ލިވަޕޫލަށް ވުމުން އޮންނަ ޕްރެޝަރު ބޮޑު: ކްލޮޕް
ލިވަޕޫލަށް ވުމުން އޮންނަ ޕްރެޝަރު ބޮޑު: ކްލޮޕް

ލިވަޕޫލް (ޖެނުއަރީ 30) - އިނގިރޭސި ޕްރިމިއާ ލީގުގައި ކާމިޔާބު ހޯދަން ބަލާއިރު ލިވަޕޫލަށް ވުމުން އޮންނަ ޕްރެޝަރު ބޮޑުވާ ކަމަށާއި އެކަމަކު އޭނާ ދެކެނީ އެއީ ރަނގަޅު ޗެލެންޖެއްގެ ގޮތުގައި ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ލިވަޕޫލުން އެންމެ ފަހުން ލީގު ކާމިޔާބުކުރީ މީގެ 29 އަހަރު ކުރިން 1990 ވަަނަ އަހަރު އެވެ. އަށާރަ ފަހަރު ތަށި ހޯދާފައިވާ ލިވަޕޫލް މި ފަހަރުގެ ސީޒަނާ ކުރިމަތިލީ ލީގަށް ވަރަށް ބޮޑަށް އަމާޒުކޮށްގެންނެވެ. މި ވަގުތު ލިވަޕޫލް ލީގުގެ އެއް ވަނައިގައި އޮތީ 23 މެޗުން 60 ޕޮއިންޓާ އެކު އެވެ. ލިވަޕޫލާ އެންމެ ގާތުން ލީގަށް ވާދަކުރަމުން އަންނަ މެންޗެސްޓާ ސިޓީ ރޭ ބަލިވުމުން މިރޭ ލެސްޓާ ސިޓީ ބަލިކޮށް ލިވަޕޫލަށް ލީގުގެ އެއް ވަނައިގައި ހަތް ޕޮއިންޓަށް ލީޑުފުޅާކުރެވޭނެ އެވެ.

ޕްރިމިއާ ލީގުގެ އެންމެ ފަހުން 11 ސީޒަނަށް ބަލާއިރު ގިނަ ދުވަސްތަކެއް ވަންދެން އެއް ވަނައިގައި އޮވެފައި ފަހު މެޗުތަކުން ނަތީޖާތައް ދަށްވެ ލިވަޕޫލަށް ވަނީ ދެ ފަހަރެއްގެ މަތިން ލީގު ގެއްލިފަ އެވެ. ކްލޮޕް ބުނީ އެއީ މާޒީ ކަމަށާއި އޭގެއިން ހަމައެކަނި ނަގާނީ ފައިދާހުރި މާނަތައް ކަމަށެވެ.

"ޔަގީނުން ވެސް 29 އަހަރު ލީގު ނުހޯދާ އޮތުމަކީ ލިވަޕޫލަށް ލިބޭނެ ހުސްކަމެއް. މި ޓީމުގެ ތާރީހު އެހާ މުއްސަނދި މި ފަދަ ޓީމެއް އެހާ ގިނަ ދުވަސްވަންދެން ލީގު ނުލިބި އޮތުމަކީ ގިނަ ބަޔަކަށް ގަބޫލުކުރެވޭނެ ކަމެއް ނޫން. ގިނަ ދުވަސްވެފައި އޮތުމުން ލީގު ހޯދަން ކުރާ މަސައްކަތުގައި އަންނަ ޕްރެޝަރު ބޮޑު. އެކަމަކު އަހަންނަކީ ޕްރެޝަރް އޮތަސް ޕޮޒިޓިވް ކަންތައްތަކަށް ވިސްނާ މީހެއް،" ގާޑިއަން އަށް ދިން އިންޓަވިއުއެއްގައި ކްލޮޕް ބުންޏެވެ.

ލިވަޕޫލް ވަނީ ލީގު ކަޕާއި އެފްއޭ ކަޕުގެ ވަރަށް ކުރީކޮޅުގައި ކަޓައިފަ އެވެ. މިއީ ހަމައެކަނި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގަށް ފޯކަސް ކުރުމުގެ ގޮތުން ކުރި ކަމެއްތޯ ނޫސްވެރިއަކު ސުވާލުކުރުމުން އޭނާ ބުނީ މެޗަކުން ބަލިވާން ދުވަހަކު ވެސް އޭނާ ނޭދޭނެ ކަމަށެވެ.

"އަހަރެމެންގެ މަސައްކަތަކީ މޮޅު ޓީމެއް ބިނާކުރުން. ކާމިޔާބު ހޯދުން. މި ކަންތައްތައް ހާސިލްކުރަން ބޭނުންވަނީ މެޗުތަކުން މޮޅުވާން. އެހެން އެކަން އޮތްއިރު ގަސްދުގައި މެޗުތަކުން ބަލިވެގެން ނޫނީ މުބާރާތަކުން ކަޓައިގެން އަހަރެމެންނަށް ހާސިލްކުރެވޭނެ އެއްޗެއް ނޯންނާނެ،" ކުރިން ބޮރޫޝިއާ ޑޯޓްމަންޑަށް ޖަރުމަނު ލީގު ކާމިޔާބު ކޮށްދިން ކްލޮޕް ބުންޏެވެ.

ލެސްޓާއާ ދެކޮޅަށް މިރޭ ލިވަޕޫލް ކުޅޭ މެޗަށް އެ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިއާ ޖޭމްސް މިލްނާ ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަނިޔާގެ ސަބަބުން ކުޅުމާ ދުރުހުރި ޑޭޔާން ލޮވްރެން މިރޭގެ މެޗުގައި ފެނުމުގެ ފުރުސަތު އޮތްއިރު، ވާޖިލް ވެން ޑައިކް ވެސް ހުރީ އެއްކޮށް ފިޓްކޮށެއް ނޫނެވެ. މި ދެ ކުޅުންތެރިން މެޗުގައި ބޭނުންކުރުމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ މިއަދު ހަދާ ފިޓްނަސް ޓެސްޓްތަކަށް ފަހު އެވެ.

ލިވަޕޫލާއި ލެސްޓާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.