ޖިއްދާގައި ފުރަތަމަ ސިނަމާ ހުޅުވައިފި
ޖިއްދާގައި ފުރަތަމަ ސިނަމާ ހުޅުވައިފި

ޖިއްދާ (ޖެނުއަރީ 29) - ސައުދީ އަރަބިއާގައި ސިނަމާ ހިންގުމުގެ ހުއްދަ ދިންތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން ޖިއްދާގައި ފުރަތަމަ ފަހަރަށް ސިނަމާއެއް ހުޅުވައިފި އެވެ.

ޖިއްދާގެ ރެޑް ސިޓީ މޯލްގައި ހުޅުވި ސިނަމާއާ އެކު ސައުދީގައި ހުޅުވި ސިނަމާތަކުގެ އަދަދު މިހާރު ވަނީ ހަޔަކަށް އަރައިފަ އެވެ. ސައުދީގައި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީ ކުރިއެރުވުމަށް އުފައްދާފައިވާ ޖެނެރަލް ކޮމިޝަން ފޯ އޯޑިއޯވިޝުއަލް މީޑިއާ (ޖީސީއޭއެމް) އިން ބުނީ ހުރިހާ ސިނަމާތަކުގެ ޑިމާންްޑް ވެސް ބޮޑު ކަމަށެވެ.

"މި ސިނަމާތަކުގައި ކޮންމެ މަހަކު ވެސް ގާތްގަނޑަކަށް 59،000 މީހުން ފިލްމް ބަލާ. މީގެ ތެރޭން 77 ޕަސެންޓަކީ އާއިލާތައް،" ޖީސީއޭއެމް އިން ބުންޏެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކުރި ދިރާސާއަކުން ދެއްކި ގޮތުގައި 2030 ވަނަ އަހަރާ ހަމައަށް ދާއިރު ސައުދީގެ ސިނަމާ އާމްދަނީ 1.5 ބިލިއަން ޑޮލަރަށް އަރާނެ އެވެ.

ސިނަމާތަކަށް ގޮސް ފިލްމް ބެލުމާއި ކޮންސެޓްތަކަށް ދިއުމުގެ ފުރުސަތު ސައުދީގައި ކުރިން ނޯވެ އެވެ. ނަމަވެސް މުހައްމަދު ބިން ސަލްމާން ވަލީ އަހުދުގެ މަގާމަށް ވަޑައިގަތުމަށް ފަހު ވަރަށް ގިނަ ކަންކަން ވަނީ ހުޅުވާލައްވައިފަ އެވެ. އޭގެ ތެރޭގައި އަންހެނުން ސްޓޭޑިއަމްތަކަށް ގޮސް ކުޅިބެލުމާއި އަންހެނުން ކާރު ދުއްވުން ހިމެނެ އެވެ.

ތިރީސް ފަސް އަހަރަށް ފަހު ވެރިރަށް ރިޔާޒުގައި ފުރަތަމަ ސިނަމާ ހުޅުވީ މިދިޔަ އަހަރުގެ އެޕްރީލް މަހު އެވެ.