30 ޖެނުއަރީ 2019 - 13:06

ދިވެހިރާއްޖޭގައި މިވަގުތު ހުރި ހަމައެކަނި އެކްޓިވް ބީޗް ވޮލީބޯޅަ އިންޓަނޭޝަނަލް ރެފްރީ ހުސެއިން މުހައްމަދަށް މި އަހަރު ވެސް އެފްއައިވީބީގެ ވޯލްޑް ޓުއާ އިން ފުރުސަތު ލިބިއްޖެ އެވެ.

އޭނާ އަށް މި ފުރުސަތު ލިބުނީ، ރާއްޖޭގެ އެސޯސިއޭޝަން މެދުވެރިކޮށް މިދިޔަ ދެ އަހަރެއްހާ ދުވަހު އެއްވެސް ފުރުސަތެއް ނުލިބިވަނިކޮށެވެ. ރާއްޖޭން ވާދަކުރާ ބައިނަލްއަގްވާމީ މުބާރާތްތަކަށް ރެފްރީން ފޮނުވުމުގެ ފުރުސަތު އެސޯސިއޭޝަނަށް ލިބޭ ނަމަވެސް އެ ފުރުސަތު އޭނާ އަށް ދީފައެއް ނުވެ އެވެ.
ވޯލްޑް ޓުއާގެ ފުރުސަތަކީ ސީދާ ދުނިޔޭގެ ވޮލީބޯޅަ ޖަމިއްޔާ އެފްއައިވީބީން އޭނާ އަށް ދޭ ފުރުސަތެވެ. އޭނާ މިފަހަރު ރެފްރީކަންކުރާ ވޯލްޑް ޓުއާ އޮންނާނީ އޮސްޓްރޭލިއާގެ ސިޑްނީގައި މާޗު 3-11 އަށެވެ. އޮލިމްޕިކްސް ފަދަ މުބާރާތްތަކަށް ޓީމުތައް ސީޑްކުރަނީ ވޯލްޑް ޓުއާތަކުގައި ނެރޭ ނަތީޖާއިންނެވެ. އެހެންކަމުން މިއީ ދުނިޔޭގެ ފެންވަރުގެ ވޮލީބޯޅައިގެ މުހިއްމު ސީރީސް އެކެވެ.
އޭނާ ވަނީ 2015 ވަނަ އަހަރު ގަތަރުގައި ބޭއްވި ސްޓާ ތިނެއްގެ ވޯލްޑް ޓުއާ މުބާރާތެއްގައި ވެސް ރެފްރީކަންކޮށްފަ އެވެ. އަދި 2017 ވަނަ އަހަރު އޭނާ ވަނީ ޗައިނާގެ ނަންޖިންގައި ބޭއްވި 23 އަހަރުން ދަށުގެ ވޯލްޑް ޗެމްޕިއަންޝިޕުގައި އިންސާފުކޮށްފަ އެވެ.
ރާއްޖޭގައި މިހާތަނަށް އިންޓަނޭޝަނަލް ބީޗް ވޮލީބޯޅަ ރެފްރީ ފާސް ނަގާފައިވަނީ ހުސެއިންގެ އިތުރުން އިބްރާހިމް ނަޒީމެވެ. އެކަމަކު އޭނާ މިހާރު ރެފްރީކަމެއް ނުކުރެ އެވެ.
ވޮލީބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމް ވެސް ފުރާފައިވަނީ ހުސެއިން ވަނީ މިދިޔަ އަހަރުގެ އޭޝިއަން ގޭމްސް އާއި 2014 ވަނަ އަހަރާއި 2016 ވަނަ އަހަރުގެ އޭޝިއަން ބީޗް ގޭމްސްގައި ވެސް ރެފްރީކަންކޮށްފަ އެވެ. ހުސެއިން ވަނީ މިދިޔަ ތިން އަހަރު ވެސް އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ގެ މުބާރާތްތަކަށް ވެސް އިންސާފުކޮށްފަ އެވެ.
މީގެ ކުރިން ވެސް ބައެއް ދިވެހި ރެފްރީންނަށް ވަނީ ބައިނަލްއަގްވާމީ މުބާރާތްތަކުން ފުރުސަތު ލިބިފަ އެވެ. އެގޮތުން 2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައި ރާއްޖޭގެ މުހައްމަދު ސައީދު ވަނީ ލައިންސްމަންކަން ކޮށްފަ އެވެ. މިދިޔަ އަހަރު އޮތް އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި އޮފިޝަލްކަން ކޮށްފައިވަނީ ރާއްޖޭގެ ރެފްރީ ރިލްވާން އާދަމް އެވެ. އަދި 2017 ވަނަ އަހަރު ސްކޮޓްލޭންޑްގެ ގްލާސްގޯގައި ބޭއްވި ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ރެފްރީ އަހުމަދު ޝިހާމް (ޕުޗު) ވަނީ ރެފްރީކަންކޮށްފަ އެވެ. މީގެ އިތުރުން ބެޑްމިންޓަން އަމްޕަޔަރު އަލީ އަބްދުލް ކަރީމް (ޒޯލާ) ވަނީ 2016 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ވެސް އިންސާފުކޮށްފަ އެވެ.