31 ޖެނުއަރީ 2019 - 11:08

ވީއޭއެމް އެސޯސިއޭޝަން ކަޕް ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި ރޭ ކްލަބް ވެމްކޯގެ މައްޗަށް 3-1 ސެޓުން ކުރިހޯދައި ފައިނަލުގެ ފުރަތަމަ ޖާގަ ޕޮލިސް ކްލަބުން ހޯދައިފި އެވެ.

ރޭގެ މެޗަކީ ޕޮލިހުން ވެމްކޯގެ މައްޗަށް ތިން ދުވަހުގެ ތެރޭ ހޯދި ދެ ވަނަ މޮޅެވެ. ދެ ވަނަ ބުރުގެ އެއް ވަނަ ޕޮލިހުން ހޯދީ ހޯމަ ދުވަހުގެރޭ ވެމްކޯގެ މައްޗަށް 3-1 ސެޓުން ކުރިހޯދައިގެންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓުގައި ޕޮލިހުން ވަނީ ވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ. އެ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި ސެޓު ޕޮލިހުން ގެންދިޔައީ 25-13 އިންނެވެ. ދެ ވަނަ ސެޓުގައި ވެމްކޯ އިން ފުރަތަމަ ސެޓަށް ވުރެ ރަނގަޅަށް ކުޅުނެވެ. އެކަމަކު މުހިއްމު ވަގުތުތަކުގައި ގެއްލުނު ޕޮއިންޓުތަކުގެ ސަބަބުން އެ ޓީމަށް މި ސެޓު ވެސް ގެއްލުނީ އެވެ. ޕޮލިހުން ދެ ވަނަ ސެޓު ގެންދިޔައީ 25-23 އިންނެވެ.
ފުރަތަމަ ދެ ސެޓު ގެއްލުމުން ވެމްކޯ އިން ތިން ވަނަ ސެޓަށް ނުކުތީ ސެޓު ކާމިޔާބުކޮށް އަލުން މެޗުގެ ތެރެއަށް ވަނުމަށެވެ. އެ ޓީމުގެ އައިމިނަތު އަރީޝާ އާއި އައިޝަތު މާޖިދާ ރަނގަޅު ކުޅުމެއް ދެއްކިއިރު، ވެމްކޯ އިން މި ސެޓު ގެންދިޔައީ 15-25 އިންނެވެ. ތިން ވަނަ ސެޓުގައި ދެއްކި ކުޅުން ވެމްކޯ އަށް ހަތަރު ވަނަ ސެޓުގައި ތަކުރާރު ނުކުރެވުނެވެ. ސަބަބަކީ ކުރީ ސެޓަށް ވުރެން ރަނގަޅަށް ޕޮލިހުން މި ސެޓުގައި މަސައްކަތް ކޮށްގެން ވަރުގަދަ އަށް ކުޅެން ފެށުމެވެ. ނަތީޖާ އަކަށްވީ ޕޮލިހުން މި ސެޓު 25-22 ގެންގޮސް މެޗުން މޮޅުވުމެވެ.
ރޭގެ މެޗުގައި ވެސް ޕޮލިހުގެ ތަފާތަކަށްވީ ހައްވަ އެވެ. މި މުބާރާތުގައި ޕޮލިހުން ކުޅުނު ހުރިހާ މެޗެއްގެ ވެސް މޮޅު ކުޅުންތެރިއާގެ މަގާމު ހޯދާފައިވަނީ ހައްވަ އެވެ.
މުބާރާތުގެ ދެ ވަނަ ސެމީ ފައިނަލުގައި މިރޭ ނުކުންނާނީ ފުރަތަމަ ސެމީން ބަލިވި އަދި މިދިޔަ އަހަރުގެ ރަނަރަޕް ވެމްކޯ އާއި ދެ ވަނަ ބުރުގެ ތިން ވަނަ ހޯދި ލޮރެންޒޯ ސްޕޯޓްސް ކްލަބް އެވެ. މި މެޗުން މޮޅުވާ ޓީމެއް ޕޮލިހާ ދެކޮޅަށް ފައިނަލުގައި ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެރޭގަ އެވެ.
މިދިޔަ އަހަރުގެ އެސޯސިއޭޝަން ކަޕް ކާމިޔާބުކުރީ މާފަންނު ޔޫތު ޑިވެލޮޕްމަންޓް އެސޯސިއޭޝަން (މައިޑާ) އެވެ. މި އަހަރު އެ ޓީމު މުބާރާތުގައި ނުކުޅެ އެވެ.