ކްލަބް ލައިސަންސިން އޮފިސަރަކަށް ޝިބާ ހަމަޖައްސައިިފި
ކްލަބް ލައިސަންސިން އޮފިސަރަކަށް ޝިބާ ހަމަޖައްސައިިފި

އެފްއޭއެމްގެ ކްލަބް ލައިސަންސިން އޮފިސަރަކަށް ކުރިން ވެލެންސިއާގެ މެނޭޖަރުކަންކުރި އަބްދުﷲ ޝިބާއު (ޝިބާ) ހަމަޖައްސައިފި އެވެ.

އެފްއޭއެމުން މިދިޔަ ހޯމަ ދުވަހު ކްލަބްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ކްލަބް ލައިސަންސިންގެ ކަންތައްތައް ހަމަޖެއްސުމަށް ޝިބާ ހަމަޖައްސާފައިވާ ކަމަށާއި މީގެ ފަހުން ކްލަބްތަކުން ކްލަބް ލައިސަންސިންގެ މަސައްކަތްތައް ކުރިއަށްގެންދާނީ އޭނާއާ ގުޅިގެން ކަމަށެވެ. ކުރިން އެ ޒިންމާއާ ހަވާލުވެ ހުރީ އާމިނަތު ޝާނީޒް އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ ކްލަބް ލައިސަންސިންގެ މަސައްކަތުގައި އެންމެ އިސް ފަރާތެއްގެ ގޮތުގައި މަސައްކަތްކުރާނީ ޝިބާ ކަމަށާއި އެކަން ކްލަބްތަކާ މިހާރު ވާނީ ހިއްސާކޮށްފައި ކަމަށެވެ.

ޝިބާ ވަނީ ވެލެންސިއާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށްފަ އެވެ. އަދި އެ ކްލަބްގެ ހިންގުމުގައި އެކި މަސައްކަތްތަކެއް އިސްކޮށް ހުރެ ކުރި އެވެ. އެންމެ ފަހުން ވެލެންސިއާ އޭއެފްސީ ކަޕްގައި 2017 ވަނަ އަހަރު ކުޅުނުއިރު ވެސް ޝިބާ ވަނީ ޓީމުގައި މަސައްކަތްކޮށްފަ އެވެ. އެކަމަކު އެ ސީޒަނުގެ ވަކި ހިސާބަކުން ޝިބާ ވަނީ ވެލެންސިއާގެ މަސައްކަތްތަކާ ދުރަށް ޖެހިލައިފަ އެވެ.

މި އަހަރުގެ އޭއެފްސީ ކަޕުން ރާއްޖޭގެ ޓީމުތަކަށް ފުރުސަތު ގެއްލުނީ ލައިސަންސް ނުލިބުމުންނެވެ. ލައިސަންސް ނެތި އޭއެފްސީން ބާއްވާ މުބާރާތްތަކުގައި ނުކުޅެވޭނެ އެވެ. ލައިސަންސް ނުލިބުނީ މުއްދަތު ހަމަވުމުގެ ކުރިން އެ ކްލަބްތަކަށް ދީފައިވާ ލޮގިން އިން އޭއެފްސީގެ ކްލަބް ލައިސަންސިން ސިސްޓަމް (ކްލާސް) އަށް ލިޔެކިޔުންތައް އަޕްލޯޑްކޮށްފައިނުވާތީ އެވެ. ކްލަބްތަކުން ކްލާސް އަށް ލިޔެކިޔުންތައް އެޕްރޫވްކުރާނީ އެފްއޭއެމްގެ ކްލަބް ލައިސަންސިން އޮފިސަރެވެ. އޭއެފްސީ އަށް އެ ލިޔުންތައް ފެންނާނީ އެފްއޭއެމްގެ ކްލަބް ލައިސަންސިން އޮފިސަރު އެ އެޕްރޫވްކުރުމުންނެވެ.

ކްލަބް ލައިސަންސިންގައި ރާއްޖޭގެ ކްލަބްތައް ހިމަނައިފައިވަނީ ފުރަތަމަ ކްރައިޓީރިއާގަ އެވެ. ކްލަބް ލައިސަންސިންގައި އޮންނަނީ މައިގަނޑު ހަތަރު ބަޔަކަށް ބަހާލައިފަ އެވެ. އެއީ ސްޕޯޓިން، އިންފްރާސްޓްރަކްޗާ، ލީގަލް އަދި ފައިނޭންޝިއަލް އެވެ. މި ބައިގެ ދަށުން އެކި ބައިތަކެއް ވެސް ހުރެ އެވެ. އޭގެ ތެރޭގައި ކުޅުންތެރިންގެ މެޑިކަލް ކަންތައްތައް ފުރިހަމަވުމާއި ކްލަބްގެ މާލީ ރިޕޯޓާއި އެކެޑަމީ ޕްލޭނާއި އަދި އޭގެ އިތުރުން ވެސް އެކި އެކި ކަންތައްތަކާ ބެހޭ ލިޔެކިއުންތައް ހުށަހަޅަން ޖެހެ އެވެ.

ކްލަބް ލައިސަންސިންގައި ކްލަބްތަކުން ފުރިހަމަ ކުރަން ޖެހޭ ބައިތަކުގެ އިތުރުން އެފްއޭއެމް އިން ވެސް ބައެއް ފުރިހަމަ ކުރަން ޖެހެ އެވެ. އޭގެ ތެރޭގައި އިންފްރާސްޓްރަކްޗާ ބައިގައި ހިމެނޭ ހޯމް މެޗުތައް ކުޅޭ ދަނޑުގެ ބައި ވެސް ހިމެނެ އެވެ.

އޭއެފްސީ ކަޕަކީ ރާއްޖޭން 2004 އިން ފެށިގެން ވާދަކުރަމުން އަންނަ މުބާރާތެކެވެ. މި މުބާރާތަކީ ދިވެހި ކުޅުންތެރިންނަށް ކްލަބް ލެވެލްގައި ބައިނަލްއަގްވާމީ ފެންވަރުގައި ގިނަ ތަޖުރިބާތަކެއް މީގެ ކުރިން ލިބިފައިވާ މުބާރާތެކެވެ. އަދި ރާއްޖޭގެ ކްލަބްތަކުން ވަނީ އޭޝިއާގެ ނަން މަޝްހޫރު ޓީމުތައް އަތުން މި މުބާރާތުގައި ރަނގަޅު ކާމިޔާބެއް ވެސް ހޯދައިފަ އެވެ. އެގޮތުން ރާއްޖޭގެ ނިއު ރޭޑިއަންޓް ވަނީ 2005 ވަނަ އަހަރުގެ މުބާރާތުގެ ތިން ވަނަ ހޯދައި 2013 ވަނަ އަހަރު ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ.