"ފާސްޓް 8" ނިންމާލި އިރު، ފިލްމުގެ ކާސްޓް ބައިބައިވެފައި!
"ފާސްޓް 8" ނިންމާލި އިރު، ފިލްމުގެ ކާސްޓް ބައިބައިވެފައި!

ޒުވާނުންގެ މެދުގައި މަގުބޫލު ފްރެންޗައިޒް "ފާސްޓް އެންޑް ފިއުރިއަސް" ގެ އަށް ވަނަ ފިލްމުގެ ޝޫޓިން މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ނިންމާލައިފަ އެވެ.

"ފާސްޓް 8" ނިންމާލި އިރު، ފިލްމުގެ ކާސްޓް ބައިބައިވެފައި!
"ފާސްޓް 8" ނިންމާލި އިރު، ފިލްމުގެ ކާސްޓް ބައިބައިވެފައި!

މަޝްހޫރު ގިނަ ތަރިންތަކެއް ހިމެނޭ އެ ފިލްމުގެ ޝޫޓިން ނިންމާލުމާ އެކު، މިހާރު އިވެނީ މުޅިން ތަފާތު ވާހަކައެކެވެ. ފަހަރުގައި މިއީ ފިލްމުގެ ފޭނުން އެހާ ހިތްހަމަޖެހޭ ކަހަލަ ވާހަކައަކަށް ވެސް ނުވެދާނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ފާސްޓްގެ ފުރަތަމަ ފިލްމުން ފެށިގެން މުހިއްމު ރޯލެއް އަދާ ކުރަމުން އެކްޓަރު އަދި މި ފިލްމުގެ ޕްރޮޑިއުސަރު ވިން ޑީސަލް އާއި އޭގެ ފަސް ވަނަ ފިލްމުން ފެށިގެން ހަރަކާތްތެރިވަމުން އަންނަ ޑްވޭން ޖޯންސަން (ރޮކް) އާ ދެމެދު ވަނީ މައްސަލަތަކެއް އުފެދިފަ އެވެ.

މައްސަލައިގެ އަސްލަކަށްވީ ފިލްމުގެ އެކްޓަރެއްގެ ފަރާތުން ހިތްހަމަނުޖެހޭ ކަހަލަ "އަންޕްރޮފެޝަނަލް" ކަންތައްތަކެއް ތަޖުރިބާކުރަން ޖެހުނު ކަމަށް ބުނެ ރޮކް ސޯޝަލް މީޑިއާގައި ދެއްކި ވާހަކައަކާ ގުޅިގެންނެވެ. އޭނާގެ އެ ވާހަކަ ރައްދު ކުރީ ޑީސަލްއަށެވެ.

މި މައްސަލަގަނޑު ފެންމަތިވުމާ އެކު ފިލްމުގެ ކާސްޓުން ދެ ބަޔަކަށް ބެހިފައިވާ ކަމަށްވެ އެވެ. އެއް ބަޔަކު ތިބީ ރޮކަށް ތާއީދުކޮށްގެންނެވެ. އޭގެ ތެރޭގައި ހެލެން މިރެން، ސްކޮޓް އީސްޓްވުޑް އަދި ޓައިރީޒް ގިބްސަން ހިމެނޭ ކަމަށްވެ އެވެ.

އަނެއް ބަޔަކު ތިބީ ޑީސަލް އާ އެކުގަ އެވެ. އަދި އޭނާ އަށް އިޝާރާތްކޮށް، ރޮކް ދައްކާ ވާހަކަތައް އެހާ ސީރިއަސްކޮށް ނަގާކަށް ވެސް ޑީސަލްގެ ފަޅި ބޭނުން ނޫން ކަމަށްވެ އެވެ.

މިކަމާ ބެހޭ ގޮތުން އެކްޓަރު ޖޭޒަން ސްޓެތަމް އާ ސުވާލު ކުރުމުން އޭނާ ވަނީ އެއްވެސް މީހަކާ ދޭތެރޭ މައްސަލައެއް ނެތް ކަމަށް ބުނެ އެވެ.

"އަހަރެން މިހިރީ އެންމެންނާ އެކު،" އޭނާ ބުންޏެވެ.

ރޮކާ ބެހޭ ގޮތުން ޑީސަލް ބުނީ ރޮކް "ފާސްޓް އެންޑް ފިއުރިއަސް" ގެންނަން ބޭނުންވީ ފޭނުންނަށްޓަކައި ކަމަށެވެ. އަދި މި ފްރެންޗައިޒަށް ރޮކް އައުމުން ފިލްމަށް އިތުރަށް ވަރުގަދަވެގެން ގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ.

"އެކަމަކު ފާސްޓްގެ ފަސް ވަނަ ފިލްމަށް ރޮކް ގެންނަން ނިންމި އިރު، އޭނާ ކުޅޭ ރޯލަކީ ޓޮމީލީ ޖޯންސަށް ހާއްސަކޮށްގެން ލިޔުނު ކެރެކްޓާއެއް،" ޑީސަލް ބުންޏެވެ. "އެކަމަކު އެ ރޯލް ރޮކް ވަނީ މަގުބޫލްކޮށް ދީފައި. އެކަމަށްޓަކައި އޭނާ އަށް ޝުކުރު އަދާ ކުރަން."

"ފާސްޓް އެންޑް ފިއުރިއަސް 8" ގެ މަސައްކަތް ނިންމާލުމަށް ފަހު، ޕްރޮޑަކްޝަން ޓީމުން ވަނީ ފިލްމުގެ ފިލްމުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ކާސްޓުންނަށާއި ކްރޫ އަށް ހާއްސަ ޝުކުރެއް އަދާކޮށްކޮށްފަ އެވެ.

ހާއްސަކޮށް ކުރީގެ ފިލްމުތަކުގެ އެންމެ ހާއްސަ އެއް އެކްޓަރު ޕޯލް ވޯކާގެ މަތިން ހަނދާންކޮށްފައިވެ އެވެ. އޭނާ މަރުވީ ކާރު އެކްސިޑެންޓެއްގައި 2013 ގަ އެވެ.

އެފް ގެރީ ގްރޭ ޑައިރެކްޓް ކުރާ "ފާސްޓް 8" އިތުރު ތަރިންގެ ތެރޭގައި ޗާލީޒް ތެރަން، ކާޓް ރަސަލް، ކްރިސް ބްރިޖެސް، ލޫކަސް ބްލަކް އަދި ނަތާލީ އެމެނުއެލް ހިމެނެ އެވެ.

މި ފިލްމ ސިނަމާތަކަށް އަންނާނީ އެޕްރީލް 14، 2017 ގަ އެވެ.