ރަވީ ކިޝަންގެ ދަރިފުޅު ރިވާ ތައާރަފު ވާނީ ޕަދްމިނީގެ ދަރިފުޅު ޕްރިޔާންކްއާ އެކު
ރަވީ ކިޝަންގެ ދަރިފުޅު ރިވާ ތައާރަފު ވާނީ ޕަދްމިނީގެ ދަރިފުޅު ޕްރިޔާންކްއާ އެކު

އިންޑިއާގެ ބޯޖްޕޫރީ ފިލްމުތަކުން މަޝްހޫރުކަން ހޯދި، ހިންދީ ފިލްމުތަކުން ވެސް ފެންނަ އެކްޓަރު ރަވީ ކިޝަންގެ އަންހެން ދަރިފުޅު ރިވާ ވެސް ބޮލީވުޑަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.

އޭނާގެ އަލަތު ފިލްމަކީ ކުރީގެ މަޝްހޫރު ބަތަލާ ޕަދުމިނީ ކޯލަޕޫރީގެ ފިރިހެން ދަރިފުޅު ޕްރިޔާންކް ޝަރުމާ ވެސް ފިލްމީ ދާއިރާ އަށް ތައާރަފުވާ ފިލްމު "ސަބް ކުޝަލް މަންގަލް" އެވެ. މި ފިލްމުގެ ލޯޑް ރޯލުން ޕްރިޔާންކް އާއި ރިވާ ފެނިގެންދާ އިރު، ފިލްމުގެ މުހިއްމު ރޯލަކުން އަކްޝަޔޭ ކަންނާ ވެސް ފެންނާނެ އެވެ.

"ރެޑީ" އާއި "ޔަމްލާ ޕަގްލާ ދީވާނާ" އަދި "ލާޑްލާ" ފަދަ ފިލްމުތައް ޕްރޮޑިއުސް ކުރި ނިތިން މަންމޯހަންގެ އަންހެން ދަރިފުޅު ޕްރާޗީ ޕްރޮޑިއުސް ކުރާ "ސަބް ކުޝަލް މަންގަލް" ގެ ޑައިރެެކްޓަރަކީ ކަރަން ކޭޝަޕް އެވެ. މި ކޮމެޑީ ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން ވަނީ ނިންމައިފަ އެވެ.

ކަރަން މީގެ ކުރިން ވަނީ މަނީ ރަތުނަމްއާ އެކު "ރާވަން" އާއި އަމިތު ޝިމިންއާ އެކު "ޗަކްދޭ އިންޑިއާ" އަދި ޝާދް އަލީއާ އެކު "ބަންޓީ އޯރް ބަބްލީ" ގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

ރާވީގެ ބައްޕަ ރަވީ ކިޝަން، 49، ކުޅެފައިވާ ފާހަގަކޮށްލެވޭ ހިންދީ ފިލްމުތަކުގެ ތެރޭގައި "ތެރެ ނާމް"، "ރާވަން" އަދި "ބްލެޓް ރާޖާ" ހިމެނެ އެވެ. ރިވާގެ އިތުރުން ރަވީގެ ފިރިހެން ދަރިއަކު ވެސް ހުރެ އެވެ.