ބެސްޓް ފްރެންޑަކީ ދަރިފުޅު އަރިޔަމަން: ބޮބީ ޑިއޯލް
ބެސްޓް ފްރެންޑަކީ ދަރިފުޅު އަރިޔަމަން: ބޮބީ ޑިއޯލް

އަބަދުވެސް އެންމެ ގާތް އެކުވެރިޔަކީ ދޮށީ ފިރިހެން ދަރިފުޅި އަރިޔަމަން ޑިއޯލް ކަމަށް އެކްޓަރު ބޮބީ ޑިއޯލް ބުނެފި އެވެ.

އާދީއްތަ ދުވަހު 50 އަހަރު ފުރުނު އެކްޓަރު ބުނި ގޮތުގައި 17 އަހަރުގެ ދަރިފުޅާ އެކު އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮވެ އެވެ. އަދި އުމުރުން 50 ވީމާ އެ ގުޅުން އަދި މާ ބޮޑަށް ވެސް ވަރުގަދަ ވާނެ ކަމަށް ބޮބީ ބުންޏެވެ.

އަރިޔަމަންއާ އެކު ނަގާފައިވާ ސެލްފީއެއް ވެސް އިންސްޓަގްރާމްގައި ހިއްސާ ކުރަމުން 90ގެ އަހަރުތަކުގައި ވިދައިލި ބޮބީ ބުނީ އުމުރުން 50 އަހަރު ވިޔަސް އޭނާ އަށް އަދިވެސް އިހުސާސް ކުރެވެނީ 20 ގެ އަހަރުތަކުގައި އުޅެވޭހެން ކަަމަށެވެ. އަދި އަރިޔަމަންގެ ސަބަބުން އޭނާގެ އެންމެ ޒުވާން އުމުރުގެ ދުވަސްތަކުގެ ހަނދާންތައް އާވާ ކަމަށް ބުންޏެވެ.

އަރިމަންގެ އިތުރުން ބޮބީގެ ދެން ވެސް ހުންނަނީ ފިރިހެން ކުއްޖެކެވެ. އެއީ 14 އަހަރުގެ ދަރަމް ޑިއޯލް އެވެ.

ފިލްމު "ބަރުސާތު" އިން 1995 ގައި ބޮލީވުޑަށް ނުކުމެ ބޮބީ ވަނީ "ސޯލްޖާ" އާއި "ގުޕްތް" އަދި "ހަމްރާޒް" ފަދަ ކާމިޔާބު ފިލްމުތަކެއް ކުޅެފަ އެވެ. ނަމަވެސް މި ފަހުން އޭނާ ފިލްމުތަކުން ފެނުން މަދުވެ، ކުޅޭނެ ރަނގަޅު ފިލްމެއް ވެސް ނުލިބެ އެވެ.

މިދިޔަ އަހަރު ރިލީޒް ކުރި "ރޭސް 3" އިން، ހަށިގަނޑަށް ގެނައި ބޮޑު ބަދަލަކާ ވެސް އެކު، ބޮބީ އަލުން ޓްރެކަށް ރުޖޫއަވާން މަސައްކަތް ކުރަމުން އަންނަ އިރު، އޭނާ އަށް ސަލްމާން ހާންގެ އެހީތެރިކަން އަންނަނީ ވަރަށް ބޮޑަށް ލިބެމުންނެވެ.

ބޮބީގެ ކުރިއަށް ފިލްމަކީ މި އަހަރުގެ އޮކްޓޯބަރު މަހު ރިލީޒް ކުރާ ކޮމެޑީ ފިލްމު "ހައުސްފުލް 4" އެވެ.

ބޮބީގެ ބޭބެ އަދި އެކްޓަރު ސަނީ ޑިއޯލް މިހާރު އަންނަނީ އޭނާގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް ބޮލީވުޑަށް ނެރެން ތައްޔާރުވަމުންނެވެ. ބެލެވޭ ގޮތުން ދަރްމެންދުރާގެ އާއިލާ އިން ބޮލީވުޑަށް ނުކުންނާނެ އިތުރު ތަރިންގެ ތެރޭގައި ސަނީގެ ހަގު ފިރިހެން ދަރިފުޅު ރަޖްވީރު ޑިއޯލް، 22، އާއި ބޮބީގެ ދަރިފުޅު އަރިޔަމަން ވެސް ހިމެނެ އެވެ.