30 ޖެނުއަރީ 2019 - 13:52

ކުއާލަ ލަމްޕޫރު (ޖެނުއަރީ 30) - ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމަށް ފަސް އަހަރު ދުވަހުގެ އުއްމީދީ ޕްލޭނެއް މެލޭޝިއާ އިން އެކުލަވާލައިފި އެވެ.
ބޮޑު ވަޒީރު މަހާތިރު މުހައްމަދު އިފްތިތާހުކޮށްދެއްވި ޕްލޭނުގައިވާ ގޮތުން އިސް މަގާމުތަކަށް މީހުން އައްޔަން ކުރުމުގެ އުސޫލަށް ވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ. އަދި ވަޒީރުންނާއި ޕާލަމެންޓް މެންބަރުންގެ މާލީ ބަޔާން ހާމަކުރަން މަޖްބޫރުކޮށްފައިވެ އެވެ.
މަހާތިރު ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް ހުރިހާ ބާވަތެއްގެ ގާނޫނުތައް ވެސް ބޭނުންވާ ކަމަށެވެ.
"މިއީ މި ސަރުކާރުން ކޮރަޕްޝަން ހުއްޓުވާނެ ކަމަށް ދޭ ވަރުގަދަ މެސެޖެއް. އަދި ކޮރަޕްޝަން ހިންގާ މީހުންގެ މައްސަލަތައް ބަލާ ދައުވާ ވެސް ކުރާނަން،" މަހާތިރު ވިދާޅުވި އެވެ.
މިދިޔަ މެއި މަހު ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވި މަހާތިރު ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް އަޅާ ފިޔަވަޅުތައް އަމާޒު ކުރާނީ ސަރުކާރުގެ ޕްރޮކިއުމަންޓް ޕްރޮސެސް އާއި ގާނޫނު ތަންފީޒް ކުރާ ފަރާތްތަކާއި ޝަރުއީ ދާއިރާ އާއި ސިޔާސީ އަދި ވިޔަފާރީގެ ދާއިރާތަކަށް ކަމަށެވެ.
މަހާތިރުގެ ކުރިން ވެރިކަމުގައި ހުންނެވި ނަޖީބު ރައްޒާގަށް ރައްޔިތުން ނޫނެކޭ ބުނި މައިގަނޑު ސަބަބަކީ ކުރީގެ ސަރުކާރުގެ ތެރޭގައި އޮތް ކޮރަޕްޝަން ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. އިންވެސްޓްމަންޓް ފަންޑް 1އެމްޑީބީގެ 4.5 ބިލިއަން ޑޮލަރަށް ވަނީ ޚިޔާނާތްތެރިވެފަ އެވެ. މީގެ ތެރޭން ބައެއް ވަނީ ނަޖީބުގެ އަމިއްލަ އެކައުންޓަށް ވެސް ޖަމާކޮށްފަ އެވެ.
ނަޖީބު އާއި އަނބިކަނބަލުންގެ ކޮރަޕްޝަނުގެ މައްސަލަތައް މިހާރު ދަނީ ބަލަމުންނެވެ. މިދިޔަ އަހަރުގެ ޖުލައި މަހު މެލޭޝިއާ ފުލުހުން ވަނީ ނަޖީބާއި އަނބިކަލުންނާ ގުޅުން ހުރި 273 މިލިއަން ޑޮލަރުގެ އަގު ހުރި ތަކެތި ހިފަހައްޓައިފަ އެވެ.
ޓްރާންސް ޕޭރަންސީ އިންޓަނޭޝަނަލް އިން ނެރުނު ކޮރަޕްޝަން އިންޑެކްސްގައި 180 ގައުމުގެ ތެރޭން މެލޭޝިއާ ރޭންކްކޮށްފައި ވަނީ 62 ވަނައިގަ އެވެ.