29 ޖެނުއަރީ 2019 - 13:55

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހުއްދަ ނެތި ހުޅުމާލޭ ބީޗުގައި ހިންގާ ކެފޭތައް އަންނަ ބުރާސްފަތި ދުވަހަށް ހުސްކުރާ ގޮތަށް އޮތް އޮތުން ބަދަލު ނުވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ، ބީޗު ސަރަހައްދުގައި ހިންގާ ކެފޭތައް 31 ޖެނުއަރީގެ ކުރިން ނަގަން ޖެހޭނެ ކަމަށެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގައި ކެފޭތައް ނުނަގާ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތަކާ ދޭތެރޭ މަޝްވަރާ ކުރަމުންދާ ކަމަށް ސުހެއިލް ވިދާޅުވި އެވެ.
ސުހެއިލް ވިދާޅުވީ، ހުޅުމާލޭ ޕްލޭން ކުރެވިފައިވާ ގޮތުން ދެވަނަ ފިޔަވަހީގެ ނަރުދަމާ އާއި ފެނުގެ ހިދުމަތްތަކަށް ބޭނުންވާ ހޮޅިތައް ވަޅުލުމަށް ހަމަޖެހިފައި ވަނީ ބީޗު ސަރަހައްދުން ކަމަށެވެ. އެހެންވެ އެ ސަރަހައްދަކީ ވިޔަފާރީގެ ބޭނުމަށް ދޫކުރުމަށް ރާވާފައިވާ ސަރަހައްދެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އެޗްޑީސީން ހުޅުމާލެ ބީޗް ސަރަހައްދު ހުސްކުރުމަށް އަންގާފައި ވަނީ ހުޅުމާލެ ގެސްޓްހައުސްތަކުން ވިޔަފާރީގެ ބޭނުންތަކަށް ބީޗު ބޭނުންކުރާ މައްސަލަ ބޮޑުވެ އާންމުންގެ ޝަކުވާ ބޮޑުވުމާ ގުޅިގެންނެވެ.
ފާޑުކިޔާ މީހުން ބުނަނީ ބީޗް ސަރަހައްދު މިހާރު ވަނީ ކެފޭތަކާއި ރެސްޓޯރެންޓްތަކުން ހިސޯރުކޮށްފައި ކަމަށާއި ބީޗު ސަރަހައްދަކީ އެންމެންނަށް އެއް ހަމައެއްގައި ބޭނުންކުރެވޭ ތަނަކަށް ހަދަންޖެހޭ ކަމަށެވެ.
އެޗްޑީސީން އެ ސަރަހައްދު ހުސްކުރުމަށް އަންގާފައިވާ މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް ބީޗުގައި ގޮނޑި މޭޒު ބަހައްޓައިގެން ކެފޭތައް ހިންގާ ގިނަ ފަރާތްތަކުން މޭޒުތައް އަދި މިހާތަނަށް ނަގައިފައެއް ނުވެ އެވެ.