30 ޖެނުއަރީ 2019 - 10:14

އަބޫ ދާބީ (ޖެނުއަރީ 30) – މުބާރާތް ބާއްވާ ގައުމު ޔޫއޭއީ 4-0 އިން ބަލިކޮށް އޭޝިއަން ކަޕުގެ ފައިނަލުން ފުރަތަމަ ފަހަރަށް ގަތަރުން ޖާގަ ހޯދައިފި އެވެ.
މިއީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ހޯދާފައިވާ ގަތަރުން އޭގެ ކުރިން، އޭޝިއާގެ ގަދަބާރަކަށް ވުމަށް ލިބުނު ރަނުގެ ފުރުސަތެކެވެ. ހުކުރު ދުވަހު ކުޅޭ ފައިނަލުގައި ގަތަރު ބައްދަލުކުރާނީ މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ ޖަޕާނާ އެވެ. އެ ޓީމު ފައިނަލުން ޖާގަ ހޯދީ އީރާން އަތުން 3-0 އިން މޮޅުވެގެންނެވެ.
އަބޫ ދާބީގެ މުހައްމަދު ބިން ޒައިދު ސްޓޭޑިއަމުގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗު ހުރިހާ ގޮތަކުން ވެސް ކޮންޓްރޯލްކުރީ ގަތަރުންނެވެ. ފުރަތަމަ ގޯލް 22 ވަނަ މިނެޓުގައި ޖެހީ ބޫލަމް ކޫކީ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑުފުޅާކޮށްދިނީ އަލީ ޒައިނަލްބިއްދީނެވެ. އަނެއް ދެ ގޯލް ޖެހީ މެޗުގެ ފަހު 10 މިނެޓުގަ އެވެ. ލަނޑު ޖެހީ އަލް-ހައިދޫސް އާއި އިސްމާއިލް ހަލީފާ އެވެ.
ލަނޑު ޖެހުމަށް ފަހު ގަތަރު ކުޅުންތެރިން އުފާފާޅުކުރި ވަގުތު ޔޫއޭއީގެ ބައެއް ސަޕޯޓަރުން ވަނީ ފުޅި އާއި ފައިވާން ދަނޑު މައްޗަށް އުކައިފަ އެވެ. އަދި ގަތަރުގެ ގައުމީ ސަލާން ކިޔަމުން ދިޔައިރު ވެސް ޔޫއޭއީ ސަޕޯޓަރުން ހަޅޭއްލެވި އެވެ. ދެ ގައުމުގެ މެދުގައި ސިޔާސީ ގުޅުން ގޯހެވެ.