ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މި އަހަރު ރިލީޒްވާން ހުރި އަޖޭ ދޭވްގަންގެ ފިލްމުތަކުގެ ތެރެއިން "ދޭ ދޭ ޕިޔާރް ދޭ" ރިލީޒް ކުރާ ތާރީހު ތިން ވަނަ ފަހަރަށް ފަސްކޮށްފި އެވެ.

ކުރިން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ގައި ރިލީޒްކުރަން އޮތް މި ރޮމޭންޓިކް ކޮމެޑީ އެންމެ ފަހުން ރިލީޒްކުރަން ތާވަލު ކުރީ އަންނަ މާޗް މަހުގެ 15 އަށެވެ. ނަމަވެސް ތާވަލަށް ގެނައި ބަދަލާ އެކު، އާކިވް އަލީ ޑައިރެކްޓްކޮށްފައިވާ ފިލްމު ސިނަމާތަކަށް އަންނާނީ މެއި މަހުގެ 17 ވަނަ ދުވަހު އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފިލްމު ރިލީޒްކުރަން ފަސްކުރީ މެއި 17 އަކީ ބޮޑު ބަޖެޓް ފިލްމެއް ސިނަމާ ގެންނަން ނިންމާފައި ނުވާ ދުވަހަކަށްވާތީ އޭގެ ފައިދާ ނެގުމުގެ ގޮތުންނެވެ.

ވަރަށް އާބަން ލޯބީގެ ވާހަކައެއް ކިޔައިދޭ "ދޭ ދޭ ޕިޔާރް ދޭ" ގައި އަޖޭއާ އެކު ލީޑް ރޯލުން ފެނިގެން ދާނީ ތައްބޫ އާއި ރަކުލް ޕްރީތު ސިންގެވެ. މި ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ ޓީ ސީރީޒާއި ޑައިރެކްޓަރު ލަވް ރަންޖަ އެވެ.

މި މަހުގެ 22 ވަނަ ދުވަހު ރިލީޒް ކުރާ ކޮމެޑީ ފިލްމު "ޓޯޓަލް ދަމާލް" ގެ ފުރަތަމަ ލަވަ "ޕައިސާ ޕައިސާ" ބެލުންތެރިންނަށް ދައްކާލައިފި އެވެ.

ފިލްމުގެ މައިގަނޑު ކާސްޓް އެއްކޮށްގެން ފެނިގެންދާ ލަވައިން އަނިލް ކަޕޫރް، މަދޫރީ ޑިކްސިޓް އަދި އަޖޭގެ ހަރަކާތައް ފެނިގެން ދާނެ އެވެ، "ޕައިސާ ޕައިސާ" ލަވަ ކިޔާފައި ވަނީ ދޭވް ނެގީ، ކުކީ ގުލާތީ، ޝަރުދާ ޝެއިހް އަދި ގޯރަވް ދާސްގުޕްތާ އެބެ. ލަވައިގެ މިއުޒިކް ގޯރަވް-ރޯޗިން ހަދާފައިވާ އިރު، މީގެ ޅެން ލިޔެފައި ވަނީ ކުންވަރު ޖަނޭޖާ އެވެ

އިންދަރު ކުމާރު ޑައިރެކްޓްކޮށްފައިވާ "ޓޯޓަލް ދަމާލް" އަކީ އޭނާ ގެނެސްދޭ "ދަމާލް" ފްރެންޗައިޒްގެ ތިން ވަނަ ބައެވެ. މި ފަހަރު ވެސް ކުރީގެ ބައިތަކުން ފެނިގެން ދިޔަ އަރުޝަދު ވަރްސީ، އާއި ޖާވިދު ޖެފްރީގެ އިތުރުން ރިތޭޝް ދޭޝްމުކް ވެސް ފެންނާނެ އެވެ. އަދި މީގެ ރޯލަކުން އީޝާ ގުޕްތާ ވެސް ފެނިގެންދާ އިރު، "ޓޯޓަލް ދަމާލް" ގެ ލަވައަކުން ސޮނާކްޝީ ސިންހާ ވެސް ފެނިގެން ދާނެ އެވެ.

މި ފިލްމަކީ 2014 ގެ ފަހުން ސްކްރީނަށް އަންނަ މަދޫރީގެ ފުރަތަމަ ހިންދީ ފިލްމެވެ. އޭނާ ފަހުން ފެނިފައި ވަނީ މިދޔަ އަހަރު ރިލީޒް ކުރާ މަރާޓީ ފިލްމު "ބަކެޓް ލިސްޓް" އިންނެވެ.

އަކްޝޭ ކުމާރާއި އުރްމިލާ މަޓޯންޑްކަރު 1997 ގައި ކުޅުނު ފިލްމު "އަފްލާތޫން" ގައި ހިމެނުނު ފޯރި ގަދަ ލަވަ "ޕޯސްޓަރު ޗަޕްވާ ދޯ" ގެ އައު ލަވަ "ޕޯސްޓަރު ލަގްވާ ދޯ" ދައްކާލައިފި އެވެ.

މި ފަހަރު ލަވަ ހިމާނާފައި ވަޖީ އަންނަ މާޗް މަހުގެ 1 ވަނަ ދުވަހު ރިލީޒް ކުރާ ރޮމޭންޓިކް ކޮމެޑީ "ލުއްކާ ޗުއްޕީ" ގަ އެވެ. ކްރިތީ ސެނަން އާއި ކާތިކް އަރިޔަން ލީޑް ރޯލުން ފެނިގެންދާ ފިލްމަށް "ޕޯސްޓަރު ލަގްވާ ދޯ" ކިޔާފައި ވަނީ މިކާ ސިންގް އާއި ސުނަންދާ ޝަރުމާ އެވެ. ލަވައިގެ މިއުޒިކާ ކުޅެފައި ވަނީ ވައިޓް ނޮއިސް ސްޓޫޑިއޯ އިންނެވެ.

"ލުއްކާ ޗުއްޕީ" އަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "އިސްތިރީ" ގެނެސް ދިން ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން އުފައްދައި ލަކްޝަން އުޓޭކަރް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ސަރޮގޭޓްކޮށްގެން މިދިޔަ މަހުގެ 27 ވަނަ ދުވަހު ޕްރޮޑިއުސަރު އެކްތާ ކަޕޫރަށް ލިބުނު ދަރިފުޅަށް ރަވީ ކަޕޫރްގެ ނަން ދީފި އެވެ.

އެ ނަމަކީ އެކްތާގެ ބައްޕަ އަދި ކުރީގެ މަޝްހޫރު އެކްޓަރު ޖީތެންދުރާގެ އަސްލު ނަމެވެ. ދަރިއަކު ލިބުމުން އެކްތާ ވަނީ ސޯޝަލް މީޑިއާގައި އެ އުފާ ހިއްސާކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ކެރިއަރުގައި މިހާތަނަށް ވަރަށް ގިނަ ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ދަރިއަކު ލިބުމުން ކުރެވޭ އިހުސާސްތައް އަދި މުޅިން ތަފާތު ކަމަށާއި އޭނާ އާއި މުޅި އާއިލާ އަށް ވެސް ވަރަށް ބޮޑު އުފަލެއް ލިބިފައިވާ ކަމަށެވެ. އެކްތާ، 43، އަކީ ޖީތޭގެ ދެ ދަރިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ސަރޮގޭޓްކޮށްގެން ދަރިއަކު ހޯދި އިރު، އޭނާ އަދި ކައިވެންޏެއް ނުކުރެ އެވެ.

އެކްތާގެ ކޮއްކޮ އަދި އެކްޓަރު ތުޝާތް ކަޕޫރް ވެސް ވަނީ ކައިވެނި ނުކޮށް މީގެ ދެ އަހަރު ކުރިން ސަރޮގޭޓްކޮށްގެން ދަރިއަކު ހޯދައިފަ އެވެ.