29 ޖެނުއަރީ 2019 - 20:29

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން ބާއްވާ ހަތް ވަނަ ކޮކާކޯލާ ލޯންގް ރަން އަންނަ އެޕްރީލް މަހު ބާއްވަން ނިންމައިފި އެވެ.

މާގިރި ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓީއެފްޖީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާ އެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި އެމްއެމްޕީއާރްސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އެވެ. ޓީއެފްޖީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ހުސައިން ޒިނާނެވެ.
ޒިނާނު ވިދާޅުވީ، މިއީ ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ޓީއެފްޖީގެ ހުރިހާ ހަރަކާތެއްގައި ދިވެހި ރާއްޖެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށް ބޭނުންކުރާ ލޯގޯތައް ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒިނާނު ވިދާޅުވީ، މި އަހަރު ބާއްވާ ލޯންގް ރަންގެ އެންމެ ބޮޑު ތަފާތަކީ، ހުޅުމާލޭގެ ދުވުމަށް ހަމަޖެހިފައިވާ މަގަށް އައިސްފައިވާ ބަދަލު ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ މައުލޫމާތުތައް ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓީއެފްޖީން މިހާރު ތަފާތު ހަތް ދުވުމުގެ ހަރަކާތް ކޮންމެ އަހަރު ބާއްވަ އެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު ވަނީ "ކޮކާ ކޯލާ ރަން އިން ލާމު" ބާއްވައިފަ އެވެ. މާޗު މަހު އަންހެނުންނަށް ހާއްސަ ދުވުގެ ހަރަކާތެއް ބާއްވާ އިރު "ކޮކާ ކޯލާ ލޯންގް ރަން" ބޭއްވުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް މަހު އެވެ. މިއީ ޓީއެފްޖީން އެންމެ ފުރަތަމަ ބޭއްވި ދުވުމުގެ ހަރަކާތެވެ. އެގޮތުން 2013 ވަނަ އަހަރު ފެށިގެން ކޮންމެ އަހަރު މި ހަރަކާތް އަންނަނީ ބާއްވަމުންނެވެ.
މީގެ އިތުރުން މޭ މަހު "ބީއެމްއެލް ވައު ކިޑްސް ރަން" ބޭއްވުމަށް ހަމަޖެހިފައިވާ އިރު ޖުލައި މަހު ކަލަ ރަން ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. އޮގަސްޓް މަހު "ކޮކާ ކޮލާ ރަން އިން އައްޑޫ" ބާއްވާ އިރު ނޮވެމްބަރު މަހު "ބޮޑު ހާފް" ގެ ނަމުގައި ވެސް ދުވުމެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.
ކޮކާ ކޯލާ ލޯންގް ރަން ބާއްވަނީ އޭޕްރީލް 19 ގަ އެވެ. މި ދުވުމުގެ ހަރަކާތުގައި 2000 މީހުން ބައިވެރިވާނެ ކަމަށް ބެލެވޭ ކަމަށް ޓީއެފްޖީން ބުނެ އެވެ. މި ދުވުމުގައި މެރެތަން އާއި ހާފް މެރެތަންގެ އިތުރުން 10 ކިލޯމީޓަރުގެ ދުވުމާއި ފަސް ކިލޯ މީޓަރަށް ދުވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ދުވުމުގައި ބައިވެރިވުމަށް ހާއްސަ ޓްރެއިނިންނެއް ވެސް ޓީއެފްޖީން ބާއްވަ އެވެ. މި ޓްރެއިނިންގައި 600 މީހުންނަށް ބައިވެރިވެވޭނެ އެވެ.