24 އޯގަސްޓް 2016 - 06:37

"ރާބްތާ"ގެ އެންމެ ފަހުގެ ޝޫޓިންގައި، ސްޓަންޓެއް ހަދަން އުޅުމުގެ ތެރޭގައި، ބަތަލު ސުޝާންތު ސިންގް ރާޖްޕޫތަށް އަނިޔާވެއްޖެ އެވެ.
މީޑިއާ އިން ބުނާ ގޮތުގައި އޭނާގެ ކަނާތު ކަކުލުގެ ލިގަމެންޓް ވަނީ އިރައިގެން ގޮސްފަ އެވެ.
ސުޝާންތު، 30، ބުނީ އަނިޔާވީ ތަޅުންގަނޑުން ކައްސާލައިގެން ކަމަށެވެ.
"އަހަރެމެން މަންޒަރު ޝޫޓްކުރަން ފެށުމުގެ ކުރިން ވަރަށް ގިނައިން ޕްރެކްޓިސް ކުރިން. ހުރިހާ ފަހަރަކު ވެސް އަހަރެން އެ ސްޓަންޓް ވަރަށް ބަރާބަރަށް ހެދިން. އެހެންކަމުން އެއްވެސް މައްސަލައެއް ނުޖެހި ޝޫޓް ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތް،" ސުޝާންތު ބުންޏެވެ.
"ނަމަވެސް އެ ދުވަހު ވާރޭވެހުމުގެ ސަބަބުން، ސްޓަންޓް ހަދަން ހަމަޖެހިފައިވާ ތަނުގެ ތަޅުންގަނޑު ވަރަށް ކައްސާ. އެހެންވެ ވެއްޓެން ދިމާވީ."
ސުޝާންތުގެ ކަކުލަށް ލިބުނު އަނިޔާގެ ބޮޑުކަމުން، ކަކުލަށް މާ ބާރުކުރާ ކަހަލަ ހަރަކާތްތައް ނުކޮށް މަހެއްހާ ދުވަހު މަޑުކުރަން ޑޮކްޓަރުން ވަނީ އިރުޝާދު ދީފަ އެވެ.