30 ޖެނުއަރީ 2019 - 00:23

ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަދި މިދިޔަ ދެ އަހަރު ނިއު ރޭޑިއަންޓަށް ކުޅުނު ތަޖުރިބާކާރު ކުޅުންތެރިއާ އަކުރަމް އަބްދުލް ގަނީ (އަކޫ) އެންމެ ފަހުގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެވެ.
ރާއްޖޭން ދެ ފަހަރު ސަރަހައްދުގެ ރަން ތަށި ގެނައި ޓީމުގައި ހިމެނުނު އަކޫ ޓީސީއާ ގުޅުނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެއީ އެފްއޭއެމުން އެކުލަވާލި އާ ގަވައިދުގެ ދަށުން ކުޅުންތެރިންނާ އެކު ކޮންޓްރެކްޓް ހެދޭނީ މަދުވެގެން ތިން އަހަރު ދުވަހަށެވެ.
ޓީސީން ޓީމު ވަރުގަދަކުރުމަށް އަކޫ ހޯދިއިރު، މީގެ ކުރިން އެ ކްލަބުން ވަނީ މާޒިޔާގެ މިޑްފީލްޑަރު އިސްމާއިލް އީސާ (މެސީ) އާއި ޔުނައިޓެޑް ވިކްޓަރީ އަށް މިދިޔަ އަހަރު ކުޅުނު އަބްދުލް ވާހިދު (ވާޑު) ގެންނަން ވެސް އެއްބަސްވުމަކަށް އައިސްފަ އެވެ. މިިދިޔަ އަހަރުތަކުގައި ޓީސީން ފެނުނު މުހައްމަދު އައްޒާމް ވެސް ވަނީ އެ ޓީމުގައި މަޑުކުރަން ނިންމައިފަ އެވެ.
މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ސާފް ކާމިޔާބުކޮށްދިން ރާއްޖޭގެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި އަކޫ ޑިފެންސާއި މެދުތެރޭގެ ހުރިހާ މަގާމަކަށް ކުޅެވޭ ފެންވަރުގެ މޮޅު ކުޅުންތެރިއެކެވެ. އަދި މިދިޔަ ދެ އަހަރު ނިއު އިން ހޯދި ކާމިޔާބީތަކުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.
ކްލަބް ވެލެންސިއާ އިން ކެރިއަރު ފެށި އަކޫ ވަނީ 2007 ވަނަ އަހަރު ނިއު އަށް ބަދަލުވެފަ އެވެ. އޭގެ ފަހުން ވަނީ މާޒިޔާ އާއި ވިކްޓަރީ އަދި ވީބީ އައްޑޫ އެފްސީ އަށް ވެސް ކުޅެފަ އެވެ. އަލުން އޭނާ ނިއުއާ 2017 ވަަނަ އަހަރު ގުޅުނީ އޭގެ ކުރިން ވެލެންސިއާ އަށް ވެސް ކުޅުމަށް ފަހު އެވެ.
ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އަކޫ އަށް ގައުމީ ޓީމުން ޖާގަ ލިބުނީ 2017 ވަނަ އަހަރުގެ ޖޫން މަހުގަ އެވެ. އޭގެ ފަހުން އޭނާ އަންނަނީ ގަަވައިދުން ޓީމުގައި ހިމެނި މޮޅު ކުޅުމެއް ދައްކަމުންނެވެ.
އަކޫގެ އިތުރުުން ޓީސީން ވަނީ ވިކްޓަރީ އަށް މިދިޔަ އަހަރު ކުޅުނު ކުރިން ބީޖީ ސްޕޯޓްސް ކްލަބާއި ނިއުގެ ޒުވާން ކުޅުންތެރިއާ އާދަމް އިޝާމް (ސަން) ވެސް ގެނެސްފަ އެވެ.
ޓީސީން މި އަހަރުގެ ސީޒަނަށް ޓީމު ވަރުގަދަކުރާއިރު، އެ ޓީމަށް ވަނީ އާ ކޯޗެއް ވެސް ގެންނަން ޖެހިފަ އެވެ. އެ ޓީމުގެ ކޯޗަކަށް މިދިޔަ އަހަރުތަކުގައި ހުރި މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ އެ ޓީމާ ވަކިވެފަ އެވެ. ޓީސީ ދޫކޮށްލުމަށް ފަހު ނިޒާމްބެ ބުނީ ކްލަބާ އޭނާއާ ދެމެދު ދިޔަ މަޝްވަރާތަކަށް ފަހު އެއްބަސްވުމަކަށް ނާދެވުމުން ވަކިވާން ނިންމީ ކަމަށެވެ.