29 ޖެނުއަރީ 2019 - 15:20

އިނގިރޭސި ވިލާތުގައި މީހަކު ދަތެއް ނަގަން ޑޮކްޓަރަށް ދައްކަން 18 މަސް ވަންދެން އެޕޮއިންޓްމަންޓް ކިއޫގައި ހުންނަން ޖެހި އެންމެ ފަހުން އަމިއްލަ އަށް ދަތް ނަގައިފި އެވެ.
ކޯލްވޯލްގައި ދިރިއުޅޭ ޑޭވިޑް ވުޑްހައުސް، 62، މީޑިއާތަކަށް ބުނި ގޮތުގައި އިންގްލެންޑް ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) ގެ ސްޕެޝަލިސްޓަކަށް ދައްކަން އޭނާ ނަން ނޯޓްކޮށްގެން ހުންނަތާ 18 މަހަށް ވުރެ ގިނަ ދުވަސްވީ އިރު ވެސް އެއްވެސް ޚަބަރެއް ނުވެ އެވެ.
ނަމަވެސް އެންއެޗްއެސްގެ އިލްތިމާސަކީ އިމަޖެންސީގައި ޑެންޓިސްޓެއްގެ އެހީ ހޯދަންޖެހޭ ނަމަ ހެލްޕްލައިނަށް ގުޅައިގެން އެހީ ހޯދުމެވެ.
ވެއްޓެން ކައިރިވެފައި އިން ދަތަށް ފަރުވާ ނުކުރެވި، ދޮޅު އަހަރަށް މަޑު ކުރަން ޖެހުމުން، ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހުނު ކަމަށް ޑޭވިޑް ބުންޏެވެ.
"އެހެންވެ އެންމެ ފަހުން އަމިއްލަ އަށް ކައްޓެއް ބޭނުންކޮށްގެން ދަތް އުފުރާލީ،" އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތް ކުރާ ޑޭވިޑް ބުންޏެވެ. "ކަންދިމާކުރި ގޮތުން، ފާއިތުވި ދޮޅު އަހަރު އަހަރެން އުފުލަން ޖެހުނު ވޭން އަމިއްލަ އަށް ދަތް އުފުރާލުމުން ކުރާކަށް ވެސް ނުޖެހުނު."
އޭނާ ބުނި ގޮތުގައި ދެން ދަތެއް ނަގަން ޖެހިއްޖެ ނަމަ މަޑެއް ނުކުރާނެ އެވެ.
ސިއްހީ ހާލަތު މޮނިޓާ ކުރާ ހެލްތުވޮޗް ކޯންވޯލް އިން ބުނި ގޮތުގައި ބައެއް މީހުން ވަނީ ޑެންޓިސްޓަކަށް ދައްކަން ތިން އަހަރަށް ވުރެ ގިނަ ދުވަހު، ރަޖިސްޓްރީ ނުކުރިވެގެން މަޑުކުރަން ޖެހިފަ އެވެ.
އެންއެޗްއެސް އިން ބުނާ ގޮތުގައި ޑެވޯން އާއި ކޯންވޯލްގައި މިހާރު ވެސް ދަތުގެ ޑޮކްޓަރަކަށް ދައްކަން ވެއިޓިން ލިސްޓްގައި ތިބި މީހުންގެ އަދަދު 48،000 އަށް ވުރެ ގިނަ އެވެ.