30 ޖެނުއަރީ 2019 - 22:04

ޖަލުތަކުގައި އެންމެ ގިނައިން ފެތުރެނީ ހަމުގެ ބަލިތައް ކަމަށް ކަމިޝަނާ އޮޕް ޕްރިޒަންސް އަބްދުﷲ މުނާޒް މިއަދު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓްރީން ރައީސް އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުނާޒް ވިދާޅުވީ ގައިދީންގެ ތެރޭގައި ހަމުގެ ބަލިތަކާއި އެނޫން ބަލިތައް ވެސް ހަލުވިކަމާ އެކު ފެތުރެނީ އަވަހަށް ފަރުވާ ނުދެވޭތީ ކަމަށެވެ. އެކަމަށް ހައްލެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ސަރުކާރުގައި އެކަން އެގޮތަށް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަމުގެ ބަލި ވިޔަސް އަދި އެހެން ބައްޔެއް ވިޔަސް، ޖަލުގައި ބައްޔެއް ގިނަވެގެން މިހާތަނަށް ގޮސްފައި ހުރިކަމަށް އަޅުގަނޑުމެންނަށް ކުރިން ވެސް ފާހަގަކުރެވިފައި ވަނީ ވަގުތުން ވަގުތަށް ނުވަތަ ވީ އެންމެ އަވަހަކަށް އެކަމަށް ފަރުވާއެއް ހޯދިފައި ނެތީމާ. އެތައް ބަޔަކަށް އެއް ވައްތަރެއްގެ ބައްޔެއް ޖެހިގެންދާއިރުގައި އެއަށް ފަރުވާ ނުދެވޭ ކަމަށް ވަންޏާ ދެން އިތުރަށް ފެތުރިގެން ދާނީ،" އޭނާ ވިދާޅުވި އެވެ.
މުނާޒްގެ ކުރިން ހަމަ އެސުވާލަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ޖަލުގައި ހަމުގެ ބައްޔާއި އެނޫން ބަލިތައް ވެސް ފެތުރޭ މައިގަނޑު ތިން ސަބަބެއް ވިދާޅުވި އެވެ. އެގޮތުން ވިދާޅުވި އެއް ސަަބަބަކީ ފެނުގެ މައްސަލަ އެވެ. ވެންޓިލޭޝަން ރަނގަޅު ނޫން ކަމާއި ގިނަ ބަޔަކު އެއް ތަނެއްގައި ތިބެން ޖެހުން ވެސް އެއީ ބަލި ފެތުރޭ ސަބަބުތައް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމުގެ ބަލި ދިމާވުމުގައި ހަމަ ފާހަގަކުރެވޭ ކަންކަން އެބަހުރި. އެކަންކަން ރަނގަޅު ކުރުމުގައި އަޅުގަނޑުމެން މިވަނީ މަސައްކަތްތަކެއް ފަށާފައި،" އިމްރާން ވިދާޅުވި އެވެ.
ގައިދީންނަށް މިހާރަށް ވުރެ ފަސޭހައިން ފަރުވާ ކުރެވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާކަން މިއަދުގެ ނޫސްކޮންފަރެންސްގައި ހާމަކުރި އެވެ. އައިޖީއެމްއެޗްގެ ސީއީއޯ ބަންދު އިބްރާހީމް ސަލީމާއި ކަމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ބައިވެރިވެވަޑައިގެންނެވި ނޫސްކޮންފަރެންސްގައި ހޯމް މިނިސްޓަރު ވިދާޅުވީ އާ އިންތިޒާމްތައް ހަމަޖެއްސީ ގިނަ މަޝްވަރާތަކެއް ކޮށް އެއްބަސްވުންތަކެއް ގާއިމްކޮށްގެން ކަމަށެވެ.
- ޑޮކްޓަރަށް ދައްކަން ގެންނަ ގައިދީން އައިޖީއެމްއެޗްގައި އާއްމުންނާ ވަކިން އެޑްމިޓްކޮށްގެން ގެންގުޅެވެ ގޮތް ހަމަޖެއްސުން.
- ޖަލުތަކަށް ސްޕެޝަލިސްޓުން ޒިޔާރަތްކުރުން.
- ގައިދީން އެޑްމިޓްކުރަން ދެ ކޮޓަރި ހާއްސަކޮށްފައި ބެހެއްޓުން.
- ޑޮކްޓަރުންނަށް ދައްކަން ގައިދީންނަށް ވަކި އަދަދެއްގެ ނަމްބަރު ކޮންމެ ދުވަހަކުވެސް ހާއްސަކުރުން.
އައިޖީއެމްއެޗްގެ ސީއީއޯ ސަލީމް ވިދާޅުވީ ކަރެކްޝަނަލް ސާވިސްއާ އެކު ހެދި އެއްބަސްވުމާ އެއްގޮތަށް، ގައިދީންނަށް ދޭ ފަރުވާ ވަރަށް ބޮޑަށް ރަނގަޅުވެގެން ދާނެ ކަމަށެވެ.