޑުކޮށްދިނެވެ.
އޭގެ ފަހުން ސެވިއްޔާގެ އެންޓޯނިއޯ އަރާނާ 67 ވަނަ މިނެޓުގައި ގޯލް ޖަހައި އެ ޓީމަށް އުއްމީދު އާކޮށްދިން ނަމަވެސް މެޗުގެ ފަހުކޮޅު ލުއިސް ސުއަރޭޒާއި ލިއޮނަލް މެސީ ގޯލް ޖަހައި އެ ޓީމަށް ސެމީ ކަށަވަރުކޮށްދިނެވެ.
ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި މިރޭ ރެއާލް މެޑްރިޑުން ރަށުން ބޭރުގައި ޖިރޯނާއާ ދެކޮޅަށް ނުކުންނާނެ އެވެ. އަމިއްލަ ދަނޑުގައި މެޑްރިޑް ކުޅުނު ފުރަތަމަ ލެގު 4-2 އިން ވަނީ ކާމިޔާބުކޮށްފަ އެވެ.