ލޫކަސްގެ ބަންދަށް ހައި ކޯޓުން ތާއީދުކޮށްފި
ލޫކަސްގެ ބަންދަށް ހައި ކޯޓުން ތާއީދުކޮށްފި

ސަލާމަތީ ބާރުތަކާ މެދު ނަފްރަތު އުފައްދަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް، ޝައްމޫން ޖަލީލު (ލޫކަސް) ބަންދުގައި ބަހައްޓަން ދަށު ކޯޓުން ފުރަތަމަ ނެރުނު އަމުރަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ހައްޔަރުކުރި ޝައްމޫން 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން ތާއީދު ކުރިއިރު ދަށު ކޯޓުގެ އެ އަމުރުގެ މުއްދަތު ވަނީ ހަމަވެފަ އެވެ. އެކަމަކު އޭގެ ދެވަނަ އަމުރެއްގެ ދަށުން އޭނާ އަދިވެސް ހުރީ ބަންދުގަ އެވެ.

ދަށު ކޯޓުގެ ފުރަތަމަ އަމުރު ލޫކަސްގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އޭނާއާ މެދު ކުރެވޭ ތުހުމަތަށް އެކަށީގެންވާ މިންވަރު ހެކި ދައުލަތުން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެއީ ތަހުގީގުކުރަމުން ދާ މައްސަލައަކަށް ވާއިރު ތަހުގީގު މަރުހަލާގައި މީހަކު ބަންދުގައި ބަހައްޓަން ބޭނުންވާނީ އެ މީހަކު އެ ކުށެއް ކުރިކަމުގެ ތުހުމަތު އުފެދޭ މިންވަރުގެ ހެކި ކަމަށާއި އެގޮތަށް ހައި ކޯޓުން ކުރިން ވެސް ނިންމާފައި ވާނެ ކަމަށް ހުކުމުގައިވެ އެވެ.

ލޫކަސް ބަންދުކުރަން ޖިނާއީ ކޯޓުން ނެރުނު ދެވަނަ އަމުރު ވެސް ހައި ކޯޓުގައި އޮތީ އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލަ ވެސް މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.