29 ޖެނުއަރީ 2019 - 22:37

އުރީދޫގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި 88 ޕަސެންޓް ހިއްސާދާރުންނަށް ބެހުމަށް އެ ކުންފުނިން ނިންމައިފި އެވެ.
އެކުންފުނީގެ ބޯޑު ބައްދަލުވުމުން މިއަދު ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ކޮންމެ ހިއްސާއަކަށް 3.22ރ. ބަހަން ނިންމައިފަ އެވެ. ބޯޑުގެ މިލަފާގެ މަތިން، ހިއްސާގެ ފައިދާގެ ގޮތުގައި މި މިންވަރު ހިއްސާދާރުންނަށް ބެހުމަށް މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށް ހަމަޖެހިފައިވެ އެވެ.
އަހަރީ އާންމު ޖަލްސާގެ ނޯޓިސް އާއި އެޖެންޑާ އާއި ޖަލްސާއާ ގުޅޭ ލިޔުންތައް އަންނަ މަހުގެ 15 ގެ ނިޔަލަށް ވެބްސައިޓުގައި ޝާއިއުކުރާނެ ކަމަށް އުރީދޫން ބުނެ އެވެ.
މިދިޔަ އަހަރު ކުންފުނީގެ ފައިދާގެ 85 ޕަސެންޓް ހިއްސާދާރުންނަށް ބަހާފައިވެ އެވެ. އެފަހަރު ހިއްސާއަކަށް 3.20ރ. ފައިދާގެ ގޮތުގައި ބެހި އެވެ. އެހެން ކަމުން އުރީދޫން މި އަހަރު ވަނީ ދެ ލާރި އިތުރަށް ހިއްސާ ދާރުންނަށް ބެހުމަށް ނިންމައިފަ އެވެ.
ޕަބްލިކް ލިމިޑެޓް ކުންފުންޏަކަށް އުރީދޫ ބަދަލުކޮށް ހިއްސާ ވިއްކަން ފަށާފައި ވަނީ 2017 ވަނަ އަހަރު އެވެ. އެގޮތުން އެކުންފުނީގެ އިނީޝިއަލް ޕަބްލިކް އޮފަރިން (އައިޕީއޯ) އަށް ހުޅުވާލާފައި ވަނީ މެއި 1، 2017 ގަ އެވެ. އުރީދޫން 8،219 ހިއްސާދާރުންނަށް 14 މިލިއަން ހިއްސާ ވިއްކާފައިވެ އެވެ. އެއީ 421 މިލިއަން ރުފިޔާ އެވެ.