29 ޖެނުއަރީ 2019 - 11:26

މެންޗެސްޓާ (ޖެނުއަރީ 29) - މިދިޔަ މަހު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެ އޮލެ ގުނަ ސޯލްޝެއާ މިހާތަނަށް ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓަމުން އައި ނަމަވެސް އޭނާގެ އަސްލު ކާމިޔާބީ ސިފަވަނީ ސަޕޯޓަރުންގެ މޫނުމަތިން ފެންނަ ހިތްހަމަޖެހުމުން ކަމަށް ޔުނައިޓެޑްގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން ބުނެފި އެވެ.
ޔުނައިޓެޑަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމަށް ފަހު 2013 ވަނަ އަހަރު އެ ޓީމާ ފާގަސަން ދުުރުވި ފަހުން މިހާތަނަށް އެ ޓީމާ ވަނީ ތިން ކޯޗަކު ހަވާލުވެފަ އެވެ. ފާގަސަންގެ ލަފާގެ މަތިން ފުރަތަމަ ގެނައީ ޑޭވިޑް މޮއިސް އެވެ. އޭނާ އަށް ސީޒަނެއް ފުރިހަމަ ނުކުރެވި އޮއްވައި އެ ޓީމުން ވަކިކުރި އެވެ. އޭގެ ފަހުން ޔުނައިޓެޑަށް ގެނައި ދެ ކޯޗުން ކަމަށްވާ ލުއީ ވެން ހާލާއި ހޯސޭ މޮރީނިއޯގެ ދުވަސްވަރު ފާގަސަންގެ މާ ބޮޑު ބައިވެރިވުމެއް ކްލަބުގައި ނެތެވެ.
އެކަމަކު ޔުނައިޓެޑްގެ ކޯޗުކަމާ ސޯލްޝެއާ ހަވާލުވި ފަހުން ފާގަސަން އަންނަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
"ތެދެއް ސޯލްޝެއާ އަށް އަހަރެން މި އަންނަނީ އެހީވަމުން. އެކަމަކު ޔުނައިޓެޑުގައި އެ ކުރާ މަސައްކަތުގެ ފަހަތުގައި އޮތީ އޭނާގެ ދައުރު. މީގެ އަހަރެން ހަމައެކަނި އޭނަ އަށް ރަނގަޅު ގޮތް ބުނެލަދިނީ. އަހަރެން ދެކޭ ގޮތުގައި ޔުނައިޓެޑުގެ ނަތީޖާތަކުގެ ފަހަތުގައި އޮތް އެންމެ ބޮޑު ހާއްސަ ކަމަކީ ސަޕޯޓަރުންގެ ހިތްހަމަ ޖެހުން. ސޯލްޝެއާ އައިސް ސަޕޯޓަރުން ހެއްވާލަދީފި. މިއީ ޔުނައިޓެޑްގެ ކާމިޔާބު ފެށޭ ހިސާބަކީ،" ފާގަސަން ސްކޮޓްލެންޑްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
ސޯލްޝެއާ ދާދި ފަހުން ބުނީ ޔުނައިޓެޑާ ހަވާލުވުމުގެ ކުރިން ފާގަސަންގެ ލަފާހޯދި ކަމަށާއި ކޯޗިން ކެރިއަރުގައި އަބަދުވެސް ފާގަސަންގެ އެހީ ހޯދާނެ ކަމަށެވެ.
ޔުނައިޓެޑްގެ ކޯޗުކަމާ މިދިޔަ މަހު ހަވާލުވެ، ސޯލްޝެއާގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު އަށް މެޗުން ވަނީ މޮޅުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ލީގުގެ ހަ މެޗާއި އެފްއޭ ކަޕްގެ ދެ މެޗެވެ. ސޯލްޝެއާ މިހާރު އޮތީ އަލަށް އައިސް ޓީމަކާ ހަވާލުވެ ލީގުގައި އެންމެ ގިނަ މެޗުން މޮޅުވެ، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ޗެލްސީގެ ކުރީގެ ކޯޗު ކާލޯ އަންޗެލޮޓީގެ ރެކޯޑާ ހަމަވެފަ އެވެ.
މިރޭ އަމިއްލަ ދަނޑުގައި ބާންލީއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުން މޮޅުވެއްޖެނަމަ ސޯލްޝެއާ އަށް ޕްރިމިއާ ލީގުގެ އާ ރެކޯޑެއް ގާއިމުކުރެވޭނެ އެވެ. ޔުނައިޓެޑް މި ވަގުތު އޮތީ 23 މެޗުން 44 ޕޮއިންޓް ހޯދައި ލީގުގެ ހަ ވަނައިގަ އެވެ. ސޯލްޝެއާ ބުނީ ޔުނައިޓެޑްގެ އަމާޒަކީ ހަމައެކަނި ގަދަ ހަތަރެއް ނޫން ކަމަށާއި މި ސީޒަނުގައި ތަށްޓަކާ އެކު ނިންމާލުން ކަމަށެވެ.
ވަގުތީ އެއްބަސްވުމެއްގައި ސީޒަނުގެ ނިޔަލަށް ޔުނައިޓެޑްގައި މި ވަގުތަށް ހުރި ނަމަވެސް އޭނާ އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ދާއިމީ ގޮތެއްގައި މަގާމުގައި ހުރެވޭތޯ ކަމަށް ސޯލްޝެއާ ވަނީ ބުނެފަ އެވެ.
ބާންލީއާ ދެކޮޅަށް ޔުނައިޓެޑް އަމިއްލަ ދަނޑުގައި ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 1 ޖަހާއިރު އެެވެ.