ލީގުގެ ތިން ވަނަ ބުރު ބުރާސްފަތި ދުވަހު ފަށަނީ
ލީގުގެ ތިން ވަނަ ބުރު ބުރާސްފަތި ދުވަހު ފަށަނީ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުރުގެ ކުޅުން ބުރާސްފަތި ދުވަހު ފަށާގޮތަށް އެފްއޭއެމުން ނިންމައިފި އެވެ.

ލީގުގެ ދެ ވަނަ ބުރު ރޭ ނިމިފައިވާއިރު ތިން ވަނަ ބުރުގެ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު ހަވީރު ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް އާއި ޔުނައިޓެޑް ވިކްޓަރީ އެވެ. ދެ ވަނަ މެޗުގައި އެރޭ އޮންނާނީ ކްލަބް އީގަލްސް އާއި ބީޖީ ސްޕޯޓްސްގެ މެޗެވެ. ހުކުރު ދުވަހު ހަވީރު މާޒިޔާ އާއި ނިއު ރޭޑިއަންޓް ކުޅޭއިރު އެރޭ އޮންނާނީ ވެލެންސިއާ އާއި ވިކްޓަރީގެ މެޗެވެ.

އެ ހަތަރު މެޗަށް ފަހު ގައުމީ ޓީމަށް ވަގުތު ދިނުމަށް ލީގުގެ ކުޅުން މެދުކަނޑާލާނެ އެވެ. އެއަށް ފަހު ފަށާނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ. އެ ދުވަހު ހަވީރު ނިއު އާއި ވިކްޓަރީ ކުޅުމަށް ފަހު އެރޭ އޮންނާނީ މާޒިޔާ އާއި ވެލެންސިއާގެ މެޗެވެ. އަދި 15 ވަނަ ދުވަހު ހަވީރު ޔުނައިޓެޑް ވިކްޓަރީ އާއި ބީޖީ ވާދަކުރާއިރު އެރޭ އޮންނާނީ އީގަލްސް އާއި ޓީސީގެ މެޗެވެ.

ލީގު އެއްކޮށް ނިމޭނީ އޮކްޓޯބަރު 22 ވަނަ ދުވަހު އެވެ. ފަހު މެޗުގައި ބައްދަލުކުރާނީ ލީގަށް އެންމެ ބޮޑަށް ވާދަކުރަމުން އަންނަ މާޒިޔާ އާއި އީގަލްސް އެވެ. ފުރަތަމަ ދެ ބުރަށް ފަހު އެއް ވަނައިގައި އޮތީ 31 ޕޮއިންޓާ އެކު މާޒިޔާ އެވެ. ދެ ވަނައިގައި 27 ޕޮއިންޓާ އެކު އީގަލްސް އޮތްއިރު، ތިން ވަނައިގައި 24 ޕޮއިންޓާ އެކު އޮތީ ޓީސީ ސްޕޯޓްސް އެވެ. ލީގުގެ އެހެން މަގާމްތަކަށް ބަލާއިރު ހަތަރު ވަނައިގައި 19 ޕޮއިންޓާ އެކު ވެލެންސިއާ އޮތްއިރު 18 ޕޮއިންޓާ އެކު އޮތީ ޔުނައިޓެޑް ވިކްޓަރީ އެވެ. އެންމެ ފަހު ހަތަރު އަހަރުގެ ޗެމްޕިއަން ނިއު އޮތީ 16 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. ހަތް ވަނައިގައި ނުވަ ޕޮއިންޓާ އެކު ވިކްޓަރީ އޮތްއިރު ހަތް ޕޮއިންޓާ އެކު ފުލުގައި އޮތީ ބީޖީ އެވެ.